ދުނިޔެ

ހަމަލާތަކުގައި 43 މީހުން ޝަހީދުކޮށްލައި، ބަނޑަށް ޖައްސައި 3 މީހަކު ޝަހީދުކޮށްލައިފި

ހަމަލާތަކުގައި 43 މީހުން ޝަހީދުކޮށްލައި، ބަނޑަށް ޖައްސައި 3 މީހަކު ޝަހީދުކޮށްލައިފި

ޝަހީދުންގެ މައްޗަށް އާއިލާއިން ހިތާމަކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2025، 05:09

26 އޯގަސްޓު 2025، 05:09

އިސްރާއިލުން ފަލަސްޠީނުގެ 43 މީހުން ޝަހީދުކޮށްލައި، ބަނޑަށް ޖައްސައި 3 މީހަކު ޝަހީދުކޮށްލައިފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ އިސްރާއިލްގެ ޙަމަލާތައް ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ދެމުންދާއިރު، އަންގާރަ ދުވަހުގެ ފަތިހުން ފެށިގެން 43 ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. ޚާއްޞަކޮށް ޣައްޒާގެ މެދު އަދި ދެކުނު ސަރަޙައްދުގައި ހުރި ގެތަކާއި ގެދޮރުގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރުވެފައިވާއިރު، ބަނޑުހައިހޫނުކަމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 303 އަށް އަރައިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 75 ޝަހީދުންނާއި 370 ޒަޚަމްވި މީހުން ހޮސްޕިޓަލްތަކަށް ގެންދެވުނެވެ. މިއާއެކު 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއިލްގެ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 62,819 އަށް އަރާފައިވާއިރު، 158,629 މީހުން ޒަޚަމްވެފައިވެއެވެ.

ދެއިރްއަލް ބަލަޙް ސިޓީގެ ހުޅަނގު ފަރާތުގައި ހުރި ހިޖުރަވެރިންގެ އިމާރާތަކަށް އިސްރާއިލުން ދިން ޙަމަލާއެއްގައި އަންހެނަކާއި އޭނާގެ ކުޑަ ދަރިފުޅު ޝަހީދުވިކަން އަލް-އަޤްޞާ ޝުހަދާ ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވެއެވެ. އަދި ނުސައިރާތު ކޭމްޕުގެ ހުޅަނގު ފަރާތުގައި ހުރި ހިޖުރަވެރިންގެ ޓެންޓަކަށް އިސްރާއިލްގެ ޑްރޯނަކުން ދިން ޙަމަލާއެއްގައި ފިރިހެނަކާއި އޭނާގެ އަނބިމީހާ ޝަހީދުވިއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމާއި ހަލާކުވެފައިވާ ކާތަކެތި ކެއުމުގެ ސަބަބުން 3 މީހުން ޝަހީދުވެފައިވެއެވެ. މިހާތަނަށް ބަނޑުހައިހޫނުކަމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 303 އަށް އަރާފައިވާއިރު، މީގެ ތެރޭގައި 117 ކުޑަކުދިން ހިމެނެއެވެ.

އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއިލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާގައި ހިންގަމުންދަނީ ނަޞްލު ނައްތާލާ ޣައްޒާ ނައްތާލުމުގެ ޢަމަލުތަކެކެވެ. މީގެ ތެރޭގައި މެރުމާއި، ބަނޑުހައިހޫނުކަމުގައި ބޭތިއްބުމާއި، ހަލާކުކުރުމާއި، މަޖުބޫރުން ތަންތަނުން ނެރުން ހިމެނެއެވެ. މިކަމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ކޯޓުން ނެރެފައިވާ އަމުރުތަކާއި ބައިނަލްއަޤްވާމީ ގޮވާލުންތަކަށް އިސްރާއިލުން އެއްވެސް ސަމާލުކަމެއް ދެމުން ނުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން