ދުނިޔެ

ޓްރަންޕު ވިދާޅުވަނީ ޣައްޒާ ހަނގުރާމަ ދެތިން ހަފްތާއިން ނިމޭނެ ކަމަށް ނަމަވެސް ހާލަތު ރަނގަޅުވާތަނެއް ނުފެނޭ

ޓްރަންޕު ވިދާޅުވަނީ ޣައްޒާ ހަނގުރާމަ ދެތިން ހަފްތާއިން ނިމޭނެ ކަމަށް ނަމަވެސް ހާލަތު ރަނގަޅުވާތަނެއް ނުފެނޭ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 އޯގަސްޓު 2025، 11:42

26 އޯގަސްޓު 2025، 11:42

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ވިދާޅުވެފައިވަނީ، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށެވެ. ވޮޝިންގޓަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، "ނިންމާލެވޭ ފަދަ ނިންމުމެއް" ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އަތުވެދާނެ ކަމަށެވެ. މި ބަސްފުޅުތައް ޓްރަންޕް ވިދާޅުވެފައި މިވަނީ، އިސްރާއީލުން އަނެއްކާވެސް ޣައްޒާ އަށް އަމާޒުކޮށް ހަމަލާދީ، ނޫސްވެރިންނާއި ޞިއްޙީ އެހީދޭ މީހުންނާއެކު އެތައް  ބަޔަކު މަރާލާފައިވާ ދަނޑިވަޅެއްގައެވެ.

ހޯމަ ދުވަހު ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޓްރަންޕް ވިދާޅުވީ، މި ހާލަތު ނިމުމަކަށް އަންނަންޖެހޭނެ ކަމަށެވެ. "މިކަން ނިމުމަކަށް އަންނަން އެބަޖެހޭ. ސަބަބަކީ ބަނޑުހައިހޫނުކަމާއި އެހެނިހެން ހުރިހާ މައްސަލަތަކުގެ އިތުރުން، ބަނޑުހައިހޫނުކަމަށްވުރެވެސް ގޯސް، މަރު، ސީދާ މަރު ، މީހުން މަރަމުންދަނީ،" ޓްރަންޕް ވިދާޅުވިއެވެ.

އޭނާގެ މި ބަސްފުޅުތަކާ ހިލާފަށް، ޣައްޒާގައި ހަނގުރާމަ ހުއްޓުވާނެ އެއްވެސް ނިޝާނެއް ނުފެނެއެވެ. އިސްރާއީލުން އެ ސަރަހައްދުގެ އެކި ހިސާބުތަކަށް ބޮން އަޅައި، ހުއްޓުމެއް ނެތި ހަމަލާ ދެމުންދެއެވެ. ހޮސްޕިޓަލްތަކާއި، ސުކޫލުތަކާއި، ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދީފައިވެއެވެ. ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި އަދިވެސް ވަނީ ބްލޮކްކޮށްފައެވެ. އެހީދޭ ޖަމިއްޔާތަކުން އިންޒާރު ދެމުންދަނީ ބަނޑުހައިހޫނުކަން ފެތުރެމުންދާ ކަމަށެވެ. ކުޑަކުދިން ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވަމުންދެއެވެ.

ހޯމަ ، އިސްރާއީލުން ޣައްޒާގެ ދެކުނުގައިވާ ނާސިރު ހޮސްޕިޓަލަށް ބޮން އެޅިއެވެ. އެ ހަމަލާގައި ފަލަސްޠީނުގެ ފަސް ނޫސްވެރިންނާއެކު މަދުވެގެން 21 މީހުން މަރުވިއެވެ. މި ހަމަލާ މުޅި ދުނިޔެއިންވެސް ވަނީ ކުށްވެރިކޮށްފައެވެ. ނަމަވެސް، އެ ހަމަލާާ ބެހޭގޮތުން ސުވާލުކުރެއްވުމުން، ޓްރަންޕް ވިދާޅުވީ، "އަހަރެން މިކަމާ އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭ. އަހަރެން މިކަހަލަ ކަމެއް ދެކެން ބޭނުމެއް ނޫން. އެކަމަކު، މި ބިރުވެރިކަން ނިމުމަކަށް އަންނަން އެބަޖެހޭ،" މިހެންނެވެ.

ޓްރަންޕް އޭގެ ފަހުން އޭނާގެ ސަމާލުކަން އިސްރާއީލުގެ ރަހީނުންގެ މައްޗަށް ބަދަލުކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރަހީނުން މިނިވަންކުރުމަށްޓަކައި އޭނާގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، އޭނާ އެކަމާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

މިއީ ޓްރަންޕް އަވަސް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ މި ހަނގުރާމައިގެ ތެރޭގައި މިފަދަ ދަޢުވާތައް ވަރަށް ގިނައިން ކުރައްވާފައިވެއެވެ. އޭނާގެ މި ބަސްފުޅުތަކުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމަށް ނުވަތަ ހާލަތަށް އެއްވެސް ހެޔޮ ބަދަލެއް އައިސްފައެއް ނުވެއެވެ. ވޮޝިންގޓަނުން އިސްރާއީލަށް ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދެމުންދާއިރު، ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ބައިނަލްއަޤްވާމީ މިންވަރުގައި ގޮވާލާ ގޮވުންތައް ވެސް އެމެރިކާއިން ވަނީ ހުއްޓުވާފައެވެ.

ފެބްރުއަރީ މަހު، ޓްރަންޕް ވަނީ ޣައްޒާއިން ފަލަސްޠީނުގެ ރައްޔިތުން މުޅިން ނެރެން ޖެހޭ ކަމަށް ވެސް ހުށަހަޅާފައެވެ. މި ހިޔާލު ވަނީ ނަސްލީ ތަފާތުކުރުމުގެ އަމަލެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި ކުށްވެރިކޮށްފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ، މިއީ އޭނާގެ ވައުދުތަކާއި އޭނާގެ ސިޔާސަތުތަކާ ދެމެދު ހުރި ފަރަގު ދައްކުވައިދޭ ކަމެއް ކަމަށެވެ.

ޣައްޒާގައި ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، މަރުވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. އިސްރާއީލުގެ ހަމަލާތަކުގައި ނޫސްވެރިންނާއި، ޑޮކްޓަރުންނާއި، އެހީދޭ މަސައްކަތްތެރިން ވަނީ މަރުވެފައެވެ. މުޅި އާއިލާތައް ވަނީ ފަނާވެފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައެވެ. ސަލާމަތްވި މީހުން ބުނަނީ، އެމީހުންނަށް ކާނާއެއް ނުވަތަ ފެނެއް ވެސް ނުލިބޭ ކަމަށާއި، ރައްކާތެރި އެއްވެސް ތަނެއް ނެތް ކަމަށެވެ.

ގިނަ ބަޔަކަށް ޓްރަންޕްގެ "ހަނގުރާމަ ނިންމާލެވޭ ފަދަ ނިންމުމެއް" ދެތިން ހަފްތާއެއްގެ ތެރޭގައި އަންނާނެ ކަމަށް ވިދާޅުވުން ހުސް ބަހެއް ފަދައެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް އަދިވެސް ދަނީ ވައިގެ ހަމަލާތަކާއި، މުޙާޞަރާ އާއި، ވަޒަންވެރިކަން ނެތިދިޔުމާ ކުރިމަތިލަމުންނެވެ. ބައިނަލްއަޤްވާމީ ފިއްތުންތައް އިތުރުވަމުންދާ ނަމަވެސް، އެމެރިކާގެ އެހީއާއެކު އިސްރާއީލުން ދަނީ ހަމަލާތައް ކުރިއަށް ގެންދަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން