ކުޅިވަރު
ނިއުކާސްލްއިން ވަޢުދާ ޚިލާފުވެފައިވުމުން، ކްލަބާ އޮތް ގުޅުން އިތުރަކަށް ނުދެމެހެއްޓޭނެ: އިސާކް

އެލެކްސެންޑަރ އިސާކް، ފޮޓޯ: ގެޓީއިމޭޖަސް
ނިއުކާސްލް ޔުނައިޓެޑުން ވަޢުދާ ޚިލާފުވެފައިވާކަމަށް ބުނެ، ކްލަބާ އޮތް ގުޅުން އިތުރަށް ދެމެހެއްޓުމަށް ބޭނުންނުވާކަމަށް، އެ ކްލަބާއެކު ހަދާފައިވާ އެގްރީމެންޓުގެ ދަށުން ބެނދެވިފައި ހުރި ސްވިޑުންގެ ފޯވާރޑް، އެލެކްސެންޑަރ އިސާކް ބުނެފިއެވެ.
މި "ސަމާރ ޓްރާންސްފަރ ވިންޑޯ"ގައި ލިވަޕޫލަށް ބަދަލުވުމުގެ ވިސްނުން ގެންގުޅޭ އިސާކް ހޯދުމަށް މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން އެ ކްލަބުން 110 މިލިއަން ޕައުންޑުގެ އަގެއް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ނިއުކާސްލްއިން ބުނީ އޭނާ އެ އަގަށް ނުވިއްކޭނެކަމަށެވެ.
ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން (ޕީއެފްއޭ)އިން ހޮވާ "ޓީމް އޮފް ދަ ސީޒަން"ގައި ހިމެނުނު ނަމަވެސް، އެ އެވޯޑު ޚަފްލާއަށް ހާޒިރުނުވެ އަންގާރަ ދުވަހުގެރޭ އިންސްޓަގްރާމްގައި އިސާކްކުރި ޕޯސްޓެއްގައި ބުނީ، އޭނާއާ ގުޅިގެން ދެކެވޭ ވާހަކަތަކުގެ ރައްދުގައި މިހާތަނަށް ބަހެއް ނުބުނެ ހުރުމުން، އެކިފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަތައް ފަތުރަމުންދާކަމަށާއި، ނަމަވެސް ހަޤީޤަތުގައި ކަންހިނގާފައިވާ ގޮތް އިނގޭނީ މަދުބަޔަކަށް ކަމެވެ.
އެގޮތުން، އިސާކް ބޭނުންވާ ގޮތް ނިއުކާސްލްއަށް އެނގޭނެ ކަމަށާއި، ނަމަވެސް ކްލަބުން ވަޢުދުވީ ގޮތަށް ޢަމަލުކުރަމުން ނުދާކަމަށް އޭނާ ބުންޏެވެ. އަދި ކްލަބުން ވަޢުދާ ޚިލާފުވުމާ ގުޅިގެން، ކްލަބާ ދޭތެރޭ ކުރިން އޮތް ގުޅުން ދެން ނުދެމެހެއްޓޭނެ ކަމަށް އިސާކް ބުންޏެވެ. އެހެންކަމުން އޭނާއަށާއި ކްލަބަށް ވެސް ދެން އޮތް އެންމެ ރަގަޅު ގޮތަކީ އެއްކޮށް މަސައްކަތް ނުކުރުންކަމަށް ވަނީ ފާހަގަކޮށްފައެވެ.
އިސާކްގެ މި ޕޯސްޓާ ގުޅިގެން ނިއުކާސްލްއިން ރޭ ދަންވަރު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ، އިސާކް ހުރީ އެ ކްލަބުގެ ކޮންޓްރެކްޓެއްގައި ކަމަށާއި، މި ޓްރާންފަރ މުއްދަތުގައި އޭނާއަށް އެހެން ކްލަބަކަށް ބަދަލުވެވޭނެކަމުގެ އެއްވެސް ވާހަކައެއް ކްލަބުން ދައްކާފައި ނުވާނެކަމަށާއި، އަދި އެކަމަށް އެއްބަސްވެފައި ނުވާނެކަމަށް ވަނި ބުނެފައެވެ.
އަދި ކްލަބުގައި ތިބި އެންމެ މޮޅެތި ކުޅުންތެރިން ބޭތިއްބުމަކީ ކްލަބުން އެންމެ ބޭނުންވާ ގޮތް ކަމަށާއި، އަދި އެއީ ކްލަބުގެ ސަޕޯޓަރުން ވެސް އެންމެ ބޭނުންވާނެ ގޮތްކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ކުޅުންތެރިން ބަދަލުވުމުގެ މުއްދަތު ސެޕްޓެންބަރު 1 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، ލިވަޕޫލުން ބޮޑު އަގަކާއެކީ އިސާކު ހޯދުމަށް އިތުރު ހުށަހެޅުމެއް ހުށަހަޅާނެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މި މައްސަލައާ ގުޅިގެން ނިއުކާސްލްގެ ތަރި އެލެން ޝިއެރާރ ބުނެފައި ވަނީ، އެ ކްލަބަށް އިތުރު ފޯވާޑެއް ނުލިބެނީސް އިސާކް ދޫކޮށް ނުލާނެކަމަށެވެ. އިތުރު ބައެއް ފަރާތްތަކުން ބުނަނީ ނިއުކާސްލްއިން އިތުރު ދެ ފޯވާޑުން ގެނަސްފިނަމަ، އޭނާ ހޯދުމަށް ގާތްގަނޑަކަށް 120 މިލިއަން ޕައުންޑުގެ ހުށަހެޅުމެއް ލިވަޕޫލުން ހުށަހަޅާނެކަމަށް ބެލެވޭ ކަމަށެވެ.