ދުނިޔެ
އެމެރިކާގެ ސެނެޓް މެމްބަރު ޖެނީ ޝަހީން ޣައްޒާގައި ނޫސްވެރިންނަށް ދެމުންދާ ހަމަލާތަކާމެދު ކަންބޮޑުވުން ފާޅުކޮށްފި

އެމެރިކާގެ ސެނެޓް މެމްބަރު ޖެނީ ޝަހީން
އެމެރިކާ ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ޑިމޮކްރެޓިކް އިސް މެންބަރު ޖެނީ ޝަހީން ޣައްޒާގައި ނޫސްވެރިންނަށް ދެމުންދާ ހަމަލާތަކާމެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އޭނާ ބުނެފައިވަނީ ޣައްޒާގައި އިސްރާއީލުން ކުރިއަށް ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ. މި ބަސް އައިސްފައިވަނީ ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާއެއްގައި 5 ނޫސްވެރިން ޝަހީދުވުމާ ގުޅިގެންނެވެ.
ބައިރޫތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސެނެޓަރ ޝަހީން ބުނެފައިވަނީ "އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވޭ ޣައްޒާގައި ދެމުންދާ ހަމަލާތަކާއި ނޫސްވެރިން މަރާލަމުންދާތީ. މިކަން މިހާރުން މިހާރަށް ހުއްޓަން ޖެހޭ." މިހެނެވެ.
ސެނެޓަރ ޝަހީން މިވަގުތު ހުރީ މެދުއިރުމަތީގެ ދަތުރެއްގައެވެ. މިދަތުރަކީ އެމެރިކާގެ ވަފުދެއްގެ ސީރިއާގެ ރައީސް އަހްމަދު ޝަރުޢުއާ ބައްދަލުކުރުމަށް ކުރާ ދަތުރެކެވެ.
މި ވާހަކަތައް އައިސްފައިވަނީ ކޮންގްރެސްގެ ޑިމޮކްރެޓިކް މެންބަރުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގެ ހަނގުރާމަ ކުރިއަށް ގެންދާ ގޮތާމެދު އިތުރަށް ފާޑުކިޔަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެއީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީން އާންމުކޮށް އިސްރާއީލަށް ވަރަށް ބޮޑު ތާއީދެއް ކުރަމުން އައި ނަމަވެސްމެއެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް 246 ނޫސްވެރިން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި އަލްޖަޒީރާގެ 10 ނޫސްވެރިން ހިމެނެއެވެ. އިއްޔެ ހޯމަ ދުވަހު ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާގައި 20 މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި 5 ނޫސްވެރިން ހިމެނެއެވެ. އެއީ އަލްޖަޒީރާގެ ފޮޓޯގްރާފަރު މުހައްމަދު ސަލާމާ، ރޮއިޓަރޒްގެ ފޮޓޯގްރާފަރު ހުސާމް އަލްމިސްރީ، އެސޯސިއޭޓެޑް ޕްރެސްގެ ފޮޓޯގްރާފަރު މަރިޔަމް އަބޫ ދުއްޤާ، މުޢާޛު އަބޫ ޠާހާ އަދި ނޫސްވެރި ހަސަން ދޫހާންއެވެ.