ދުނިޔެ

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ހުށަހެޅުމަށް އިސްރާއިލުން އަދިވެސް ޖަވާބެއް ނުދޭ: ޤަޠަރު

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ހުށަހެޅުމަށް އިސްރާއިލުން އަދިވެސް ޖަވާބެއް ނުދޭ: ޤަޠަރު

ޤަޠަރުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕަރސަން މާޖިދް އަލް-އަންސާރީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2025، 11:10

26 އޯގަސްޓު 2025، 11:10

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ހަމާސްއިން އެއްބަސްވެފައިވާ ހުށަހެޅުމަށް އިސްރާއިލުން އަދިވެސް ޖަވާބެއް ދީފައިނުވާ ކަމަށާއި، އެއީ އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުއްމީދެއް ނެތްކަން ދައްކުވައިދޭ ކަމެއް ކަމަށް ޤަޠަރުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕަރސަން މާޖިދް އަލް-އަންސާރީ ވިދާޅުވެއްޖެއެވެ.

މިހާތަނަށް 62،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާ މި ހަނގުރާމަ ހުއްޓުވުމަށް ޤަޠަރުން މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވެ، އަލް-އަންސާރީ ވިދާޅުވީ ހުށަހެޅިފައިވާ އެންމެ ފަހުގެ ހުށަހެޅުން ޤަބޫލުކުރުމަށް އިޒްރޭލަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ޕްރެޝަރ ކުރަންޖެހޭ ކަމަށެވެ.

 "އަޅުގަނޑުމެން ހުރިހާ ފަރާތްތަކަކާއެކު ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމަކަށް ވާސިލުވުމަށް މުއާމަލާތު ކުރަމުން އެބަދޭ. ނަމަވެސް އިސްރާއިލުން ރަސްމީކޮށް އެއްވެސް ޖަވާބެއް ދީފައެއް ނުވޭ - ޤަބޫލުކުރާކަމެއް، ނުވަތަ ދެކޮޅުހަދާކަމެއް، ނުވަތަ ބަދަލު ހުށަހެޅުމެއްވެސް ހުށަހަޅާފައެއް ނުވޭ،" އަލް-އަންސާރީ ވިދާޅުވިއެވެ.

ހަމާސްއިން މި ހުށަހެޅުމަށް އެއްބަސްވެފައިވާކަން މެދުވެރިން ކަމުގައިވާ މިޞްރާއި ޤަޠަރަށް އަންގާފައިވާތާ ހަފްތާއެއް ފަހުން އައި މި ބަޔާނުގައި، އިސްރާއިލްގެ މީޑިއާތަކުން ނެރޭ ބަޔާންތަކަށް ސީރިއަސްކޮށް ނުބަލާ ކަމަށާއި، ރަސްމީ ޖަވާބަކަށް އިންތިޒާރު ކުރަމުންދާ ކަމަށް އަލް-އަންސާރީ ވިދާޅުވިއެވެ.

ހަނގުރާމަ ހުއްޓުވުމާ ގުޅޭ މަޝްވަރާތަކާ ގުޅޭ މަޢުލޫމާތު ލިބިފައިވާ ފަރާތެއް އަލްޖަޒީރާއަށް ބުނެފައިވާ ގޮތުގައި، މި ހުށަހެޅުމުގައި ހިމެނެނީ 60 ދުވަހުގެ މުއްދަތަކަށް އިސްރާއިލްގެ ސިފައިންގެ އޮޕަރޭޝަންތައް ހުއްޓާލުމާއި، އިންސާނީ އެހީ ވެއްދުމަށް މަގުފަހިކުރުމަށް އިސްރާއިލްގެ ސިފައިން އަނބުރާ ގެންދިއުމެވެ. އަދި މި މުއްދަތުގެ ތެރޭގައި އިސްރާއިލްގައި ބަންދުކޮށްފައި ތިބި 50 އަސީރުންގެ ތެރެއިން ދެބައިކުޅައެއްބައި، ފަލަސްޠީނު ބަންދު މީހުންނާ ބަދަލުކުރުން ހިމެނެއެވެ.

"ހަމާސްއިން އެއްބަސްވެފައި މިވަނީ އިސްރާއިލުން ކުރިން އެއްބަސްވެފައިވާ ކަންކަމަށް. މިހާރު ބޯޅަ އޮތީ އިސްރާއިލްގެ ކޯޓުގައި. އަދި އިސްރާއިލް އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ކުރާކަށް ނުވަތަ ހުށަހެޅުމަށް ޖަވާބު ދޭކަށްވެސް ބޭނުމެއްނުވޭ،" އަލް-އަންސާރީ ވިދާޅުވިއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން