Ads by Stelco

ޚަބަރު

ގެވެށި އަނިޔާއާ ދެކޮޅަށް ހިންގާ "އެކު އެކީ" ޕްރޮގްރާމް ކުޅުދުއްފުށީގަައި ފަށައިފި

ގެވެށި އަނިޔާއާ ދެކޮޅަށް ހިންގާ "އެކު އެކީ" ޕްރޮގްރާމް ކުޅުދުއްފުށީގަައި ފަށައިފި

ކުޅުދުއްފުށީ ސިޓީ/ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

26 އޯގަސްޓު 2025، 09:52

26 އޯގަސްޓު 2025، 09:52

ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ (ޑީވީ އެންޑް ޖީބީވީ) ހުއްޓުވުމަށާއި، ހަމަހަމަ އުސޫލުތައް ގެންގުޅުމާއި، މުޖުތަމަޢުގައި ހޮޔޮ ބަދަލުތައް ގެނައުމާއި ގުޅޭ "އެކު އެކީ" ތަމްރީން ޕްރޮގްރާމް ކުޅުދުއްފުށީގަައި ފަށައިފިއެވެ.

މި ޕްރޮގްރާމަކީ، އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިހިނގާ އޮގަސްޓް މަހުގެ 24 އިން 28 އަށް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ 5 ދުވަހުގެ މި ތަމްރީނު ޕްރޮގްރާމުގައި، ހދ.ހަނިމާދޫ، ކުމުންދޫ، ވައިކަރަދޫ އަދި ކުޅުދުއްފުށި ސިޓީއިން 18 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 04 ފަރާތެއް ވެސް ހިމެނޭކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

އެ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމަކީ 18-25 އަހަރާއި ދެމެދުގެ ކުދިންނަށް ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއަށް ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން މި އުމުރުފުރައިގެ ކުދިންގެ މެދުގައި ދިމާވާ ކަންކަމުގައި އެކަކު އަނެކަކާ ވާހަކަ ދައްކާ ހައްލު ކުރެވޭނެ ރަނގަޅު ގޮތްތައް ކިޔާ ދިނުމުގެ އިތުރުން، އަމިއްލަ އަދި އަނެކާގެ ނަފްސާނީ ދުޅަހެޔޮކަން ދެނެގަންނާނެ ގޮތްތައްވެސް ބުނެދެވޭނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް އެމީހުންގެ މުޖުތަމަޢުތަކުގައި އެދެވޭ ބަދަލުތަކެއް ގެނައުމަށް ބޭނުންވާ މުހިންމު ހުނަރުތަކާއި މަޢުލޫމާތުވެސް ފޯރުކޮށްދެވޭނެއެވެ. ހަމަ މިއާއެކު، މި ޕްރޮގްރާމް ވެގެންދާނީ މިންތީގެ ހަމަހަމަކަމާއި، މުޖުތަމަޢުގައި ހުންނަ ހަމަނުޖެހުންތައް ހައްލުކުރުމާއި އަދި މުޢާމަލާތްކުރުން ފަދަ ދާއިރާތަކުން ތަޖުރިބާ ހޯދުމަށް ލިބިގެންދާނެ ޚާއްޞަ ފުރުޞަތަކަށް ކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން