ޚަބަރު
ރޭ ހުޅުމާލެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު އޮތީ ކުނިވެފައި

ހުޅުމާލޭ ވޯޓަރ ތީމް ޕާކް ސަރަޙައްދު---
ހުޅުމާލޭގެ ވޯޓާރ ތީމް ޕާކް ހަދަން ދޫކޮށްފައިވާ ސަރަޙައްދުން މަރުވެފައި އޮތްވާ ރޭ ފެނުނު މީހާގެ ހަށިގަނޑު އޮތީ ކުނިވެފައިކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.
ފުލުހުން އިތުރަށް ބުނީ، މިއީ ބިދޭސީ ފިރިހެނެއްކަމަށް ބެލެވޭކަމަށެވެ. އެގޮތުން އެއީ މި މަހުގެ 21ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާކަމަށް ބެލެވޭ ކަންކަން ފާހަގަކުރެވިފައިވާކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.
ނަމަވެސް އޭނާގެ އައިޑެންޓިޓީ މިހާތަނަށް ކަށަވަރުކުރެވިފައި ނުވާތީ އެކަން ޔަޤީން ނުކުރެވޭ ކަމަށާއި، އެކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަނީ ހާމަކޮށްފައެވެ.
އެ މީހާ މަރުވެފައި އޮއްވާ ފެނުނު ވޯޓާރ ތީމް ޕާކް ހުންނަނީ ހުޅުމާލޭގެ ދެކުނު ކޮޅުން ބްރިޖަށް އަރަންދާ ހައިވޭއާ ދިމާލުގައި އޮންނަ ބޮޑު މަގުގެ އަތިރިމައްޗަށްވާ ގޮތަށެވެ.
އެތާ ހަދަން ފެށި ވޯޓަރ ޕާކްގެ މަޝްރޫއުގެ މަސައްކަތް ފެށުމަށްފަހު ކުރިއަށް ގެންގޮސްފައި ނުވާތީ އާއި ވަކި ހިސާބަކުން މަސައްކަތް ހުއްޓާލާފައިވުމުން، ކޮންކްރީޓުގެ ބައެއް މަސައްކަތް ކުރުމަށްފަހު އެ ތަނުގެ އެއްވެސް މަސައްކަތެއް ނުހިނގާތާ މިހާރު ގިނަ ދުވަސްތަކެއް ވަނީ ހޭދަވެފައެވެ.