ޚަބަރު
ކުޅުދުއްފުށީ އެއާރޕޯޓު ޓާރމިނަލް ބޮޑުކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީގެ ބޮޑެތި މަގުތައް ހަދަން ފެށުމުގެ މަސައްކަތް އާރުޑީސީއިން ފެއްޓެވުން، ފޮޓޯ: މިހާރު
ހދ. ކުޅުދުއްފުށީ އެއާރޕޯޓުގެ ޓާރމިނަލް ބޮޑުކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމަށްފަހުއެވެ.
މީގެ އިތުރުން ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް ވެސް މިއަދު ވަނީ ކޮންޓްރެކްޓް ކޮށްފައެވެ. އެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާއެވެ. މިއީ އެ ރަށުގެ މަގުތައް ހެއްދުމުގެ ގޮތުން ހިންގޭ ތިންވަނަ ފިޔަވަހީގެ މަސައްކަތެވެ.
މި މަސައްކަތް ފައްޓަވާދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ނަޒީމްއެވެ.
އެއާޕޯޓު ތަރައްޤީ ކުރުމާއި އާ ޓާރމިނަލްގެ ބިންގާ އަޅުއްވައިދެއްވީ މާލީ ވަޒީރު މޫސާ ޒަމީރާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.
މީގެގެ އިތުރުން އެ ރަށުގައި ޕޯޓު ޚިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފައެވެ. އެ މަސައްކަތް ފައްޓަވާދެއްވީ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.