ކޮލަމް
ޕާސްޕޯޓުގައި ޖަހާ ފޮޓޯ ވަކި މިންގަނޑަކަށް ނަގަން ޖެހެނީ ކީއްވެކަން އެނގޭތަ؟

ދިވެހިރާއްޖޭގެ ޕާސްޕޯޓު/ފޮޓޯ: އަވަސް އެމްވީ
ޕާސްޕޯޓުގައި ޖަހާ ފޮޓޯއަކީ ކޮންމެ ޤައުމެއްގައި ވެސް ވަކި މިންގަނޑެއްގެ ތެރެއިން ކުރާކަމެކެވެ. މިކަމަކީ، ޢާންމު ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުން އޮތް ކަމަކަށް ވީ ނަމަވެސް، މިފަދަ ކަންކަމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވަކި މިންގަނޑެއްގެ ތެރެއިން ޢަމަލުކުރުމަކީ މުހިންމު ކަމެކެވެ.
ދުނިޔޭގެ ކޮންމެ ޤައުމެއްގައި ވެސް ބޭނުންކުރާ ޕާސްޕޯޓުގައި ޖަހާ ފޮޓޯ ވާންޖެހޭނީ، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާއި އެއްގޮތް ފޮޓޯއަކަށެވެ. އެގޮތުން، ރާއްޖޭގައި ވެސް ބޭނުންކުރާ ޕާސްޕޯޓަކީ އައިކާއޯގެ މިންގަނޑުތަކާއި އެއްގޮތަށް ހަދާފައިވާ ޕާސްޕޯޓަކަށް ވީއިރު، މިއީ ދުނިޔޭގައި ދަތުރުފަތުރު ކުރުމަށް ގެންގުޅޭ ލިޔެކިޔުންތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މީހުން ދެނެގަތުމަށް ބައިނަލްއަޤްވާމީ ގޮތުން ބޭނުންކުރެވޭ ހަމަހަމަ މިންގަނޑެކެވެ.
ޕާސްޕޯޓުގައި ރަނގަޅު މިންގަނޑެއް ބޭނުންކުރުމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް ބޭނުންކުރާ ލިޔެކިޔުންތައް ވަގަށް ނެގުމާއި، އޭގެ ނަހަމަ ބޭނުންކުރުން ހުއްޓުވުމަށް އެހީތެރިވެދެއެވެ. ހަމަ އެހެންމެ، އޮޓޮމޭޓެޑް ބޯޑަރ ކޮންޓްރޯލް ޕްރޮސެސިންގ އޮމާންކަމާއެކު ކުރިއަށް ގެންދިޔުމަށް އެތަށް ގޮތަކުން ފަސޭހަވެގެންދާނެއެވެ. އެގޮތުން، ބޯޑަރުތަކުގައި މީހުން ދެނެގަތުމުގެ މަސައްކަތް ފަސޭހަވުމުގެ ސަބަބުން ދަތުރުވެރިންނަށް އަވަސް އަދި ލުއިފަސޭހަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، އައިކާއޯގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމުން، ފޮޓޯއާއި ގުޅޭ މައްސަލަތަކުގެ ސަބަބުން ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުގެ ލިޔެކިޔުންތައް ބާޠިލުވުމުގެ ފުރުޞަތު ކުޑަވެގެންދާނެއެވެ.
ޕާސްޕޯޓުގައި ވަކި މިންގަނޑަކަށް ފޮޓޯ ޖެހުމަކީ، ގިނަ ދިވެހިން ފާޑުކިޔާ ކަމެއްވެސް މެއެވެ. ނަމަވެސް، މިއީ "ފަރި" އަކަށް ނަގާ ފޮޓޯއެއް ނޫންކަން ކޮންމެ މީހެއް ވެސް ދެނެގަނެ، ބައިނަލްއަޤްވާމީ ގޮތުން ހަދާފައިވާ މިފަދަ މިންގަނޑުތަކަށް ފުރިހަމައަށް އިޙްތިރާމުކުރުމަކީ މުހިންމު ކަމެކެވެ.