ކޮލަމް
ވާދޫ ދަންނަކަލޭގެފާނު: އެދުރުންގެ އެދުރު

ވާދޫ ދަންނަކަލޭގެފާނުންގެ ޒިޔާރަތް.
بسم الله الرحمن الرحيم
ދިވެހިރާއްޖެ ފުށެތިކާލުންގެ ތޫނު ވަކިތަކުން ސަލާމަތްކުރެއްވުމަށް ފަހު، އައްސުލްޠާން މުޙައްމަދު ބޮޑުތަކުރުފާނު ސިރީ ސަވާދީއްތަ މަހާރަދުންގެ ރަސްކަމުގައި، ޙިޖާޒްކަރައާއި ޔަމަނުކަރައިން ޢިލްމު ހޯއްދަވައިގެން ދަންނަބޭކަލަކު މިދިވެހި ފަސްގަނޑަށް ދުރުވެއްޖައޫއެވެ. މިކަލޭގެފާނުން ޢިލްމު ހޯއްދަވަން ދަތުރުކުރެއްވީ އައްސުލްޠާން މުޙައްމަދު ޝީރާޒީގެ ދަރިކަލުން އައްސުލްޠާން ޙަސަން ރަސްގެފާނުންގެ ދުވަސްވަރު ކަމުގައި ބުނެއުޅެތެވެ. މިކަލޭގެފާނުން ބޮޑުތަކުރުފާނުންގެ ރަސްކަމުގައި ރާއްޖެ ދުރުވެންނެވި އިރު، ރާއްޖޭގައި ޢިލްމުވެރިކަމުގެ ތަދުމަޑުކަމެއް ކުރިމަތިވެފައި ވޫއެވެ. ވީމާ، މިކަލޭގެފާނުން ދުރުވުމުން، ބޮޑުތަކުރުފާނުން އެކަމާ ނުހަނު އުފާފުޅު ކުރެއްވޫއެވެ. އާދެ މިކަލޭގެފާނަކީ "އެދުރުންގެ އެދުރު" ވާދޫ ދަންނަކަލޭގެފާނެވެ. ނުވަތަ މުޙައްމަދު ޖަމާލުއްދީން އަލްމަޙަލީއެވެ. މިކަލޭގެފާނުން ދުރުވުމުން، ނުހަނު ޢިއްޒަތާއި ޝަރަފުގައި އޮޑިކޮޅުން ބޭލުއްވުނެވެ. އެއަށް ފަހު، ޚާދިމުންގެ އިސްވެރިޔާގެ ކޮންޑުމަތީގައި ރަދުންގެ ދަރުބާރަށް ގެންދެވުނެވެ. އެހިނދު ރަދުން މިކަލޭގެފާނަށް ނުހަނު މާތްކޮށް ހިއްތަވައި، އުސް ތަނެއްގައި ބައިންދަވައިފޫއެވެ. "ތާރީޚު އިސްލާމި ދީބާ މަޙަލް" މިފޮތުގައި ވާ ގޮތުން، އިހުގައި ވެސް، ފަހުގައި ވެސް، އެއްވެސް ދަންނަބޭކަލަކަށް މިރާއްޖޭގައި ނުދެއްވާ ފަދަ އިޙުތިރާމާއި ޤަދަރު، މިކަލޭގެފާނަށް ދެއްވޫއެވެ.
ކޮންމެއަކަސް، މިކަލޭގެފާނުން މާލޭގައި ހުންނަވާކަށް ހިތްޕުޅާ ހަމަ ނުވިއެވެ. އެއީ، މިކަލޭގެފާނުންގެ ޒުހުދުވެރިކަމުގެ ސަބަބުން އެކަނިވެރިކޮށް އުޅުއްވަން އެދިލައްވާތީއެވެ. ވީމާ، ރަދުންގެ އިޛުނަފުޅާއެކު، މިކަލޭގެފާނުން ހުވަދު އަތޮޅު ވާދުއަށް ދުރުވެންނެވޫއެވެ. ވާދޫގެ ވެރިއަކަށް އެއިރު ހުންނެވި މުޙައްމަދު ފަނޑިޔަތްތަކުރުފާނުން، ވާދޫ ދަންނަކަލޭގެފާނަށް ތަނަވަސް ބިމެއްގައި ގެއެއް އެޅުއްވޫއެވެ. އަދި ފަނޑިޔަތް ތަކުރުފާނުންގެ ދަރިކަލުންނަށް ވާދޫ ދަންނަކަލޭގެފާނު ކިޔަވައި ދެއްވާން ފެށްޓެވޫއެވެ. ދުވަސް ކޮޅެއް ވޭތުވުމުން، މިމަޙަލްދީބުގެ ޖަޒީރާތަކަށް މިކަލޭގެފާނުންގެ ޚަބަރު ފެތުރި، ރާއްޖޭގެ އެތަން މިތަނުން މިކަލޭގެފާނުންގެ އަރިއަހަށް ދަރިވަރުވާން ޠާލިބުން އަތުވާން ފެށޫއެވެ. އެދަރިވަރުންގެ ތެރެއިން އެންމެ މަޝްހޫރު ބޭކަލުންނީ އައްޑޫމީދޫ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނާއި، ކުރަމަތީ އަބޫ ބަކުރު ފަނޑިޔާރު ތަކުރުފާނެވެ.
ފާހަގަކޮށްލާން ޖެހޭ ގޮތުގައި، ވާދޫ ދަންނަކަލޭގެފާނުންގެ ވާހަކަ، "އަލްއަޢްލާމް" ގައި ނަންގަނެވިގެންވޭމެއެވެ. "އަލްއަޢްލާމް" މިފޮތަކީ މުސްލިމު ޢަރަބި ދުނިޔޭގައި މަޝްހޫރު ބަޔޮގްރަފީ ފޮތަކީއެވެ. އިސްލާމީ ޝަޚުޞިއްޔަތުތަކާއި ދަންނަބޭކަލުންގެ މަޢުލޫމާތު ކުރުފޮނި ގޮތަކަށް މިފޮތުގައި ބަޔާންވެގެން ވޫއެވެ. މިފޮތުގައި ވާދޫ ދަންނަކަލޭގެފާނުން ނަންގަނެވިގެން ވަނީ "ޖަމާލުއްދީން އަލްމަޙަލީ" ގެ ނަމުންނެވެ. ދިވެހި ދަންނަބޭކަލެއްގެ ބަޔޮގްރަފީ މިފަދަ ފޮތަކުން ފެނުމުން އަޅުގަނޑު ނުހަނު ޙައިރާން ވީމުއެވެ. ހިޖުރައިން 1396 މިވަނަ އަހަރު އަވަހާރަވި އައްޒިރްކިލީ ލިޔުއްވި މިފޮތުގައި ހިމެނިގެންވާ ބަޔޮގްރަފީގެ މަޢުނަ ތިރީގައި އެވަނީ އެވެ:
ޖަމާލުއްދީން އަލްމަޙަލީ. އަވަހާރަވީ ހިޖުރައިން 990 = މީލާދުން 1582.
އަޙްމަދުގެ ފުތް މުޙައްމަދު. ޖަމާލުއްދީން އަލްމަޙަލީ. މަޙަލް ދީބުގެ އަހުލުވެރީން ކުރެ މާތްވެގެންވާ ދަންނަބޭކަލެއް. އެބައިމީހުން (މިބަހީ: ދިވެހީން) އެނަން ލިޔެ އުޅެނީ ގުޅުވައިގެން (މިބަހީ: محلديب މިފަދައިން). ސިލޯނުގެ ހުޅަނގު ދެކުނުގައި (މިޤައުމު އޮންނަނީ). އެބިމަށް ޝާފިޢީ މަޛްހަބު ފުރަތަމަ ވެއްދެވި ބޭކަލަކީ މިކަލޭގެފާނުން. އެއިގެ ކުރީން އެޤައުމުގެ އަހުލުވެރީން ތިބީ މާލިކީ މަޛްހަބުގެ މަތީގައި. އެއެންމެންނީ (މިބަހީ: ދިވެހީންނީ) ހަމަ މުސްލިމުން. މިކަލޭގެފާނުން އުފަންވެ ބޮޑުފުޅު ވީ ވެސް އެތަނުގައި (ރާއްޖޭގައި). ޢިލްމު ލިބިގަތުމަށް ޙިޖާޒުކަރައަށާއި ޔަމަނުކަރައަށް ދަތުރުކުރެއްވި. އެނބުރި ވަޑައިގަތުމުން، މިކަލޭގެފާނާ ބައްދަލުކުރެއްވުމަށް އެޤައުމުގެ ސުލްޠާނު (މިބަހީ: މުޙައްމަދު ތަކުރުފާނު) ނުކުމެވަޑައިގަތް. މިކަލޭގެފާނަށް އުއްތަމަފަނޑިޔާރުކަން ހުށަހެޅުއްވުމުން އެކަމަށް ޢުޛުރުވެރިވެ ލެއްވި. އަދި ދަރިވަރުންނަށް ފަނޑިޔާރުކަމުގެ ކަންކަމާއި ޝަރުޢުގެ ބައެއް ޙުކުމްތައް އުނގަންނަވައި ދެއްވުމުގައި ދެމިހުންނެވި. އެއަށް ފަހު، ވާދޫ އެވެ ކިޔުނު ޖަޒީރާގައި އަޅުކަމަށް ހުސްވެލެއްވި. އަދި އެރަށުގައި އަވަހާރަވި.
އަޅުގަނޑު އިތުރުކުރާން ޤަޞްދުކުޅަ ބައެއް ނުކުތާތައް:
"އަލްއަޢްލާމް" މިފޮތް ތަޙުޤީޤު ކުރެއްވި ފަރާތުން ފިލިޖައްސަވާފައިވާ ގޮތުން، ކިޔޭނީ "އަލްމަޙައްލީ" އެވެ. "އަވާއިލުލް މަޛްހަބިއްޝާފިޢީ" މިފޮތް ލިޔުއްވި ބޭކަލާ ވެސް އަލްއަޢްލާމްގެ މިޗާޕުން ނަކަލުކުރެއްވުމުގެ ސަބަބުން، "އަލްމަޙައްލީ" މިފަދައިން ތަޝްދީދާއެކު ލިޔުއްވާފައިވެއެވެ. އެހެނަސް އެއީ ކުށެކެވެ. އެލަފުޡުގެ ރަނގަޅު ޟަބްޠަކީ "އަލްމަޙަލީ" އެވެ. ނުވަތަ "އަލްމަޙްލީ" އެވެ. ތަޝްދީދު ނުލައެވެ. ދެން ޙާ ގައި ސުކުން ކުޅައަސް، ތެދުފިލި ޖެއްސަސް ހަމައެވެ. މިދެގޮތަށް ދިވެހި ދަންނަބޭކަލުން ލިޔުއްވާފައި ހުރީތީ އަޅުގަނޑު ލޮލުން ދުށީމުއެވެ. އެހެނީ، މިނަމީ "މަޙަލް" އަށް ނުވަތަ މާލެއަށް ނިސްބަތްކޮށް ކިޔޭ ނަމެކެވެ. "މަޙަލްދީބު" މިނަމުގައިވާ "މަޙަލް" މިބަހީ މާލެއެވެ. މިނަމަކީ އިހުޒަމާނުއްސުރެ ދިވެހިރާއްޖެއަށް ކިޔާ އުޅުނު ނަމަކީއެވެ. ނަމަވެސް، އެންމެ ޤަދީމީ ޒަމާނުގައި ކިޔައި އުޅުނު ގޮތަކީ "ޛީބަތުލްމަހަލް" ކަމުގައި އިބުނު ބަޠޫޠާ ލިޔުއްވާފައިވެއެވެ. ހާ ޙާ އަކަށް ބަދަލުވުމާއި، ޛާލު ދާލަކަށް ބަދަލުވުމާއި، ނަމުގެ ދެބައި އިސްފަސްވުމާއި، މިކަހަލަ ތަފާތުތަކެއް އައިސްފައިވޫއެވެ.
ކޮންމެއަކަސް، އައްޒިރްކިލީ އެކަލޭގެފާނުންގެ "އަލްއަޢްލާމް" ގައި ލިޔުއްވާފައިވާ ތަން، އާދެ އިސްވެ ނަޤުލު ކުރެވުނު ތަނުން އެނގޭ ގޮތުގައި، ވާދޫ ދަންނަކަލޭފެގާނަކީ މިދިވެހި ބިމަށް އުފަން، ދިވެހި ބޭކަލެކެވެ. މިމަޢުލޫމާތު މުހިންމުވާ ސަބަބަކީ، އެކަލޭގެފާނަކީ ބޭރުގެ ބޭކަލެއް ކަމަށް ބައެއް މީހުން ކިޔާ އުޅުމެވެ. "ތާރީޚް އިސްލާމި ދީބާ މަޙަލް" މިފޮތުގައި ވެސް މިކަލޭގެފާނަކީ ދިވެއްސެއް ތޯ ނުވަތަ ނޫން ތޯ ޞަރީޙަކޮށް ބަޔާންކުރައްވައިފައި ނެތެވެ. އޮތް ހައި ވެސް ވާހަކައަކީ އެކަލޭގެފާނުން ރާއްޖޭގައި ހުންނެވުމަށް ފަހުގައި، ޢިލްމު ޙާޞިލުކުރައްވާން ދަތުރުކުރެއްވި ކަމެވެ.
ދިވެހީން އިސްލާމްވުމަށް ފަހު، މާލިކީ މަޛްހަބުގެ މަތީގައި ތިބިކަން، "އަލްއަޢްލާމު"ން ނަޤުލުކުރި ޢިބާރާތުގައި ވެއެވެ. މިކަމަކީ އިބުނު ބަޠޫޠާ ވެސް ފާހަގަކުރައްވާފައިވާ ކަމެކެވެ. މިކަމުގެ ސަބަބަކީ، ރާއްޖެ އިސްލާމްކުރެއްވި ކަމަށް ބުނެވޭ އަބުލްބަރަކާތުލް ބަރްބަރީ އަކީ މަޣްރިބުކަރައިގެ ބަރްބަރަށް ނިސްބަތްވެލައްވާ ބޭކަލަކަށް ވުމެވެ. މަޣްރިބުކަރައިގެ ބިމަކީ އިހުގައި ވެސް، އަދި މިހާރު ވެސް، ސައްޔިދުނާ އިމާމް މާލިކުގެ މަޛްހަބަށް ތަބަޢަވުމުގައި ދެމިއޮތް ބިމެކެވެ. ވުމުން، ދިވެހީން އިހުގައި މާލިކީ މަޛްހަބުގެ މަތީގައި ވުމީ، އަބުލްބަރަކާތުލް ބަރްބަރީގެ ނިސްބަތުގެ ޞައްޙަކަމުގެ ދަލީލެއް ކަމުގައި ދެކެމެވެ. އެހެނީ، އަބުލްބަރަކާތަކީ އީރާނުގެ ތަބްރީޒު ކަރައިގެ ބޭކަލެއް ކަމުގައި ވެސް ބުނެވެއެވެ. ނަމަވެސް، ތަބްރީޒުކަރައަކީ މާލިކީ މަޛްހަބަށް ޢަމަލުކުރާ ބަޔަކު އުޅޭ ބިމެއް ނޫނެވެ. އެހެނަސް، މިކަމުގައި ޚަޞްމުންނަށް ވެސް ދަލީލުތަކެއް ވޭމެއެވެ. މިގޮތުން، ދިވެހި ބަހުގައި ބޭނުންކުރާ ދީނީ ބައެއް ބަސްބަހަކީ އީރާނުގައި މޮށެއުޅޭ ފާރިސީ ބަހުން އައިސްފައި ލަފުޡުކަކަށް ވުން ފާހަގަކުރަމެވެ. މިޘާލަކަށް: ނަމާދު: އަޞްލަކީ ފާރިސީ ލަފުޡު نماز. ރޯދަ: އަޞްލަކީ ފާރިސީ ލަފުޡު روزه. މިކަންކަމީ އެކަލޭގެފާނުންގެ ތަބްރީޒީ ނިސްބަތަށް ކޮންމެވެސް ވަރެއްގެ ޙުއްޖަތެކޭ ބުނެވިދާނެއެވެ. ނަމަވެސް، ދެފަރާތަށް ވެސް މިކަމުގައި ހެކިބުރުހާނުތަކެއް ވޭމެއެވެ.
ރާއްޖެއިސްލާމްކުރެއްވި ބޭކަލަކީ މަޣްރިބު ކަރައިގެ އަލްބަރްބަރީ ކަމުގައި ކިޔާ މީހުންގެ ޙުއްޖަތްތައް:
- އެކަން އިބުނު ބަޠޫޠާ ލިޔުއްވާފައިވުން.
- މާލޭ ހުކުރު މިސްކިތުގެ ޤަދީމީ ފިލާކޮޅުގައި البربري މިފަދައިން އޮތް ކަމަށް، ދިވެހި ގިނަ ދަންނަބޭކަލުންނާއި މުއައްރިޚުން ލިޔުއްވާފައިވުން.
- މަޣްރިބު ކަރައަކީ މާލިކީ ބިމަކަށް ވެފައި، ދިވެހީން އިހުގައި މާލިކީ މަޛްހަބަށް ޢަމަލުކުޅައުން.
- އަބުލްބަރަކާތުލްބަރްބަރީ ގެ ވާހަކަ އަނގަބަހުން ގިނަ ބަޔަކު ކިޔައި އުޅުން.
ރާއްޖެ އިސްލާމްކުރެއްވި ބޭކަލަކީ ތަބްރީޒުކަލޭގެފާނުން ކަމުގައި ބުނާ މީހުންގެ ޙުއްޖަތްތައް:
- ދީނީ އެންމެ މުހިންމު އަޅުކަންތަކުގެ ދިވެހި ނަންތައް ފާރިސީ ބަހުން ނެގިފައި ވުން.
- ތަބްރީޒުކަލޭގެފާނުގެ ނަމުން ބައެއް މީހުން މިވާހަކަ ކިޔައި އުޅުން.
- ހުކުރު މިސްކިތުގެ އައުކުރި ފިލާގައި التبريزي މިފަދައިން ލިޔެފައި އޮތުން.
ކޮންމެއަކަސް، ދިވެހިރާއްޖެ އިސްލާމް ކުރެއްވި ބޭކަލެއް ނިސްބަތްވެލައްވާ ބިމެއް ތަޙުޤީޤުކޮށް ކަށަވަރުކުރުމީ މިލިޔުމުގެ ދާއިރާއިން ބޭރުގައި ވާ ކަމެކެވެ. މިލިޔުމުގައި ފާހަގަކުރެވުނު ނުކުތާ އަކާ ކޮންމެވެސް ގުޅުމެއް ހުރުމުން، ކުރުގޮތެއްގައި މިިޚިލާފުގެ ވާހަކަ ނަންގަތީއެވެ. މީގެ އިތުރުން، ބޮޑުތަކުރުފާނުން ދިވެހިރާއްޖޭގެ ރަސްކަން ނުކުރައްވާ ކަމަށް ކިޔާ މީހުން ވެސް އުޅެތެވެ. އެހެނަސް، އެކަމާ މެދު އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތެއްގެ މަދުކަމުން، އެކަމުގެ ތަފްޞީލު ބަޔާންކުޅައުމަށް ޢުޛުރުވެރިވަމެވެ. ބޮޑުތަކުރުފާނުންގެ "ރަސްކަމުގައި" ވާދޫ ދަންނަކަލޭގެފާނުން ދުރުވެންނެވުމަކީ ތާރީޚީ ފޮތްފޮތުން އަޅުގަނޑު ކިޔާފައި ހުރި ގޮތެވެ. އަދި ދޫދޫ މަތިން އަޑުއަހާފައި ހުރި ގޮތްމެއެވެ.
ކޮންމެއަކަސް، ވާދޫ ދަންނަކަލޭގެފާނުންގެ ސަބަބުން މިދިވެހިރާއްޖެއަށް ހެޔޮ އަޘަރުތަކެއް ކޮށްފައިވެއެވެ. އެއީ، ޢިލްމުވެރިކަމަށް އެހައި ބޭނުންވެފައިވީ ޒަމާނެއްގައި، މުސްލިމުންގެ މައްޗަށް އޮތް ފަރުޟުކިފާޔަތެއް އަދައިކުރައްވައި، އިސްލާމީ މުހިންމު ޢިލްމުތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުން އައި ދަރިވަރުންނަށް ދަސްކޮށްދެއްވާފައިވާތީއެވެ. ބޮޑުތަކުރުފާނުން ދިވެހިރާއްޖޭގެ އިސްތިޤްލާލާއި ޤައުމިއްޔަތު ނެގެހެއްޓެވި ހިނދު، ވާދޫ ދަންނަކަލޭގެފާނުން ވަނީ ދިޔާނަތު ޙިމާޔަތުކުރައްވައި ރައްކައުތެރިކުރައްވާފައެވެ. މިދެކަމަކީ ޤައުމެއް ކުރިއަރައި ދިޔުމުގެ ދެ އަސާސް ކަމާ މެދު ޝައްކެއް ވަހުމެއް ވެސް ނެތެވެ.
އިސްވެދެންނެވި ކަންކަމުގެ އިތުރުން، ވާދޫ ދަންނަކަލޭގެފާނުން ދިވެހިރާއްޖެއަށް ޝާފިޢީ ފިޤުހު ގެންނެވި ކަމީ، ރަނގަޅު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެހެނީ، ޝާފިޢީ މަޛްހަބަކީ "ކަނޑުފަޅުތަކުގެ މަޛްހަބެ"ވެ. އިންޑޮނޭޝިޔާ ފަދަ ޖަޒީރާ ޤައުމުތަކަކީ ވެސް ޝާފިޢީ މަޛްހަބަށް ޢަމަލުކުރާ ޤައުމުތަކެކެވެ. ޢަޖާއިބެއް ވެސް ނޫންތާއެވެ. އެހެނީ، އިމާމުނާ އައްޝާފިޢީގެ ޒިޔާރަތްފުޅުގައި ހުންނަ ޤުއްބުގެ މަތީގައި ބަހައްޓާފައި ހުންނަނީ ވެސް ކުޑަ ދޯންޏެއް ވިއްޔާއެވެ.

ޝާފިޢީގެފާނުންގެ ޤުއްބަތުގައި ހުންނަ ދޯނި
މިދޯނިން ރަޙްމަތް ލެއްވި އިމާމުނާ އައްޝާފިޢީގެ ފާނުންގެ ޢިލްމުވެރިކަން ރަމްޒުކޮށްދޭ ކަމުގައި ވެސް ބުނެވެއެވެ. އެއީ، އެކަލޭގެފާނަކީ "ޢިލްމުގެ ކަނޑު" ކަމުގައި ވާތީއެވެ.
މިމަޤާމުގައި ފާހަގަކޮށްލަން ޖެހޭ އަނެއް ކަމީ، ވާދޫދަންނަކަލޭގެފާނުން ޙިޖާޒުކަރައިގައި އުޅުއްވި ދުވަސްވަރަކީ، މާތް ﷲ ރަޙްމަތް ލެއްވި އިބްނު ޙަޖަރް އަލްހައިތަމީ މައްކާގެ ޙުރުމަތްތެރި މަސްޖިދުގައި ކިޔަވައިދެއްވާން އުޅުއްވި ދުވަސްވަރާ ދާދި ގާތް ޒަމާނެއް ކަމެވެ. އެހެނީ، މިކަލޭގެފާނުން ހިޖުރައިން 940 ވަނަ އަހަރު މައްކާއަށް ދުރުވެ، 33 އަހަރު މައްކާގައި ހުންނެވޫއެވެ. އަވަހާރަވީ ހިޖުރައިން 974 ވަނަ ސަނަތުގައެވެ. މިކަލޭގެފާނަކީ ޝާފިޢީ މަޛްހަބު ތަޙްޤީޤުކުރެއްވި ބޭކަލުންގެ ތެރެއިން އެންމެ މުހިންމު އެއް މުޙައްޤިޤެވެ. މިކަލޭގެފާނުން ލިޔުއްވި "ތުޙްފާ" އަކީ ފަތުވާދިނުމުގައްޔާއި ކިޔަވައިދިނުމުގައި ޝާފިޢީ މަޛްހަބުގައި މުހިންމު ފޮތެކެވެ. އަދި މަތީ ދަރަޖައިގެ ފޮތެއްމެއެވެ. ކޮންމެކޮންމެ މީހަކަށް މިފޮތް ފަސޭހައިން ފަހުމު ނުވާހުއްޓެވެ. ސަބަބަކީ، އިމާމް އިބުނު ޙަޖަރް މިފޮތް އެކުލަވައިލެއްވީ ވީހައިވެސް ގިނަ މަޢުލޫމާތުތަކެއް ވީހައިވެސް ކުރު ޢިބާރާތުން ގެނެސްދެވޭ ފަދަ އުސްލޫބަކުންނެވެ.
ކޮންމެއަކަސް، ވާދޫ ދަންނަކަލޭގެފާނު ޢިލްމު ޙާޞިލުކުރައްވާން ދަތުރު ފެއްޓެވީ މީލާދުން 1574 މިއަހަރުގައި ކަމުގައި ބުނެވެއެވެ. އެއީ ހިޖުރީ ގޮތުން 981 ނުވަތަ 982 ވަނަ އަހަރެވެ. ވީމާ، މިތާރީޚު އިޢުތިބާރު ކުޅައީ ނަމަ، ވާދޫ ދަންނަކަލޭގެފާނުން އިބުނު ޙަޖަރާ ބައްދަލުވެލެއްވުމަކީ މުސްތަޙީލު ކަމެކެވެ. ސަބަބަކީ، އިސްވެދެންނެވުނު ފަދައިން ހިޖުރައިން 974 ވަނަ ސަނަތުގައި އިބުނު ޙަޖަރު އަވަހާރަވެފައި ވުމެވެ. އެހެނެއް ކަމަކު، އިބުނު ޙަޖަރަކީ ޝާފިޢީ މަޛުހަބުގެ މުހިންމު ވަރުގަދަ މުޙައްޤިޤަކަށް ވުމުން، މިކަލޭގެފާނު އަވަހާރަވުމަށް ފަހު ވާދޫ ދަންނަކަލޭގެފާނު ޢިލްމު ޙާޞިލުކުރެއްވުމުން، ޝާފިޢީ މަޛްހަބުގެ ފިޤުހު އޭގެ އެންމެ ފޮނިމީރު ޞިފައިގައި ވާދޫ ދަންނަކަލޭގެފާނަށް ލިބިލެއްވިކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.
ވާދޫ ދަންނަކަލޭގެފާނާ ބެހޭ ގޮތުން މާ ގިނަ މަޢުލޫމާތުތަކެއް ތާރީޚީ މަޞާދިރުގައި ލިޔެވިފައެއް ނެތެވެ. އެކަލޭގެފާނުންގެ ފުރިހަމަ ނަސަބުފުޅާއި، ކުޑައިރުގެ ޙަޔާތްޕުޅާއި، މިފަދަ މިފަދަ ކަންކަމާ މެދު މަޢުލޫމާތު ލިބޭން ހުރި ކަމެއް ނިކަމެތި އަޅާ ނުދެނެހުރީމެވެ. ނަމަވެސް، ޔަޤީން ވާ އެއް ކަމެއް އެބައޮތެވެ. އެކަމަކީ، ވާދޫ ދަންނަކަލޭގެފާނުންގެ ސަބަބުން ރާއްޖޭގައި އިސްލާމް ދީނުގެ ޝިހާބުތައް އަލިގަދަވެ، ޢިލްމުވެރިކަމުގެ އައު ދޮރުކޮޅުތަކެއް ހުޅުވިގެން ދިޔަކަމެވެ. ބޮޑުތަކުރުފާނުންގެ ޖިހާދާ ދާދި އެއް ޒަމާނެއްގައި ވާދޫ ދަންނަކަލޭގެފާނުން ފައުޅު ވުމީ، މާތް ކަލާނގެ ދިވެހީންނަށް ދެއްވި މަތިވެރި ދެ ނިޢުމަތެވެ. މިނިވަންކަމާއި އާޒާދީގެ ނިޢުމަތާއި، މާތްވި ދިޔާނަތުގެ ނިޢުމަތެވެ. ވީމާ، މިދެނިޢުމަތަށް ޝުކުރު ކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމީ އަޅުގަނޑުމެންގެ ކޮންޑުތަކުގައި އެޅިފައި އޮތް ވާޖިބެވެ. މިދެ ކަންތައް ނެތިކޮށް، ދިވެހީންނީ އެއްވެސް ބައެއް ނޫން ކަމުގައި ވެދާނެ އެވެ. މިދީނާއި ޤައުމުގެ ދިފާޢުގައި އަދުގެ ދިވެހީން ތެދުވާން ވެއްޖެއެވެ. ފަރުދީ ޒިންމާ އަދާކުރާން ވެއްޖެއެވެ.
ދީނަށް، މިޤައުމަށަ ކެރި މަ ގެން
ޙީނަށް މިޣަފްލަތު ނެތި ވެގެން
ޖިސްމާއި ރޫޙުން ވާނަ މޭ
އިސްނެގި މަ ޤުރުބާން ވާނަ މޭ