ކުޅިވަރު

އުމުރުން 16 އަހަރުގެ ގުމޯހާ 100ވަނަ މިނެޓުގައި ލިވަޕޫލް ސަލާމަތްކޮށްދީފި

އުމުރުން 16 އަހަރުގެ ގުމޯހާ 100ވަނަ މިނެޓުގައި ލިވަޕޫލް ސަލާމަތްކޮށްދީފި

ލިވަޕޫލަށް އަނބުރާ ލީޑު ހޯދައިދިނުމަށްފަހު ގުމޯހާ އުފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 އޯގަސްޓު 2025، 07:14

26 އޯގަސްޓު 2025، 07:14

އިންގިލިޝް ޕްރިމިއަރ ލީގުގައި ރޭ ނިއުކާސްލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، އުމުރުން 16 އަހަރުގެ ރިއޯ ގުމޯހާގެ ގޯލާއެކު ލީގުގެ ދެވަނަ މެޗު 3-2އިން ލިވަޕޫލު ކާމިޔާބުކޮށްފިއެވެ. 

ނިއުކާސްލްގެ ސެއިންޓް ޖޭމްސް ޕާކްގައި ކުޅުނު މި މެޗަކީ، އެ ޓީމުގެ ކުރިޔަށް ކުޅެމުން އަންނަ އެލެކްސެންޑަރ އިސާކް ލިވަޕޫލަށް ބަދަލުވުމަށް ބޭނުންވި ނަމަވެސް، ނިއުކާސްލްއިން ގިނަ ސަބަބުތަކާ ހުރެ އޭނާ މިހާތަނަށް ދޫނުކޮށް ހިފަހައްޓާފައިވާ ދަނޑިވަޅެއްގައި ކުޅެފައިވާ މެޗެކެވެ. 

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފަށައިގެން ނިއުކާސްލްއިން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ލިވަޕޫލްގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް ނިއުކާސްލްއަށް ގޯލެއް ކާމިޔާބު ނުކުރެވެނީސް މެޗުގެ 35ވަނަ މިނެޓުގައި ލިވަޕޫލްގެ ރަޔަން ގްރެވެންބާޗް ތިރިތިރިން ފޮނުވާލި ހަމަލާއެއް ގޯލަށްވަދެ ލިވަޕޫލުން ލީޑު ނެގިއެވެ. 

އެއް ގޯލު ފަހަތުގައި އޮވެ ފުރަތަމަ ހާފު ނިންމާލުމަށް ދަނިކޮށް، ނިއުކާސްލްއަށް މެޗުގެ ނަތީޖާ ބަދަލުކުރުމަށް އިތުރު ހުރަހަކާ ކުރިމަތިވިއެވެ. އެ ޓީމުގެ ހަމަލާތަކުގައި އިސްކޮށް ހަރަކާތްތެރިވި އެންތޮނީ ގޯޑަން ލިވަޕޫލްގެ ވާރޖިލް ވެން ޑައިކްއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ހާފު ނިމުމުގެ ކުރިން އޭނާއަށް ވަނީ ރަތްކާޑު ދައްކާފައެވެ.

ލިވަޕޫލުން އެ ޓީމުގެ ލީޑު ފުޅާކުރީ ދެވަނަ ހާފު ފަށައިގެން 20 ސިކުންތު ކުޅެވުނުތަނާއެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަންގައި އެ ޓީމާ ގުޅުނު ހޫގޯ އެކިޓިކޭއެވެ. 

މި ހުރިހާ ގޮންޖެހުންތަކާއެކު ވެސް އަޒުމަށް ބަދަލެއް ނައިސް ކުޅެމުން ދިޔަ ނިއުކާސްލްއިން ވަނީ މެޗުގެ 57ވަނަ މިނެޓުގައި ބްރޫނޯ ގުމަރޭޒްގެ ގޯލަކުން އުއްމީދުއާކޮށްފައެވެ. 

މެޗު ނިމެން ދެ މިޓަށް ވެފައިވަނިކޮށް ނިއުކާސްލްއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ލިބުނު ހާފް-ޗާންސެގައި އެ ޓީމަށް މި ގޯލު ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ވިލިއަން އޮސޫލާއެވެ. 

ނިއުކާސްލްގެ މި ގޯލަށްފަހު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިފަހުން ލިވަޕޫލުން ތިން ބަދަލެއް ގެނަސްފައި ވެއެވެ. އޭގެ ތެރޭގައި އުމުރުން 16 އަހަރުގެ ރިއޯ ގުމޯހާ ވެސް ހިމެނެއެވެ. ލިވަޕޫލަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިނީ އިތުރު ވަގުތުގެ 10ވަނަ މިނެޓުގައި އޭނާ ކާމިޔާބުކުރި ގޯލުންނެވެ. 

މި ގޯލާއެކު ގުމޯހާ ވެގެންގޮސްފައި މިވަނީ ލިވަޕޫލްގެ ޖާރޒީގައި ގޯލެއް ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން