ކުޅިވަރު
ކޮންމެ ރަށަކުން ފުޓުބޯޅަ ޝަޙުސިއްޔަތެއް ހޮވުމަށް ނިންމައިފި

"ޑައިމަންޑް ޖޫބިލީ ކޮމިޓީ"ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން---
ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް ކުލަގަދަކޮށް ފާހަގަ ކުރުމަށް އެކުލަވާލި، "ޑައިމަންޑް ޖޫބިލީ ކޮމިޓީ"ގެ ފަރާތުން ރާއްޖޭގެ ކޮންމެ ރަށަކުން ފުޓްބޯޅަ ސަހުސިއްޔަތެއް ކަނޑައެޅުމުގެ މަސައްކަތް ފެށުމަށް ނިންމައިފިއެވެ.
އެ ކޮމިޓީން އަންގާރަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޢުލާނުކޮށްފައިވަނީ ރާއްޖޭގެ ކޮންމެ ރަށެއްގެ ތާރީހުގައި ވެސް އެ ރަށަކުން ޤައުމީ ލެވެލްއާ ހަމައަށް އައި ފުޓްބޯޅައިގެ ޝަހުސިއްޔަތު ކަނޑައެޅުމަށެވެ. މިކަން ކުރާނީ އުސޫލެއްގެ ތެރެއިން، އެ ރަށެއްގެ ކައުންސިލާއި ކްލަބު ޖަމްޢިއްޔާތައް ގުޅިގެން ކަމުގައި އެ ކޮމެޓީން ވަނީ ހާމަކޮށްފައެވެ. އަދި މި ކަމުގައި އާންމުންގެ ވޯޓު ވެސް ހިމެނޭ ގޮތަށް ކަންކަން ހަމަޖެއއްސުމުގެ ވިސްނުން ހުރިކަމަށް ވެސް ހާމަކޮށްފައިވެއެވެ.
ކޮމެޓީން ހާމަކޮށްފައިވާ ގޮތުގައި، ރަށްރަށުގައި ފުޓްބޯޅަ ޝަހުސިއްޔަތު ހޮވުމުގައި ކުޅުންތެރިއެއްގެ އިތުރުން، ރެފްރީއަކަށް އަދި ފުޓްބޯޅަ ނޫސްވެރިއަކަށް ވެސް ވެވިދާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ފަށައިގެން މި ވޭތުވެދިޔަ 75 އަހަރުތެރޭގައި ފުޓްބޯޅައިގެ އެންމެ މުހިންމު ދައުރެއް އަދާކުރި ރަށްރަށް ވެސް ފާހަގަ ކުރުމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.