ޚަބަރު
މާލީ ވަޒީރުގެ އެޑްވައިޒަރަކަށް ކުރީގެ ވަޒީރު ހަމްދޫން ހަމީދު އައްޔަންކޮށްފި

ރާއްޖޭގެ ކުރީގެ ވަޒީރު ހަމްދޫން ހަމީދު ފޮޓޯ: ވިކިޕީޑިއާ
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ އެޑްވައިޒަރެއްގެ މަޤާމަށް، ރާއްޖޭގެ ކުރީގެ ވަޒީރު ހަމްދޫން ހަމީދު ވަޒީރެއްގެ ފެންވަރުގައި އައްޔަންކޮށްފިއެވެ. މިކަން މާލީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އެބޭފުޅާ މި މަޤާމަށް އައްޔަންކުރި ވަކި ތާރީޚެއް ސާފުކޮށްފައި ނުވެއެވެ.
ހަމްދޫން ހަމީދަކީ ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 2003 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރަށް މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް ނޭޝަނަލް ޑިވެލޮޕްމެންޓްގެ ވަޒީރުކަން ފުރުއްވާފައެވެ. އޭގެ ފަހުން، 2016 ވަނަ އަހަރުން 2018 ވަނަ އަހަރަށް ސިންގަޕޫރުގައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުގެ މަޤާމުވެސް ހަމްދޫން ފުރުއްވާފައިވެއެވެ.
ހަމްދޫން މާލީ ވުޒާރާގެ އެޑްވައިޒަކަށް އައްޔަން ކޮށްފައިވާއިރު، އޭނާ ހާއްސަވެފައިވަނީ ޕްލޭނިންގ ދާއިރާއަށެވެ. ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ މަސައްކަތްތައް ކުރިން ބިނާރާބެހޭ ވުޒާރާގެ ދަށުން ކުރަމުން އައި ނަމަވެސް، މިދިޔަ އަހަރު ވަނީ އެ މަސައްކަތް މާލީ ވުޒާރާގެ ދަށަށް ބަދަލުކޮށްފައެވެ. މާލީ ވުޒާރާގެ ދަށަށް މި މަސައްކަތް ބަދަލުކުރުމާއެކު، ހަމްދޫންގެ ފަދަ ޕްލޭނިންގ ދާއިރާގެ ތަޖުރިބާކާރެއްގެ ލަފާ އެ ވުޒާރާއަށް ވަރަށް ބޭނުންތެރިވާނެ ކަމަށް ބެލެވެއެވެ.