ޚަބަރު
ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް

ފަރުދުން
16 ޖުލައި 2025، 02:55
16 ޖުލައި 2025، 02:55
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ އިއްޔެ ހަވީރުއެވެ. ރައީސް އޮފީހުން ވަނީ މިއަދު މެންދުރު އެމަނިކުފާނު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ވަޑައިގަތް ވާހަކަ ހިއްސާކޮށްފައެވެ.
ރައީސް އޮފީހުން ބުނީ ލަންޑަނުން ރައީސްއަށް މަރުހަބާ ވިދާޅުވެފައިވަނީ ގްރޭޓަރ ލަންޑަންގެ ޑެޕިއުޓީ ލިޔުޓަނަންޓް ޖެރެމީ ފަރން ޓީ.ޑީ. އާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ނިކޮލަސް ޑޭވިޑް ލޯވއާއި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު އިރުތިޝާމް އާދަމް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އެ މަނިކުފާނުގެ މި ދަތުރުފުޅަކީ މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި ވެސް ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ރައީސްގެ މި ބައްދަލުކުރެއްވުންތަކުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ވުނަކުރުމާއި ތަޢުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން، ލަންޑަންގައި ބާއްވާ ބިޒްނަސް ފޯރަމެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ސަބަބުން އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި އިތުބާރުގެ ތަރަހައިގެ މަތީގައި ބިނާކޮށްފައިވާ، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.