ޚަބަރު
ޤައުމުގެ މާލީ ޙާލަތު ހަރުދަނާކުރުމަށް އެޅޭ ފިޔަވަޅުތައް އެމްޕީ ޝުޖާޢު ތަފްޞީލުކޮށްދެއްވައިފި
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާޢު
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެފައިވަނީ، ޓީޖީއެސްޓީ އިތުރުކުރުމަކީ ދިވެހި ރައްޔިތުންގެ މާލީ ޙާލަތަށް ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށެވެ. ފަރުދުން މީޑިއާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި، އިދިކޮޅު ފަރާތްތަކުން ކުރައްވާ ތުހުމަތުތަކަށް ރައްދު ދެއްވަމުން، މިއީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.
ފަރުދުން މީޑިއާއަށް ޝުޖާޢު ދެއްވި ޙާއްޞަ ބަސްދީގަތުމެއްގައި ވިދާޅުވީ ރައްޔިތުންގެ އަތުން އިތުރު ޓެކްސްއެއް ނުނަގާނެ ކަމަށް ވަޢުދުވެގެން އައިސް އިތުރު ޓެކްސްތައް ކޮޅަށް ޖަހައިގެން ޓެކްސް ނަގަމުންދާ ކަމަށް އިދިކޮޅުފަރާތްތަކުން ތުހުމަތު ކުރައްވާ ކަމަށެވެ. "އެއީ ޙަޤީޤަތުގައި ވަރަށް ބޮޑު އޮޅުވާލުމެއް"
ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ދައުލަތުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމެވެ. މި މަސައްކަތް ފެށިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުން ފެށިގެންނެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ދައުލަތުގެ ބޭކާރު ޚަރަދުތައް ކުޑަކޮށް، އިސްރާފު މަދުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ޝުޖާޢު ޚާއްޞަކޮށް ފާހަގަކުރެއްވީ އާސަންދަ ހަރުދަނާކުރުމަށް ގެނެވުނު އިޞްލާޙުތަކާއި، ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވުނު މަސައްކަތްތަކެވެ. އަދި ވޭތުވެދިޔަ ސަރުކާރާ ޚިލާފަށް، މި ސަރުކާރުން ދައުލަތުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށް އިސްކަންދޭ ކަމަށް ވިދާޅުވިއެވެ.
ޓީޖީއެސްޓީ 16% އިން 17% އަށް ބޮޑުކުރުމާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ޝުޖާޢު ވިދާޅުވީ، މިއީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެވިގެން ގެނެވުނު ބަދަލެއް ކަމަށާއި، މިއީ ޓޫރިޒަމް ދާއިރާއަށް އަމާޒުކޮށްގެން ގެނެވުނު ބަދަލެއް ކަމަށެވެ. އަދި މި ބަދަލަކީ ރައްޔިތުންގެ ޖީބަށް ސީދާ އަސަރުކުރާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ޖުމްލަ ގޮތެއްގައި، ޝުޖާޢުގެ ވާހަކަފުޅުގައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ރައްޔިތުންނަށް ބުރަ ބޮޑުނުވާނެ ގޮތަށް ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެޅޭ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ.