ކުޅިވަރު
ސްޕާރސްއިން ބަލަމުން ދަނިކޮށް އާސެނަލްއިން އެޒޭ "ޖަހައިގަނެފި"

އެބެރެޗީ އެޒޭ ވަނީ ޕެލެސްއާއެކު އެފްއޭ ކަޕާއި ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައި---
އިނގިރޭސި ޕްރިމިއަރ ލީގުގެ ކްރިސްޓަލް ޕެލެސްއަށް ކުޅެމުން އަންނަ އެބެރެޗީ އެޒޭ، ނޯތު ލަންޑަނަށް ނިސްބަތްވާ ޓޮޓެންހަމް ހޮޓްސްޕަރއަށް ގެންދިއުމުގެ މަސައްކަތް އެ ކްލަބުން ފަށާފައިވަނިކޮށް، ހަމަ އެ ސަރަޙައްދަށް ނިސްބަތްވާ، ސްޕާރސްގެ އެންމެ ވާދަވެރި އާސެނަލްއިން އޭނާގެ ސޮއި ހޯދައިފިއެވެ.
ސްޕާރސްއިން އޭނާ ގެންދިއުމުގެ މަސައްކަތް ފެށީ، ސީޒަން ފެށުމަށް ކުޑަތަންވެފައި ވަނިކޮށް އެ ކްލަބުގެ މެދުތެރެއަށް ކުޅެމުންދިޔަ ޖޭމްސް މެޑިސަންގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ނަމަވެސް އާސެނަލްއިން އެޒޭ އެ ކްލަބަށް ގެންދިއުމުގެ މަސައްކަތް އަލުން ފެށީ، މި ހަފްތާގައި ކައި ހަވަރޓްސްގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުޅުމާ ދުރުގައި އޭނާއަށް ގިނަ ދުވަހު މަޑުކުރަންޖެހިދާނެކަމަށް ބެލުމަށްފަހުއެވެ.
ހަވަރޓްސްއަށް އަނިޔާވުމުން، އަގުހެޔޮ ގޮތަކަށް ނުބަލާ، އާސެނަލްއިން ސީދާ ބޭނުންވާ ކުޅުންތެރިޔާއާ ދިމާލަށް ދިއުމުން ދޭހަވަނީ، އާޓެޓާއާއެކު ޖެހިޖެހިގެން 5 ސީޒަން ހުސްއަތާ ނިންމާލި އާސެނަލްއިން، މި ސީޒަނުގައި ތައްޓެއް ހޯދުމަށް ކުރަމުންދާ އުއްމީދެވެ.
ރިޕޯޓުތަށް ބުނާ ގޮތުން، އެޒޭ ގަތުމަށް އާސެނަލްއިން ހުށަހަޅާފައި ވަނީ 60 މިލިއަން ޕައުންޑެވެ.
މިދިޔަ ސީޒަންގައި އާސެނަލް ލީގުގެ ދެވަނައިގައި ނިންމާލިއިރު، ޗެމްޕިއަންސް ލީގުގައި ވަނީ ސެމީފައިނަލް ކުޅެފައެވެ.
އާސެނަލްއިން އެންމެ ފުރަތަމަ އެޒޭ ގެންދިއުމަށް މަސައްކަތް ފެށީ، ޓްރާންސްފާރގެ މުއްދަތު ޖޫން މަހު ހުޅުވާލިތަނާއެވެ. ނަމަވެސް، އީތަން ނުވަނޭރީގެ އެއްބަސްވުމުގެ މުއްދަތު އައުކުރުމާއި، ޗެލްސީގެ ނޮނީ މަޑުއެކު އެ ކްލަބަށް ގެނެވުމާ ގުޅިގެން، އެ މަސައްކަތް އޮތީ މަޑުޖައްސާލާފައެވެ. ނަމަވެސް އެ މަސައްކަތް އަލުން ފެށީ، ކައި ހަވާރޓްސްއަށް އަނިޔާވުމުންނެވެ.