Ads by Stelco

ޚަބަރު

އޯކިޑް ޕްލާޒާ ތަޅާލައި އެބިން ސާފުކޮށްފި

އޯކިޑް ޕްލާޒާ ތަޅާލައި އެބިން ސާފުކޮށްފި

އޯކިޑް ޕްލާޒާ ހުންނަ ބިން ސާފުކޮށްފަ ފޮޓޯ: ޕީއެސްއެމް ނިއުސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 އޯގަސްޓު 2025، 01:44

26 އޯގަސްޓު 2025، 01:44

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން، މާލޭގައި ބާވެ، ވެއްޓެން ކައިރިވެފައި ހުރި އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާއިރު، އެ މަސައްކަތުގެ ދަށުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ އޯކިޑް ޕްލާޒާ ތަޅާލުމަށްފަހު، އެ ބިން މިހާރު ވަނީ ސާފުކޮށް ނިންމާލާފައެވެ.

މާލޭގެ މާފަންނު އަވަށުގައި ހުންނަ އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިދިޔަ މަހުގެ 12 ވަނަ ދުވަހު ފެށުނުއިރު، މިހާރު އެ މަސައްކަތް ނިމި، ބިން ސާފުކޮށްފައިވާ ކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ. މިއީ އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް މާލޭގައި ހުރި މި ފަދަ ޢިމާރާތްތައް ތަޅައިލުމުގެ ސަރުކާރުގެ މަސައްކަތުގެ އެއްބަޔެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެނީ، އެފަދަ ތަންތަނަކީ މީގެ ކުރިންވެސް އާންމު އުނދަގޫތަކާއި ނޭދެވޭ އެތައް ޢަމަލެއް ހިނގާފައިވާ ތަންތަން ކަމުގައި ވާތީއެވެ.

އޯކިޑް ޕްލާޒާ އާއެކު މާލޭގައި ބޭނުން ނުކުރާ ޖުމްލަ ތިން އިމާރާތެއް ތަޅާލުމަށް މި ވުޒާރާއިން ވަނީ ނިންމާފައެވެ. މާފަންނުގައި ހުންނަ މި ތިން އިމާރާތަކީ އޯކިޑް ޕްލާޒާ، ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާއެވެ. މި ތިން އިމާރާތް ތަޅާލުމަށް ނިންމާފައިވަނީ، އެ ތަންތަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވުމުގެ އިތުރުން، މީގެ ކުރިން އަލިފާނުގެ ހާދިސާތައް ހިނގައި، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީއެވެ. މިހާރު މި އިމާރާތްތަކަކީ މީހުން ވަދެ ނިކުމެ އުޅެން ރައްކާތެރި ތަންތަނެއް ނޫނެވެ.

އޯކިޑް ޕްލާޒާ ތަޅާލުމަށްފަހު، ދެން ތަޅާލުމަށް ހަމަޖެހިފައިވަނީ ނިއު ޕްލާޒާއެވެ. ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިންވެސް މާލޭގެ ބޭނުން ނުކުރާ މިފަދަ އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، މާލޭގެ ތަރައްޤީއަށް ހުރަސް އަޅާފަދަ ބާވެ ހަލާކުވެފައިވާ ތަންތަން ނެތިކޮށްލުމެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން