ކުޅިވަރު

ފުރަތަމަ ޑިވިޝަނަށް ނިއު ޕްރޮމޯޓުވެދާނެ ކަމުގެ އަޑު ގަދަވެފައި ވަނިކޮށް، ސެންޓޭ އެ ޓީމަށް

ފުރަތަމަ ޑިވިޝަނަށް ނިއު ޕްރޮމޯޓުވެދާނެ ކަމުގެ އަޑު ގަދަވެފައި ވަނިކޮށް، ސެންޓޭ އެ ޓީމަށް

ސާފް ޗެމްޕިއަންޝިޕް 2023ގައި ބޫޓާންއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި އަލީ ފާސިރު، ފޮޓޯ: އަބްދުﷲ ޔަޝާއު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 އޯގަސްޓު 2025، 10:13

26 އޯގަސްޓު 2025، 10:13

ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިން ފުރަތަމަ ޑިވިޝަނުން ވަކިވެފައިވުމާ ގުޅިގެން އެ ޖާގައަށް ނިއު ރޭޑިއަންޓް ދިވެހި ލީގަށް ޕްރޮމޯޓުވެދާނެ ކަމުގެ އަޑު ގަދަވެފައި ވަނިކޮށް، ޤައުމީ ފުޓްބޯޅަ ޓީމުގެ ތަރި، ޢަލީ ފާސިރު (ސެންޓޭ) ނިއު ރޭޑިއަންޓަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

މިއީ ޤައުމީ ޓީމުގެ ވައިސް ކެޕްޓަނެއްގެ މަޤާމުގައި ހުރި ސެންޓޭ ނިއުރޭޑިއަންޓާ ގުޅޭ 4ވަނަ ފަހަރެވެ.

އުމުރުން 36 އަހަރުގެ ސެންޓޭ އެންމެ ފުރަތަމަ ނިއުއާ ގުޅުނީ 2011 ވަނަ އަހަރުއެވެ. ނަމަވެސް ޖެހިގެން އައި ސީޒަނަށް އޭނާ ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބަދަލުވެފައެވެ.

އޭގެ ފަހުން އަނިޔާއަކާ ގުޅިގެން ގިނަ ދުވަހު ނުކުޅެ ހުރުމަށްފަހު ސެންޓޭ ދެވަނަ ފަހަރަށް ނިއުއާ ގުޅުވީ 2013ވަނަ އަހަރެވެ. އެ ފަހަރު ނިއުއާއެކު ގިނަ ކާމިޔާބީތަކެއް އޭނާ ވަނީ ހޯދާފައެވެ. 

އޭގެ ފަހުން ޓީސީ ސްޕޯޓްސް ކްލަބަށް އޭނާ ބަދަލުވީ 2016ގައެވެ. ޓީސީއާއެކު ހޭދަކުރި ދުވަސްތަކުގައި ސެންޓޭ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި ރަން ބޫޓު ވެސް ހޯދާފައެވެ. 

ސެންޓޭ ތިންވަނަ ފަހަރަށް ނިއުއާ ގުޅުނީ 2017ވަނަ އަހަރެވެ. އެ އަހަރުގެ ވެސް، ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ ސެންޓޭ އަށެވެ. އަދި އޭނާ ތިންވަނަ ފަހަރަށް ނިއު ދޫކޮށްލީ 2018ވަނަ އަހަރެވެ. އޭގެ ފަހުން އީގަލްސް، ވެލެންސިއާ އަދި މާޒިޔާއަށް އޭނާ ވަނީ ކުޅެފައެވެ.

އަދި ހަތަރުވަނަ ފަހަރަށް ނިއުއާ މި ގުޅުނީ މާޒިޔާގެ އެގްރީމެންޓް ހަމަވުމުންނެވެ. 

ނިއުގެ ކޯޗަކަށް އެންމެ ފަހުން ހަމަޖައްސާފައި ވަނީ ޢަލީ ސުޒެއިންއެވެ. 

ސަސް ފުރަތަމަ ޑިވިޝަނުން ވަކިވުމާ ގުޅިގެން ނިއުއަށް ޕްރިމިއަރ ލީގަށް އާދެވޭނީ، އެންމެ ފަހުން ދެވަނަ ޑިވިޝަނުގެ ސެމީފައިނަލްގައި ކުޅުނު ނިއުއަކީ އެ މުބާރާތުގެ ތިންވަނަ ޓީމުގެ ގޮތުގައި އެފްއޭއެމްގެ އެކްސްކޯއިން ކަނޑައަޅައިފިނަމައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން