ކުޅިވަރު
ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ 9 ރެކޯޑެއް އާކޮށްފި

ވޯލްޑް އެކުއެޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް 2025ގައި ވާދަކުރުމަށް ފުރި ރާއްޖޭގެ ޓީމު، ފޮޓޯ: ޕީއެސްއެމް
މި މަހުގެ 19-24 އަށް ރުމޭނިއާގެ އޮޓޮޕެނީގައި ކުރިޔަށްދިޔަ ވޯލްޑް އެކުއެޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް 2025ގައި، 3 ރިލޭ ހިމެނޭހެން ރާއްޖޭގެ 9 ރެކޯޑެއް އާކޮށްފިއެވެ.
ރާއްޖޭގެ 16 ފެތުންތެރިން މި މުބާރާތުގައި ވާދަކޮށްފައިވާއިރު، އިންޑިވިޖުއަލް 6 ކެޓަގަރީން އާކުރި ރެކޯޑުތައް އާކޮށްފައި ވަނީ 4 ފެތުންތެރިންނެވެ. އެއީ ލޫޠު މުޙައްމަދު ޙުސައިން އާއި އިޒްޔާން ނާޒިމް އާއި އަމްނާ ތަޒްކިޔާ މިރުޞާދު އަދި މިރާލް ޢައިން ލަތީފްއެވެ.
މީގެތެރެއިން ލޫޠު އަދި މިރާލް ދެ ރެކޯޑެއް އާކޮށްފައިވެއެވެ. އަދި މިއީ ރާއްޖޭގެ ފެތުމުގެ ރެކޯޑެއް ލޫޠު އާކުރި ފުރަތަމަ ފަހަރުވެސް މެއެވެ.
މި މުބާރާތުން ދެން ފާހަގަކޮށްލެވޭ ކަމަކީ، ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ރެކޯޑު ދެ ފަހަރަށް ލޫޠުއާކޮށްފައިވުމެވެ. އެގޮތުން މި ރެކޯޑު ފުރަތަަމަ 00:32.67 އިން އާކޮށްފައިވާއިރު، ދެވަނަ ފަހަރަށް އޭނާ އެ ރެކޯޑު އާކުރީ 00:31.81 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
ވޯލްޑް އެކުއެޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް 2025ގައި ރާއްޖެއިން އާކުރި އިންޖިވިޖުއަލް ރެކޯޑުތައް:
- އަންހެނުންގެ ލޯންގް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުން މިރާލް ޢައިން ލަތީފް
- ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުން ލޫޠު މުޙައްމަދު ޙުސައިން
- ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުން ލޫޠު މުޙައްމަދު ޙުސައިން
- އަންހެނުންގެ ލޯންގކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުން މިރާލް ޢައިން ލަތީފް
- އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުން އަމްނާ ތަޒްކިޔާ މިރުޞާދު
- ފިރިހެނުންގެ ލޯންގކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުން އިޒްޔާން ނާޒިމް
މީގެތެރެއިން މި މުބާރާތުގައި ރާއްޖެއިން ރިލޭގެ ރެކޯޑުތައް އާކުރި 3 ޓީމުގައި ވެސް މިރާލް ޢައިން ލަޠީފް އަދި އަމްނާ ތަޒްކިޔާ މިރުޞާދު ހިމެނެއެވެ.
ވޯލްޑް އެކުއެޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް 2025ގައި ރާއްޖެއިން އާކުރި ރިލޭގެ ރެކޯޑުތައް:
- އަންހެނުންގެ ލޯންގކޯސް 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓު
- އަންހެނުންގެ ލޯންގކޯސް 4 ގުނަ 100 މީޓަރ ފްރީސްޓައިލް
- އަންހެނުންގެ ލޯންގްކޯސް 4 ގުނަ 200 މީޓަރު ފްރީސްޓައިލް
މީގެތެރެއިން އަންހެނުންގެ ލޯންގްކޯސް 4 ގުނަ 200 މީޓަރު ފްރީސްޓައިލް އިވެންޓުން ރެކޯޑު އާކުރީ 10:09.97 އިން ރޭސް ނިންމައިގެންނެވެ. މި ރެކޯޑު އާކުރި ޓީމުގައި ހިމެނެނީ، މިރާލް ޢައިން ލަޠީފް، އަމްނާ ތަޒްކިޔާ މިރުޞާދު، ލައިބާ ޙަސަންމަނިކު އަދި ޢަޔާނާ ޢަރީފްއެވެ.
އަދި އަންހެނުންގެ ލޯންގކޯސް 4 ގުނަ 100 މީޓަރ ފްރީސްޓައިލް އިވެންޓުން ރެކޯޑު އާކުރީ 04:28.16 އިން ރިލޭ އިވެންޓު ފުރިހަމަކޮށްގެންނެވެ. މި ރެކޯޑު އާކުރި ޓީމުގައި ހިމެނެނީ، އަމްނާ ތަޒްކިޔާ މިރުޞާދު، މިރާލް ޢައިން ލަޠީފް، ސާރާ މުޙައްމަދު އަދި ޢާއިޝަތު އަލީނާ ޝާހިދުއެވެ.
މީގެއިތުރުން އަންހެނުންގެ ލޯންގކޯސް 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓު 05:04.04 އިން ނިންމައި ރެކޯޑު އައުކުރި ޓީމުގައި ހިމެނެނީ މަލައިކާ ލިންދާ ޢިމްރާން، ސާރާ މުޙައްމަދު، މިރާލް ޢައިން ލަޠީފް އަދި އަމްނާ ތަޒްކިޔާ މިރުޞާދުއެވެ.