ރިޕޯޓް

ބޮޑުވަޒީރު މޯދީގެ ދަތުރުފުޅު: ތާރީޚީ އަހަރެއްގެ ރަމްޒީ ބާބެއް ، ބަރޯސާވުމެއް ނޫން، އެކުވެރިކަމާއި އަޚުވަންތަކަން

ބޮޑުވަޒީރު މޯދީގެ ދަތުރުފުޅު: ތާރީޚީ އަހަރެއްގެ ރަމްޒީ ބާބެއް ، ބަރޯސާވުމެއް ނޫން، އެކުވެރިކަމާއި އަޚުވަންތަކަން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖުލައި 2025، 01:07

25 ޖުލައި 2025، 01:07

މިއަދު ފެނިގެން މިދަނީ ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ރަހުމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ފުރިހަމަވެގެންދިޔަ މަންޒަރެވެ. މިއަދު ފާހަގަކުރެވޭ މި ތާރީޚީ ދުވަހަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް 60 އަހަރުގެ ހާރިޖީ ގުޅުމަށް އިތުރު ފުރިހަމަކަމެއް ލިބި، މި ވަރުގަދަ ގުޅުމަށް އިތުރު ދިރުމެއް ލިބުނު ދުވަހެކެވެ. މިކަން ޙާޞިލުވެގެން ދިޔައީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާލެ ވަޑައިގެންނެވުމާ ގުޅިގެންނެވެ.

1965 ވަނަ އަހަރުން ފެށިގެން އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުން

1965 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު، ދިވެހިރާއްޖެ މިނިވަންވީތާ މަދު މަސްތަކެއްގެ ތެރޭގައި، ދިވެހިރާއްޖެއާ ހާރިޖީ ގުޅުން ޤާއިމުކުރި ފުރަތަމަ ޤައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނުނެވެ. މި ގުޅުން ކުރު މުއްދަތެއްގެ ތެރޭގައި ވަނީ އިތުރަށް ހަރުދަނާވެ، އުމްރާނީ ތަރައްޤީ، ޞިއްޙަތު، ތަޢުލީމު، ވިޔަފާރި އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުންފަދަ ދާއިރާތަކުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައެވެ.
1970 ގެ އަހަރުތަކުގައި ވެވުނު އެއްބަސްވުންތަކުން ފެށިގެން، ފުރާނަ ސަލާމަތްކުރުމުގެ އަސްކަރީ އޮޕަރޭޝަންތަކާއި، ކާރިސާގެ ވަގުތުތަކުގައި ދެއްވި އިޤްތިޞާދީ އެހީތެރިކަމާ ހަމައަށް، އިންޑިއާ ވަނީ ދިވެހިރާއްޖޭގެ އެންމެ ގާތް އެހީތެރިޔާގެ ގޮތުގައި މެދުކެނޑުމެއްނެތި ދެމިހުރެފައެވެ. މިއީ ހަމައެކަނި ސަރަޙައްދީ އަވައްޓެރިއެއްގެ ހައިސިއްޔަތުން ނޫނެވެ. އެހެނަސް، އިތުބާރު ހިފޭ، ތަޖުރިބާކާރު އަދި އިޙްތިރާމްކުރެވޭ ބައިވެރިއެއްގެ ގޮތުގައެވެ.

އޮޕަރޭޝަން ކެކްޓަސް އަދި އޭގެ ފަހުން: ޤައުމީ ސަލާމަތުގައި އިންޑިއާގެ ތާރީޚީ ދައުރު

ދެ ޤައުމުގެ ގުޅުމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ވަގުތަކީ 1988 ވަނަ އަހަރު ދިވެހިރާއްޖޭގައި ބަޣާވާތެއް ހިންގަން އުޅުނު ދުވަސްވަރެވެ. އިންޑިއާ ވަނީ ގަޑިއިރުތަކެއްގެ ތެރޭގައި އޮޕަރޭޝަން ކެކްޓަސް ފަށައި، ހައްޔަރުކުރެވިފައިވާ މީހުން ސަލާމަތްކޮށް، ބަޣާވާތް ހުއްޓުވައި، ޤާނޫނީ ވެރިކަން އަނބުރާ ޤާއިމުކޮށްދީފައެވެ. މި ޢަމަލުން އިންޑިއާގެ ދައުރު އިތުބާރު ހުރި އެއްބާރުލުންދޭޤައުމެއްގެ ގޮތުގައި ވަނީ ދާއިމަށް ސާބިތުވެފައެވެ.

ފަހުގެ އަހަރުތަކުގައިވެސް އިންޑިއާ ވަނީ ކާރިސާތަކުގެ ވަގުތުތަކުގައި ދިވެހިރާއްޖެއަށް އެހީތެރިވެފައެވެ. އެގޮތުން:
• 2004 ވަނަ އަހަރުގެ ސުނާމީގައި

• 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި

• ކޮވިޑް-19 ބަލިމަޑުކަމުގައި - މި ދުވަސްވަރު އިންޑިއާ ވަނީ ވެކްސިން، ކުއްލި އެހީތެރިކަން، އަދި މުހިންމު ދަތުރުފަތުރުގެ ގުޅުންތައް އަލުން ފެށުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދިވެހި ޞިއްޙީ ޚިދުމަތުގެ ބިންގާ އެޅުން

ދިވެހިރާއްޖޭގެ އިޖްތިމާޢީ ތަރައްޤީއަށް އިންޑިއާގެ އެހީތެރިކަން އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަނީ ޞިއްޙީ ދާއިރާއިންނެވެ. އިންޑިއާގެ އެހީތެރިކަމާއެކު ޤާއިމުކުރެވުނު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ވެފައިވަނީ ޤައުމުގެ މުހިންމު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ މައި މަރުކަޒަށެވެ. އަހަރުތަކެއް ވަންދެން ދެމިގެންދިޔަ އެއްބާރުލުމުގެ ތެރެއިން ދިވެހިންނަށް އިންޑިއާގެ ޑޮކްޓަރުން، ނަރުހުން އަދި މެޑިކަލް ޓެކްނީޝަނުން ޚިދުމަތް ދީފައިވެއެވެ.މިއަދުވެސް އާސަންދަ ސްކީމުގެ ދަށުން އެޑްވާންސް ޞިއްޙީ ޚިދުމަތް ހޯދުމަށް ދިވެހިން އެންމެ ގިނައިން ދަތުރުކުރަނީ އިންޑިއާއަށެވެ.

ތަޢުލީމު އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން
އިންޑިއާ ވަނީ ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ދިގު މުއްދަތަކަށް އިންވެސްޓް ކޮށްފައެވެ. މިނިވަންވުމުގެ ކުރީކޮޅުން ފެށިގެން އިންޑިއާގެ މުދައްރިސުން، އިންޖިނިއަރުން އަދި ތަމްރީނުކުރާ ފަރާތްތަކުން ޤައުމީ ޤާބިލިއްޔަތު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. ސްކޮލަރޝިޕްގެ ދަށުން ގިނަ ދިވެހި ދަރިވަރުން އިންޑިިންޑިއާގައި ތަޢުލީމު ޙާޞިލުކޮށްފައިވާއިރު، ދެ ޤައުމުގެ ދެމެދުގައިވާ އެއްބަސްވުންތަކުގެ ދަށުން ފަންނީ އެހީބަދަލުކުރުމުގެ ޕްރޮގްރާމްތަކާއި ހުނަރުވެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.

ކާބޯތަކެތި ފޯރުކޮށްދީ ބަލަހައްޓާ ވިޔަފާރި ބައިވެރިޔާ
ދިވެހިރާއްޖޭގެ އެންމެ މުހިންމު ވިޔަފާރި ބައިވެރިންގެ ތެރޭގައިވެސް އިންޑިއާ ހިމެނެއެވެ. ހަނޑޫ، ފުށް، ތަރުކާރީ، މޭވާ، ބޭސް، އަދި އިމާރާތްކުރުމުގެ މުދާފަދަ އަސާސީ ތަކެތި އިންޑިއާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދެއެވެ. ދުނިޔޭގައި މުދާ މަދުވުމާއި އެކްސްޕޯޓް ކުރުމަށް ހުރަސްތަކެއް ދިމާވި ނަމަވެސް، އިންޑިއާ ވަނީ ދިވެހިރާއްޖެއަށް ކާބޯތަކެތި ފޯރުކޮށްދިނުން މެދުކެނޑުމެއްނެތި ކަށަވަރުކޮށްދީފައެވެ. އެހެން ޤައުމުތަކަށް ސަޕްލައި ވަރަށް މަދުވި ނަމަވެސް، އިންޑިއާ ވަނީ ދިވެހިރާއްޖެއަށް ޚާއްޞަ ގޮތެއްގައި ކާބޯތަކެތި ފޯރުކޮށްދީފައެވެ.އަހަރަކު އެވްރެޖްކޮށް 600 މިލިއަން ދިވެހި ރުފިޔާއަށްވުރެ ގިނަ މުދާ އިންޑިއާއިން ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭއިރު، މިއީ އިޤްތިޞާދީ ގޮތުންވެސް ވަރަށް މުހިންމު ގުޅުމެކެވެ.

ބަރޯސާވުމެއް ނޫން، އެއްބައިވަންތަކަމާއި އަޚުވަންތަކަން
މި 60 އަހަރުގެ ދަތުރުވަނީ ދެމެދުގައިވާ އިޙްތިރާމް، އެއް ޤައުމުން އަނެއް ޤައުމުގެ ދާޚިލީ ކަންކަމަށް ބާރު ނުފޯރުން، އަދި ރައްޔިތުންނަށް އަމާޒުކުރެވިފައިވާ ސިޔާސީ ގުޅުމުގެ މިސާލެއްގެ ގޮތުގައި ސާބިތުވެފައެވެ. ދެ ޤައުމުގައިވެސް ސިޔާސީ ބަދަލުތައް އައިސްފައިވެއެވެ. ނަމަވެސް ދިވެހިރާއްޖެ-އިންޑިއާ ގުޅުމުގެ އަސާސް ވަނީ ދެމިފައެވެ. އެއީ، ހަމައެކަނި ޝަޚްޞިއްޔަތުތަކުގެ މައްޗަށް ބިނާވެގެން ނޫނެވެ. އެހެނަސް، ޙިއްޞާކުރެވޭ އަގުތަކާއި، ކަނޑުގެ ގުޅުންތަކާއި، އަދި އިސްތިރާޖީ ދުރުވިސްނުމުގެ މައްޗަށް ބިނާވެގެންނެވެ.

މިއަދު، ދުނިޔޭގެ ސިޔާސީ މަޝްރަޙު އަވަސް ބަދަލުތަކަކާ ކުރިމަތިލަމުންދާ މި ދަނޑިވަޅުގައިވެސް، ދެ ޤައުމު ދަނީ ގްރޭޓަރ މާލެ ކަނެކްޓިވިިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ)، ހާބަރު، އަދި  ހަކަތައާ ގުޅޭ މަސައްކަތްތައްފަދަ ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގައި ގުޅިގެން މަސައްކަތްކުރަމުންނެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާއި އަލަށް އިންވެސްޓްމަންޓް އެއްބަސްވުންތަކާ ބެހޭ މަޝްވަރާތައް ދަނީ އިޤްތިޞާދީ އެއްބާރުލުމުގެ އާ މަރުޙަލާއެއްގެ ނިޝާން ދައްކުވައިދެމުންނެވެ.

ބޮޑުވަޒީރު މޯދީގެ ދަތުރުފުޅު: ތާރީޚީ އަހަރެއްގެ ރަމްޒީ ބާބެއް

ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ދިވެހިރާއްޖެއަށް ވަޑައިގަތުމަކީ  60 ވަނަ މިނިވަންދުވަހުގެ ރަސްމިއްޔާތުގައި  ކެނޑިނޭޅި ކުރެވެމުންދާ މަސައްކަތާއި އަލަށް އުފެދޭ އެއްބާރުލުމުގެ ވަރުގަދަ މެސެޖެކެވެ. މި މަތީ ފެންވަރުގެ ދަތުރުފުޅަކީ ހަމައެކަނި ސިޔާސީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ޙާޞިލުކުރެވިފައިވާކަމުގެ ރަމްޒެއް ނޫނެވެ. އެހެނަސް ދެ ޤައުމުގެ ގުޅުމުގައި އާ، ތަރައްޤީގެ ބާބެއް ފެށުމަށް ދެފަރާތުންވެސް ބޭނުންވާކަން ދައްކުވައިދޭ ކަމެކެވެ.

 ރައީސުލްޖުމްހޫރިއްޔާ މުޢިއްޒާއެކު މި ތާރީޚީ މުނާސަބަތު ފާހަގަކުރައްވާއިރު، މެސެޖު ސާފުވެއެވެ: އިންޑިއާ އާއި ދިވެހިރާއްޖެއަކީ ގާތް ރަޙްމަތްތެރިންނެވެ، ތަރައްޤީގެ އެއްބާރުލުންދޭ ފަރާތްތަކެވެ، އަދި ސަރަޙައްދުގެ އަމަންއަމާންކަމާއި ހަމަޖެހުމަށް މަސައްކަސައްކަތްކުރާ ބައިވެރިންނެވެ.

ކުރިއަށް ބަލާލުމެއް: ކުރިއަށް އޮތް 60 އަހަރުގެ ޙިއްޞާކުރެވޭ ދުރުވިސްނުން

ދިވެހިރާއްޖެ ތަރައްޤީއާއި ބަދަލުތަކުގެ އާ ދުވަސްވަރަކަށް ވަންނައިރު، އަދި އިންޑިއާ ދުނިޔޭގެ އިޤްތިޞާދީ އަދި އިސްތިރާޖީ ބާރެއްގެ ގޮތުގައި ކުރިއަރަމުންދާ މި ދަނޑިވަޅުގައި، ދިވެހިރާއްޖެ-އިންޑިއާ ގުޅުމުގެ ކުރިއަށް އޮތް 60 އަހަރުގައި ޙާޞިލުކުރެވޭނެ އެތައް ކަމެއްވެއެވެ.
ގުޅިގެން، ދެ ޤައުމު މިވަނީ ދެމެހެއްޓެނިވި ތަރައްޤީއާއި، ކަނޑުގެ ސަލާމަތާއި، ހިންދު ކަނޑުގެ ސަރަޙައްދުގައި ދެކުނުގެ ޤައުމުތަކުގެ އެއްބާރުލުން ކުރިއެރުވުމަށް ތައްޔާރުވެފައެވެ.

އަޚުވަންތަކަމުގެ 60 އަހަރު، އިންތިހާއެއް ނެތް ފުރުޞަތުތަކެއްގެ މުސްތަޤުބަލެއް

 އިންޑިއާ އާއި ދިވެހިރާއްޖެއަކީ ހަމައެކަނި އަވައްޓެރިންނެއް ނޫނެވެ. އެހެނަސް ދުވަސްތަކުގެ ތަޖުރިބާއިން ފުރިހަމަވެފައިވާ ރަޙްމަތްތެރިންނެވެ.މި ދެ ޤައުމުގެ ގުޅުމަކީ ހަމައެކަނި ދިގު މުއްދަތެއްގެ ތާރީޚެއް ހިމެނޭ ގުޅުމެއް ނޫނެވެ. އެއީ މުސްތަޤުބަލަށް ބިނާކުރެވިފައިވާ، އެކުގައި ކުރިއެރުމަށް މަސައްކަތްކުރާ ދެ ޤައުމެއްގެ ގުޅުމެކެވެ. ދެ ޤައުމުގެ ލީޑަރުންގެ ވިސްނުންފުޅުގައި ވަނީ އިތުރު ތަރައްޤީއާއި ކުރިއެރުމަށް މަގުފަހިކުރާނެ އާ މަޝްރޫޢުތަކާއި އެއްބާރުލުމުގެ ދާއިރާތަކެވެ.

ދިވެހިރާއްޖެ އަދި އިންޑިއާގެ 60 އަހަރުގެ  ގުޅުމަކީ ވަރުގަދަ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ، އިތުބާރާއި އެއްބާރުލުމުގެ މައްޗަށް ބައްޓަންވެފައިވާ ގުޅުމެކެވެ. މި ގުޅުން ވަނީ ދެ ޤައުމުގެ ތަރައްޤީއަށާއި، ސަރަޙައްދުގެ ހަމަޖެހުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން އިތުރަށް ފުޅާވެ، އާ ދާއިރާތަކަށް ފެތުރިގެންދާނެކަން ޔަޤީނެވެ. ދެ ޤައުމުގެ ލީޑަރުންގެ ވިސްނުންފުޅާއި އެކުގައި މަސައްކަތްކުރުމުގެ ރޫޙު އޮތްހާ ހިނދަކު، ދިވެހިރާއްޖެ އަދި އިންޑިއާގެ ގުޅުމުގެ މުސްތަޤުބަލު އުޖާލާވެ، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ގޮތެއްގައި ކުރިއަށްދާނެއެވެ.                

Ads by MSS

މި ލިޔުން ކިޔާލުމުން