Ads by Exprox

ޚަބަރު

ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަން މަޝްވަރާކޮށްފި

ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަން މަޝްވަރާކޮށްފި

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ޑްރަގް ކޯޓު ގުޅިގެން ބޭއްވި މަޝްވަރާ ބައްދަލުވުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 އޮކްޓޯބަރު 2024، 08:10

17 އޮކްޓޯބަރު 2024، 08:10

 ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ޑްރަގް ކޯޓު ގުޅިގެން ބޭއްވި މުހިންމު މަޝްވަރާ ބައްދަލުވުމެއްގައި، ޑްރަގް ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ފަރުވާއަށް ޙުކުމްކުރެވި އެއްބާރުލުން ނުދޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި، އެންޑީއޭގެ ޓެކްނިކަލް ކޮމިޓީއާއި ޑްރަގް ކޯޓު ގުޅިގެން ކުރެވޭ މަސައްކަތްތަކުން އެދެވޭ ނަތީޖާ ޙާޞިލުކުރުމަށްޓަކައި ދެފަރާތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

އެންޑީއޭއިން ހާމަކުރި ގޮތުގައި، ރާއްޖޭގެ ތިން ސަރަޙައްދެއްގައި (ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅު) ރިހެބިލިޓޭޝަން ފަރުވާ ދޭ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މެލޭޝިއާގެ ސޮލޭސް އޭޝިއާ ސީޑީއެން ބީއެޗްޑީއާއެކު އެމްއޯޔޫއެއްގައި ސޮއިކުރެވި، އެންޑީއޭއިން ހުއްދަ ދީފައިވާ ސެންޓަރެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

އެންޑީއޭގެ ރެޒިޑެންޝަލް ފަރުވާގެ ޚިދުމަތްދެވޭ އެންމެހައި މަރުކަޒުތަކުން ރިމާންޑް ސެންޓަރުގެ ޚިދުމަތް ދެވޭނެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ. އަދި ގއ. ދާންދޫ ޞިއްޙީ މަރުކަޒާއި އެންޑީއޭ ގުޅިގެން އެ ރަށުގައި ޑިޓޮކްސްގެ ޚިދުމަތް ފަށާފައިވާ ކަމަށާއި، ފުވައްމުލަކު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުން މެތަޑޯން ފަރުވާގެ ޚިދުމަތް މިއަހަރުގެ މާރޗު މަހު ފަށާފައިވާ ކަމަށް އެންޑީއޭއިން ކުރިން ވަނީ ހާމަކޮށްފައެވެ.

މި އެންމެހައި ފިޔަވަޅުތަކަކީ ދިވެހިރާއްޖޭގައި ޑްރަގް ފަރުވާގެ ނިޒާމު ހަރުދަނާކޮށް، މަސްތުވާތަކެތީގެ ނުރައްކަލުން މުޖުތަމަޢު ސަލާމަތްކުރުމަށް އެޅޭ އުއްމީދީ އަދި މުހިންމު ފިޔަވަޅުތަކެއް ކަމުގައި ބެލެވެއެވެ.
                    

                    

މި ލިޔުން ކިޔާލުމުން

Ads by Stelco