ޚަބަރު
ތިނަދޫ އަދި އުނގޫފާރުގެ އިސްލާމީ ކުތުބުޚާނާ އަންނަ މަހު ހުޅުވުމުށް ތައްޔާރުވަނީ

ދިއްގަރު ސްކޫލް ދަރިވަރުން މާލޭގައި ހުންނަ އިސްލާމީ ކުތުބުޚާނާއަށް ޒިޔާރަތްކުރުން. ފޮޓޯ: އިސްލާމީ ވުޒާރާ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރާ އިސްލާމީ ކުތުބުޚާނާތަކުގެ ތެރެއިން ގދ. ތިނަދޫ އަދި ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައި ޤާއިމުކުރާ އިސްލާމީ ކުތުބުޚާނާގެ މަސައްކަތް، އަންނަ އޮގަސްޓުމަހުގެ ނިޔަލަށް ނިންމާ، ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ ނައިބު އައްޝައިޚް އުސާމް މުޙައްމަދު ސަޢީދު ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ޤާއިމުކުރުމަކީ އެ ވުޒާރާގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލާފައި ކަމަށްވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކުރެއްވިއެވެ.
"ލައިބްރަރީގެ މަސައްކަތްތަކަށް ޓާސްކްފޯހެއް އެކުލަވާލާފައިވަނީ، އެ ޓާސްކްފޯހުގެ ބެލުމުގެ ދަށުން އެންމެ ފުރަތަމަ ޤާއިމްކުރަން މިއޮތީ ގދ. ތިނަދޫ އިސްލާމިކް ސެންޓަރުގައި ޤާއިމުކުރެވޭ ލައިބްރަރީއާއި ރ. އުނގޫފާރުގައި ޤާއިމްކުރެވޭ ލައިބްރަރީ،" އައްޝައިޚް އުސާމް ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓަރ އަލްއުސްތާޛް އަޙުމަދު ޝާތިރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ހއ. ދިއްދޫ އިސްލާމީ މަރުކަޒާއި، ސ. ހިތަދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒު އަދި ޏ. ފުވައްމުލަކުގެ ޤުރުއާނާބެހޭ މަރުކަޒުގައިވެސް އިސްލާމީ ކުތުބުޚާނާތައް ޤާއިމުކުރެވޭނެކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވަޢުދެއް ކަމާއި، މިއަހަރު ނިމުމުގެ ކުރިން ހުރިހާ އިސްލާމީ މަރުކަޒުތަކެއްގައި އިސްލާމީ ލައިބްރަރީތައް ޤާއިމުކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ކުރިން ވިދާޅުވެފައެވެ.