ޚަބަރު
ދައުލަތުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރުކުރަން މަޖިލީހަށް ހުށަހަޅައިފި
ދައުލަތުގެ ބަޖެޓް ފޮތް ފޮޓޯ:ފިނޭންސް
ދައުލަތުގެ މި އަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް މިއަދު ހުށަހަޅައިފިއެވެ. މި ބަޖެޓު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ އައު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
މި ސަޕްލިމެންޓަރީ ބަޖެޓުގެ 41 އިންސައްތައަކީ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޚަރަދުކުރާ ފައިސާއެވެ. އަދި ބަޖެޓުގެ 21 އިންސައްތައަކީ ސަބްސިޑީ ދިނުމަށް ހޭދަކުރާ ފައިސާއެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ސަޕްލިމެންޓަރީ ބަޖެޓުގެ މުޅި އަމާޒަކީ އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
ސަޕްލިމެންޓަރީ ބަޖެޓުގެ މުހިންމު ބައިތަކުގެ ތެރޭގައި ހިމެނެނީ:
- ސަބްސިޑީ (ތެޔޮ، ކާޑު، ކަރަންޓު، ނަރުދަމާ އަދި ފެނުގެ ޚިދުމަތް): 1 ބިލިއަން ރުފިޔާ
- ކޮންޓިންޖެންސީ ބަޖެޓު: 650 މިލިއަން ރުފިޔާ
- ސްޓޫޑެންޓް ލޯނު: 458 މިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތައް: 441 މިލިއަން ރުފިޔާ
- އެންސްޕާ: 263 މިލިއަން ރުފިޔާ
- މެޑިކަލް ކޮންޒިއުމަބަލްސް: 200 މިލިއަން ރުފިޔާ
- މުސާރަ: 24 މިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ޕީއެސްއައިޕީއަށް މިހާ ބޮޑު އަދަދެއް ހޭދަކުރަން ޖެހުނީ، ބަޖެޓުގައި ކަނޑައެޅި އަދަދަށްވުރެ އިތުރަށް ބައެއް ޕްރޮޖެކްޓުތަކަށް ޚަރަދުކުރަން ޖެހުމުންނެވެ. މީގެ އިތުރުން، ސަރުކާރުން ދޭ ސްޓޫޑެންޓް ލޯނުގެ ޚަރަދު އިތުރުވެފައިވަނީ، އެ ސްކީމުގެ ދަށުން ކުރިން ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ލޯނު ދޭން ސަރުކާރުން ނިންމާފައިވާތީއެވެ.ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި، މި އަހަރުގެ މިހާތަނަށް ޖުމްލަ ބަޖެޓުން 39.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މި އަހަރުގެ އާމްދަނީ އަށް 640 މިލިއަން ރުފިޔާ އިތުރަށް ލިބި ޖުމްލަ އާމްދަނީ 34 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މި ސަޕްލިމެންޓަރީ ބަޖެޓާއެކު، މި އަހަރުގެ ޖުމްލަ ބަޖެޓުގެ އަދަދު 55 ބިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު އޮތްކަމަށް ފާހަގަކުރެވެއެވެ. މި އަހަރު ފެށުނުއިރު ސަރުކާރުން ފާސްކޮށްފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ސަޕްލިމަންޓަރީ ބަޖެޓުގެ މުޅި އަމާޒަކީ އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމުގައި ޕީއެންސީ އިން ވަނީ ހާމަކޮށްފައެވެ.