ޚަބަރު
ހއ. އަދި ނ. އަތޮޅުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސްޕީޗް ތެރަޕީ ފެށުމަށް ތައްޔާރުވަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާކްގެ ފަރާތުން ކުރިއަށް ގެންދިޔަ ކެމްޕޭނެއް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ސްޕީޗް ތެރަޕީގެ ޚިދުމަތް ހއ. އަދި ނ. އަތޮޅުގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ޞިއްޙަތާއި ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ. ވާހަކަ ދެއްކުމުގައި ދަތިތަކެއް ހުންނަ ފަރާތްތަކަށް ދެވޭ މި ޚާއްސަ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެއްގެ ތެރެއިން ކުރިއަށްދާ މަސައްކަތެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަމުން ޞިއްޙަތާއި ބެހޭ ވުޒާރާގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ ޚިދުމަތްތައް ކުރިން ލިބެމުން އައީ މާލެއިން ކަމަށެވެ. ނަމަވެސް މިހާރު މި ޚިދުމަތްތައް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތަސްލީމާ ވިދާޅުވި ގޮތުގައި، މިވަގުތު އޮކިއުޕޭޝަނަލް ތެރަޕީ އަތޮޅުތެރޭގައި ދެވެން ނެތް ނަމަވެސް، ސްޕީޗް ތެރަޕީގެ ޚިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މިހާރުވެސް ލިބެމުންދެއެވެ.
ކުޅުދުއްފުށި، އައްޑޫ އިކުއިޓޯރަލް ހޮސްޕިޓަލް، ހއ.ގައި ސްޕީޗް ތެރެޕީ ފަށަން ވަނީ އިރުޝާދު ލިބިފައި. ނ.ގައި މި ޚިދުމަތް ފަށަން ދަނީ ތައްޔާރުވުން. މިހާރުވެސް ލެވެލް 3 ގެ ޞިއްޙީ ޚިދުމަތް ދޭތަންތަނުގައި އެޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސަމުން ދަނީ
ތަސްލީމާ
ނަމަވެސް، މި ޚިދުމަތްތައް ފުޅާކުރުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ތަސްލީމާ ވިދާޅުވީ، ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުން ލިބުމުގެ ދަތިކަން ވަރަށް ބޮޑު ކަމަށެވެ. މިއީ ދުނިޔޭގައިވެސް މަދު ޕްރޮފެޝަނަލްތަކަކަށްވާއިރު، ރާއްޖޭގައި މިފަދަ ފަރާތްތައް ލިބުން ވަރަށް ދަތިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މިފަދަ ޚިދުމަތްތައް ފެށުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖެހިފައިވާ ހޮސްޕިޓަލްތައް ކަމަށެވެ. ނަމަވެސް މީހުން ލިބުމުގައި ދަތިކަން ހުރުމުން އެކަން އަދި ކުރުމަށް ދަތިތަކެއް ހުރިކަމަށެވެ. ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނެޝަނަލް ތެރަޕިއުޓިކް އުސޫލުތަކެއް ހަދާފައިވާއިރު، ޞިއްޙީ ހިދުމަތް ދޭ ފަރާތްތަކާއި ބެލެނިވެރިންނަށް އަދި ޞިއްޙީ ހިދުމަތްދޭ ތަންތަނުގެ ވެރިން އަމަލުކުރާނެ ގޮތް ވަނީ ބަޔާންކޮށްފައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލުތަކުން ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. ޞިއްޙީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވައުދެކެވެ.