ދުނިޔެ

މެންބަރުންގެ މުސާރަ ކުޑަ ކުރަން ގޮވާލައި އިންޑޮނޭޝިޔާ ދަރިވަރުން މުޒާހަރާ ކޮށްފި

މެންބަރުންގެ މުސާރަ ކުޑަ ކުރަން ގޮވާލައި އިންޑޮނޭޝިޔާ ދަރިވަރުން މުޒާހަރާ ކޮށްފި

އިންޑޮނޭޝިޔާގައި އިއްޔެ ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން.

farudhun logo

ފަރުދުން

26 އޯގަސްޓު 2025، 10:42

26 އޯގަސްޓު 2025، 10:42

އިންޑޮނޭޝިޔާގެ މަޖިލިސް މެންބަރުންނަށް ދޭ ބޮޑެތި ޢިނާޔަތްތަކާ ދެކޮޅަށް، އެޤައުމުގެ ވެރިރަށް ޖާކަރްޓާގައި ޔުނިވަރސިޓީ ދަރިވަރުންތަކެއް އިއްޔެ މުޒާހަރާ ކޮށްފިއެވެ. މިމުޒާހަރާގައި އެތައް ހާސް ދަރިވަރުންނެއް ބައިވެރިވެފައިވާ އިރު، އިންޑޮނޭޝިޔާގެ ފުލުހުން ވަނީ މުޒާހަރާ ހުއްޓުވުމަށް ކަރުނަ ގޭހާއި ފެންބަޑި ޖަހާފައެވެ.

އިއްޔެ އިންޑޮނޭޝިޔާގައި ހިނގި މިމުޒާހަރާގެ މައްސަލަ ބޮޑުވެފައިވަނީ، މުޒާހަރާ ކުރި ފަރާތްތަކުން މަޖިލިސް ޢިމާރާތަށް ވަދެގަންނަން އުޅުނު ޙިސާބުންނެވެ. ފުލުހުން މިކަން ހުއްޓުވަން މަސައްކަތް ކުރުމުން، މުޒާހިރުން ވަނީ ފުލުހުންނާ ދިމާއަށް ހިލައުކައި ފަޓާސް ޖަހައި ހަދާފައެވެ. މުޒާހަރާ ކުރި ފަރާތްތަކުން ސައިކަލެއްގައި ވެސް ހުޅުޖަހާފައިވެއެވެ. ނަމަވެސް، މުޒާހަރާގެ ސަބަބުން ލިބުނު ޖުމުލަ ގެއްލުން ތަކާއި، ހައްޔަރުކުރެވުނު ފަރާތްތަކުގެ ތަފްޞީލީ މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

އިންޑޮނޭޝިޔާގައި މުޒާހަރާ ކުރި ފަރާތްތަކުން ހިތްހަމަނުޖެހުން ފައުޅުކުރީ، އިންޑޮނޭޝިޔާގެ 580 މަޖިލިސް މެންބަރުންގެ ތެރެއިން ކޮންމެ މެންބަރަކަށް "ގެދޮރުވެރިކަމުގެ ޢިނާޔަތު"ގެ ގޮތުގައި ކޮންމެ މަހަކު 50 މިލިޔަން ރުޕިޔަހް (3075 ޑޮލަރު) ދޭތާ އަހަރެއް ވާން ގާތްވެފައިވާ ކަމުގެ ވާހަކަ އެޤައުމުގެ ރައްޔިތުން މެދުގައި ދެކެވެން ފެށުމުގެ ސަބަބުންނެވެ. މިޢިނާޔަތް މިގޮތަށް ދިނުމަކީ ރައްޔިތުންނާ މެދު ވެވޭ އަނިޔާވެރިކަމެއް ކަމުގައި މުޒާހަރާ ކުރި ދަރިވަރުން ވަކާލާތު ކޮށްފައިވެއެވެ. އެހެނީ، މި "ގެދޮރުވެރިކަމުގެ ޢިނާޔަތް" އެކަނި ވެސް، އިންޑޮނޭޝިޔާގެ ބައެއް ސަރަޙައްދުތަކުގެ މިނިމަމް ވޭޖަށް ވުރެ 20 ގުނަ ބޮޑެވެގެން ވެއެވެ.

މިމުޒާހަރާ އިންތިޒާމު ކުރި ޖަމާޢަތެއް ކަމުގައިވާ "ގެޖަޔަން މެމަންގިލް" ބުނެފައިވާ ގޮތުން، މުޒާހަރާ ކުރި ފަރާތްތަކުން މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމަށް ގޮވައިލީ ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންގެ ފަސާދަވެރިކަން (corruption) އާ ދެކޮޅުވެރިވުމުގެ ގޮތުންނެވެ. މުޒާހަރާކުރި ބައެއް ފަރާތްތަކުން މަޝްހޫރު އެނިމޭ "ވަން ޕީސް" ގެ ކަށްބޯ ދިދަ ވިހުރުވި ތަން ވެސް ވީޑިޔޯތަކުން ފެނެއެވެ. މިދިދައަކީ އިންޑޮނޭޝިޔާގައި ސަރުކާރާ ދެކޮޅުވުމުގެ ވަރުގަދަ ޝިޢާރަކަށް ވަނީ ވެފައެވެ. މިކަމަކީ އިންޑޮނޭޝިޔާ އިން ބޭރުގެ މީޑިޔާތަކަށް ވަރަށް ހެއްވާ ކަމެއް ކަމުގައި ވެސް ވިއެވެ.

ޖާކަރްޓާގެ ފުލުސް އިދާރާގެ ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި، މުޒާހަރާ މައިތިރިކުރުވުމަށް 1،250 ފުލުހުން މަސައްކަތްތެރި ވެފައި ވެއެވެ. 280 މިލިޔަނަށް ވުރެ ގިނަ ސާކިނުން އުޅޭ ޤައުމަކަށް ވުމާއެކު، ފަސާދަވެރިކަމުގެ މައްސަލައަކީ އިންޑޮނޭޝިޔާގައި ނުހަނު ބޮޑުވެފައިވާ މައްސަލައެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން