ޚަބަރު
އަމާޒަކީ ރާއްޖޭގެ ކުށުގެ ވެށި ނައްތާލައި، ފުލުހުންގެ މަސައްކަތްތައް ތަރުތީބުކުރުން: ވަޒީރު އިޙުސާން

ވަޒީރު އިޙުސާން/ފޮޓޯ: ޕީއެސްއެމް
އަމާޒަކީ ރާއްޖޭގެ ކުށުގެ ވެށި ނައްތާލައި، ކުށުގެ ވެށީގައި މީހުން ހަރުނުލާނޭހެން ފުލުހުންގެ މަސައްކަތްތައް ތަރުތީބުކުރުންކަމަށް ދާޚިލީ ސަލާމަތާއި ފަންނިޔާތާއި ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިޔާތާއި ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވީ، ފުލުހުންގެ ޚިދުމަތް ޤާއިމުވެފައި ނެތް ކޮންމެ ރަށެއްގައި މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި މިހާރު ޤާއިމުކުރަމުންދާ ފުލުހުންގެ މަރުކަޒުތަކުގައި ރީޖަނަލް ހެޑްކުއާޓަރުތަކާއި، އަތޮޅު ފެންވަރުގެ މަރުކަޒުތަކާއި، ފުލުހުންގެ ތަމުރީނުތައް ދިނުމަށް ޚާއްޞަ ބަޔަކާއި، ކުށް ކުރާ ފަރާތްތައް ހައްޔަރުކޮށް ބައިތިއްބަން ޚާއްޞަ ސެލްތައް ޤާއިމުކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ވެހިކަލެއް ޓޯކުރަންޖެހޭ ހާލަތުގައި ވެހިކަލް ޓޯކޮށް ބަހައްޓާނެ ތަންތަނާއި ފުލުހުންގެ ވެހިކަލްތަކަށް މައްސަލައެއް ދިމާވެ، މަރާމާތުކުރަންޖެހޭ ހާލަތްތަކުގައި އެކަން ކުރެވޭނެގޮތަށް ޚާއްޞަ ތަނަކާއެކު ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށް، އަދި އާބާދީ ބޮޑެތި ރަށްރަށުގައި ގިނަ ފުލުހުން ތިބެގެން ދެވޭނެ ފަދަ ޚިދުމަތެއް ޤާއިމުކުރާގޮތަށް ފުލުހުންގެ އިންފްރަސްޓްރަކްޗަރ ތައްޔާރުވެފައި އޮތް ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ، މުޖުތަމަޢުގައި އަމަންއަމާންކަމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް ކުރަމުން އަންނަ އެންމެ ބޮޑު މަސައްކަތަކީ އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްގެން ފުލުހުންގެ ޚިދުމަތްދިނުން ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.