ރިޕޯޓް
އައު ޓާރމިނަލް: ތަރައްޤީގެ މުހިއްމު މޭލުދަނޑިއެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އައު ޓަރމިނަލް ފޮޓޯ:އެމްއޭސީއެލް

ފަރުދުން
13 ޖުލައި 2025، 01:14
13 ޖުލައި 2025، 01:14
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ހުރިހާ ގޮތަކުން ވެސް ރާއްޖޭގެ ތަރައްގީއާ ގުޅިފައިވާ ނަމޫނާ މަސައްކަތެކެވެ. މި މަސައްކަތް ވުޖޫދުވާން މެދުވެރިކުރުވި ސަބަބުން ފެށިގެން، އެ އެއަރޕޯޓުގެ ތަރައްގީގެ ކޮންމެ މަރުހަލާއަކީ، މި ޤައުމުގެ ކުރިމަގު ރޭވުމަށް މުހިންމު ތަޖުރިބާއެކެވެ. ހުޅުލޭ އެއަރޕޯޓުން ފެށިގެން މިއަދާ ހަމައަށް ވެސް އެއީ ދިވެހިންގެ އެއަރޕޯޓެވެ. ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާއެވެ. ދިވެހިރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޓާމިނަލް ހުޅުވާނެ ދުވަހެއްގެ އިންތިޒާރުގައި ދިވެހިން ތިބޭތާ އެތައް ދުވަހެއް ވެއްޖެއެވެ.
ތަރައްގީގެ މަސައްކަތުގައި ކުރިމަތިވި ހުރަސްތަކާއި ހޯދުނު ކާމިޔާބީ
ފާއިތުވެދިޔަ ސަރުކާރުން މި މަސައްކަތް ފެށިކަމުގައިވިޔަސް، އެހެން ހުރިހާ ކަމެކޭ އެއްގޮތަށް އެކަން ވެސް ދިޔައީ ފިނިހަކަ ދުވެލީގައެވެ. މަސައްކަތް ލަސްވެ އެކި އެކި ތާރީޚުތައް ދެމުންދިޔައެވެ. 2019 ވަނަ އަހަރު އެއާޕޯޓްގައި ކުރިއަށްދާ މަސައްކަތްތައް ނޫސްވެރިންނަށް ދައްކައިލުމަށް ފަހު، އެމްއޭސީއެލްގެ އޭރުގެ އެކްޓިން މެނޭޖިން ޑައިރެކްޓަރ އަދި އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ބޮޑުބޭބެ މޫސާ ސޯލިހް ވިދާޅުވީ އާ ޓާމިނަލްގެ މަސައްކަތް ލަސްވީ ފައިސާ ހަމަޖެހުމުގައި ދަތިތަކެއް ކުރިމަތިވެގެން ކަމަށެވެ. އެކަމަކު މަސައްކަތް ކުރިއަށް ގެންދެވޭވަރަށް ފައިސާ ހަމަޖެހިފައިވާ ކަމަށާއި ޓާމިނަލްގެ މަސައްކަތް 2022 ގައި ނިންމާލެވޭނެ ކަމަށް ކުރިން ވަނީ ވިދާޅުވެފައެވެ.
އިންޓަނޭޝަނަލް ޓާމިނަލްގެ އެންމެ ބޮޑު ލަސްވުމެއް ކަމަށް މިވީ މީގެ ފައިނޭންސްގެ ކަންތައް. މިއީ ހަތަރު ޕާޓީއަކުން ފައިނޭންސް ކުރަން އެއްބަސްވެފައި އޮތް ޕްރޮޖެކްޓަކަށް ވެފައި، ހަތަރު ޕާޓީގެ މެދުގައި ދާންވީމާގެ އޭގެ ފައިނޭންސްގައި ދިމާވި ކުދި ކުދި ކަންތައްތަކެއް އޭރުގެ އެކްޓިން
މެނޭޖިންގ ޑައިރެކްޓަރ
ފާއިތުވި ސަރުކާރުގެ ދައުރު ނިމުނު އިރު ވެސް އެއަރޕޯޓް ޓާމިނަލް ނުނިމުނެވެ. މި ސަރުކާރު އައުމަށްފަހު، ސަރުކާރުގެ ފުރަތަމަ 6 މަސް ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ކުރިއަށް ވުރެން އިތުރު ފުރިހަމަކަމާއެކު އަވަސް ދުވެލީގައި މަސައްކަތް ނިންމެވިއެވެ. ރައީސް މުޢިއްޒު ކޮންމެ ކަމެއް ވެސް ގެންދަވަނީ ނުހަނު ހިކުމަތްތެރިކަމާއެކު ދެމެހެއްޓެނިވި ގޮތްތަކަށް ބިނާކޮށް، ފަހަށް ފައިދާވާނެ ގޮތްތަކަށެވެ. މި ކާމިޔާބީގައި ޝާމިލްވާ ހުރިހާ ވެރިންނަށާއި ފަރާތްތަކަށް ވެސް ޝުކުރު ހައްޤެވެ.
ގައުމީ ފަޚުރެއް އަދި އިގްތިސާދީ ކުރިއެރުން
ވެލާނާގެ އާ ޓާމިނަލް ހުޅުވޭތީ ފަޚުރުވެރިވާންވީ ސަރުކާރުގެ ވެރިންނާއި، އެމް.އޭ.ސީ.އެލްގެ މުވައްޒަފުން އެކަންޏެއް ނޫނެވެ. މިއީ ދިވެހި ރައްޔިތުންނަށް ލިބިގެންދާ ފަޚުރަކާއި ޝަރަފެކެވެ. މި މަޝްރޫޢު ނިމުމުން ދިވެހިންނަށް އާމްދަނީ އިތުރުވާނެ އިތުރު ގޮތް ފަހިވާނެއެވެ. ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މި މަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގެ އާ ޓާމިނަލް ހުޅުވަން ވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރު އެ ދަނީ ވަމުންނެވެ.
އިތުރުވި މަސައްކަތްތަކާއި މާލީ އެހީ
އާ ޓާމިނަލްއާ ގުޅޭ މަގުތައް ހެދުމަކީ މީގެކުރިން، ޕްލޭން ކުރެވިފައި އޮތް ކަމެއް ނޫނެވެ. ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، މި މަސައްކަތް ސްކޯޕްގެ ތެރޭގައި ނުހިމެނެއެވެ. އެމަނިކުފާނު ވަނީ މަގު ހެދުމުގެ މަސައްކަތަށް ޚާއްސަ އިސްކަމެއް ދެއްވާފައެވެ. އާ ޓާމިނަލް ހުޅުވޭ އިރަށް، ޓާމިނަލްގެ ކުރިމަތި (ޕާކިން ޒޯން) ވަރަށް ބޮޑަށް ބަދަލުވެގެން ދާނެއެވެ. މިހާރު ވެސް އެ މަންޒަރު ދަނީ ފެންނަމުންނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން އިތުރު 40 މިލިޔަން ޑޮލަރު ނުވަތަ 616 މިލިޔަން ރުފިޔާގެ ލޯނު އެހީ ދީފައިވެއެވެ. އަބޫދާބީ ފަންޑުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢު ނިންމުމަށް ދިން 40 މިލިއަން އެމެރިކާ ޑޮލަރަކީ 2017 ވަނަ އަހަރު މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާތަކަށް ދީފައިވާ 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނަށް އިތުރަށް ދިން ޢަދަދެކެވެ.
ޓާމިނަލްގެ ޤާބިލިއްޔަތު އަދި ބައިނަލްއަގްވާމީ މިންގަނޑުތައް
ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓާމިނަލަކީ އަހަރަކު 1.5 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާމިނަލެކެވެ. އެހެންނަމަވެސް، އާކޮށް ތަރައްގީކުރާ 78 ހާސް އަކަ މީޓަރުގެ އައު ޓާމިނަލަކީ އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްގީކުރާ ޓާމިނަލެކެވެ.
ވީ.އައި.އޭގެ އައު ޓާމިނަލް ހުޅުވިގެންދާނީ ބައިނަލްއަގްވާމީ މިންގަނޑުގައި ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވަނީ ބުނެފައެވެ. އެމް.އޭ.ސީ.އެލް އިން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މި ފަދަ ބޮޑު މަސައްކަތެއް ހިނގަމުންދާއިރު ގައުމީ އަދި ބައިނަލްއަޤްވާމީ ގޮތުން އެމް.އޭ.ސީ.އެލް އިން އަމަލުކުރާ ހަމަތަކާއި އުސޫލުތަކެއް ގާއިމްވެފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައި.ސީ.އޭ.އޯ) އާއި، އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައި.އޭ.ޓީ.އޭ) ގެ މިންގަނޑުތަކަށް ފުރިހަމައަށް އެމް.އޭ.ސީ.އެލް އިން އަމަލުކުރަންޖެހޭ ކަމަށް ބުނެފައިވެއެވެ. އެގޮތުން ބަޔާން ކުރެވުނު ތިން ފަރާތުގެ މިންގަނޑުތަކަށް އެއަރޕޯޓްގެ ފެސިލިޓީތައް އޮޕަރޭޓް ކުރުމުގެ ކުރިން ތަންފީޒު ކުރުމަށްޓަކައި އެކަށައަޅާފައިވާ ވެލިޑޭޝަން ބްރިޖަކީ "އޮރާޓް" ކަމަށް ބުނެފައިވެއެވެ.
އޮޕަރޭޝަނަލް ރެޑިނެސް އެންޑް އެއަރޕޯޓް ޓްރާންސްފަރ (އޮރާޓް)
"އޮރާޓް" އަކީ އެއަރޕޯޓެއް ނުވަތަ އާ ޓާމިނަލެއް ހުޅުވުމުގެ ކުރިން އެތަނުގެ ހިދުމަތްތަކާއި ޕްރޮސީޖަރުތައް ތައްޔާރުކުރުމާއި، އިކުއިޕްމަންޓު އަދި މެޝިނަރީސް ޓެސްޓު ކުރުމާއި، އެތަނުގައި މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި، ހުޅުވުމުގެ ކުރިއާއި ފަހަތަށް މުޅި އެއަރޕޯޓް ނުވަތަ ޓާމިނަލް ގައުމީ އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ތައްޔާރުކޮށްފައިވޭތޯ ކަށަވަރުކުރުމެވެ. އެގޮތުން އެމް.އެން.ޑީ.އެފް، އެމް.އޭ.ސީ.އެލް، އަދި ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓަރޭޝަން (ދާސާ) ގެ މިންގަނޑުތައް ކަށަވަރުކުރަންޖެހެއެވެ.
އޮރާޓްގެ ސަބަބުން ލިބޭ ފައިދާތަކަށް ބަލާއިރު، އާ ޓާމިނަލް ހުޅުވުމުގެ ކުރިން އޮޅުންބޮޅުންތަކާއި ހާލަތު ގޯސްވުންތަކުން ފަސިންޖަރުންނާއި މުވައްޒަފުން ސަލާމަތްކުރެއެވެ. އަދި ރައްކާތެރިކަމާއެކު ހިދުމަތުގެ ފެންވަރު ކަށަވަރުކޮށް، ފަސިންޖަރުންގެ އިތުރުން ސްޓޭކް ހޯލްޑަރުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ކަށަވަރުކޮށްދޭނެ ކަމަށް އެމް.އޭ.ސީ.އެލް އިން ވަނީ ބުނެފައެވެ. މިއީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް އެއްގޮތްވާ ގޮތުގެ މަތިން އެއަރޕޯޓެއް ހުޅުވުމަށް ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ.
އޮރާޓްގެ މަރުޙަލާތައް:
އޮރާޓްގެ މަސައްކަތްތައް މައިގަނޑު ހަ މަރުހަލާއަކަށް ބަހާލެވިފައިވެއެވެ:
އޮޕަރޭޝަނަށް ކަންކަން ރާވާލުމާއި ތައްޔާރުވުން: މިއީ އޮރާޓްގެ ފުރަތަމަ މަރުހަލާއެވެ. މި މަރުހަލާގައި ވެލާނާ އެއަރޕޯޓުގައި މަސައްކަތްކުރާ ފަރާތްތައް ކަމަށްވާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، އެއަރލައިންސް، އަދި އެހެނިހެން މަސައްކަތްތެރިން ދެނެގަނެ، ޓީމުތައް އެކުލަވާލައި، އެމީހުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެކަށައަޅައި ކުރިއަށް ގެންދެއެވެ. މީގެ އިތުރުން، އެއަރޕޯޓުގައި ބޭނުންކުރަން ގަސްތުކުރާ އަދި ބޭނުންކުރަމުން އަންނަ ސިސްޓަމްތަކާއި މެޝިނަރީޒް، މިސާލަކަށް ބެގޭޖް ހޭންޑްލިން ސިސްޓަމާއި ސެކިއުރިޓީ ސިސްޓަމާއި ޗެކިން ސިސްޓަމްތައް މި މަރުހަލާގައި ދެނެގަނެވޭނެއެވެ.
ހުރިހާ ކަމެއް އަޖުމަބެލުން ނުވަތަ ޓެސްޓު ކުރުން: މި މަރުހަލާގައި އެއަރޕޯޓުގެ އައު ޓާމިނަލްގައި ބޭނުންކުރާ އަދި ބޭނުންކުރަން ގަސްތުކުރާ އިކުއިޕްމަންޓާއި މެޝިން އަދި މެޝިނަރީޒްގެ އިތުރުން ބޭނުންކުރާ ހުރިހާ ޓެކްނޮލޮޖީއެއްގެ އަޖުމަބެލެއެވެ. މި އަޖުމަބެލުމުގެ ތެރެއިން މި އިކުއިޕްމަންޓާއި މެޝިނަރީޒްގެ އިތުރުން ބޭނުންކުރާ ހުރިހާ ޓެކްނޮލޮޖީއެއްގައި ހުރި މައްސަލަތައް ދެނެގަނެ، ހުޅުވުމުގެ ކުރިން އެކަންކަން ހައްލުކުރެވޭނެއެވެ.
ހާލަތު ތަމްސީލު ކުރުން ނުވަތަ އޮޕަރޭޝަނަލް މޮކަޕެއް ކުރިއަށް ގެންދިއުން: އޮރާޓްގެ ތިންވަނަ މަރުހަލާއަކީ ޓާމިނަލްގެ އޮޕަރޭޝަން ތަމްސީލީ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ތަޖުރިބާ ކުރުމެވެ. މި މަރުހަލާގައި ދެހާހެއްހާ މީހުން ފަސިންޖަރުންގެ ގޮތުގައި ބޭނުންކޮށްގެން މުޅި ޓާމިނަލްގެ ފުރިހަމަ ޓްރައެލްއެއް ބޭއްވޭނެއެވެ. މި ޓްރައެލްގައި ފްލައިޓުތަކާއި ފަސިންޖަރުންނާއި ގުޅިފައިވާ ހާލަތްތަކުގައި ހަރަކާތްތެރިވާނެ ގޮތްތައް ދެނެގަނެ ތަމްސީލުކުރެވޭނެއެވެ. މީގެ އިތުރުން އާ ޓާމިނަލްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުވައްޒަފުން ތަމްރީނުކުރުމުގެ ތެރެއިން، މުވައްޒަފުން ޚިދުމަތްދިނުމުގައި ފާހަގަކުރެވޭ އުނދަގޫތައް ދެނެގަނެ އެކަންކަން ރަނގަޅުކުރެވޭނެއެވެ.
މުވައްޒަފުން ތަމްރީނު ކުރުން: މި މަރުހަލާގައި އާ ޓާމިނަލްގައި ބޭނުންކުރާ ސިސްޓަމްތަކާއި އިކުއިޕްމަންޓު ބޭނުންކުރާނެ ގޮތްތަކާއި އުސޫލުތައް ބުނެދެވޭނެއެވެ. އަދި ނުރައްކަލުގެ ހާލަތުގެ ކަންކަމަށް މުވައްޒަފުން އަހުލުވެރިކުރުވުމަށްޓަކައި ޑްރިލްސްތައް ކުރިއަށް ގެންދެވޭނެއެވެ. މިސާލަކަށް އަލިފާނުގެ ހާދިސާތަކާއި ގުޅިގެން ޓާމިނަލްއިން މީހުން ހުސްކުރުން ފަދަ ޚާއްސަ ހާލަތްތަކަށް މުވައްޒަފުން ތަމްރީން ކުރެވޭނެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޓާމިނަލް ހުޅުވުމަކީ، ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ މުހިންމު ކާމިޔާބީއެކެވެ. މިއީ ހަމައެކަނި ފަސިންޖަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ އިޤްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ގައުމީ ފަޚުރު އާލާކުރާނެ ކަމެކެވެ. މި މަޝްރޫޢުގެ ދަށުން އެއަރޕޯޓްގެ ޤާބިލިއްޔަތު ވަރަށް ބޮޑަށް އިތުރުވެ، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ފެންވަރަށް ޚިދުމަތް ދެވޭނެއެވެ.މި އަޒުމާއެކު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޓާމިނަލް ހުޅުވިގެންދާއިރު، މިއީ ރާއްޖޭގެ ތަރައްގީގެ އާ އުފާވެރި ފެށުމެކެވެ.
* މޭލުދަނޑި: ކަމެއްގެ ތާރީޚުގައި ނުވަތަ މީހެއްގެ ހަޔާތުގައި ހިނގާފައިވާ މިހިންމު ކަމެއް