ޚަބަރު
ޔޫއެސްއޭއިން އުފައްދާފައިވާ ބުއިމެއްކަމަށްވާ "ޑރ ޕެޕާރ" ރާއްޖެ އެތެރެކުރުން މަނާކޮށްފި

ޑރ. ޕެޕާރ/ފޮޓޯ: ފުޑްސް ކޯ
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، ޔޫއެސްއޭއިން އުފައްދާފައިވާ ބުއިމެއްކަމަށްވާ "ޑރ ޕެޕާރ" ރާއްޖެ އެތެރެކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯތިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.
އެމްއެފްޑީއޭ އިން ވިދާޅުވީ، މި ބުއިން މަނާކޮށްފައިވަނީ އޭގައި ހުންނަން ޖެހޭ މިންވަރަށް ވުރެ ގިނައިން "ބެންޒޮއިކް އެސިޑް" ހުރުމުގެ ސަބަބުން ކަމަށެވެ.
މިކަމާއި ގުޅިގެން އެމްއެފްޑީއޭ އިން ވަނީ، މި އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް އަންގާފައެވެ. އަދި މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މަޢުލޫމާތު ޔޫރަޕް ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް (ރަސްފް) މެދުވެރިކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯތިޓީއަށް މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް އެމްއެފްޑީއޭ އިން ވިދާޅުވިއެވެ.
އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުންނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އަންގާފައެވެ.