ޚަބަރު
ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޕީއެލްއާ ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޕީއެލްއާ ހަވާލުކުރުން
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމަށްޓަކައި އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެއްބަސްވުމުގައި އިޤްތިޞާދީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ސަޢީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ރިޝްވާނެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން އަތޮޅުތެރޭގައި ވިޔަފާރިތައް ކުރިއެރުވުމާއި ދަތުރުފަތުރާއި މުދާ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ތަޞައްވުރުގެ ދަށުން، ކުޅުދުއްފުށި ވިޔަފާރި ބަނދަރުން އައު ޚިދުމަތްތަކެއް މިއަދު ވަނީ ތަޢާރަފުކޮށްފައެވެ. މި ޚިދުމަތްތަކުގެ ތެރޭގައި ޑިއުޓީ ފްރީ ބޮންޑެޑް ޒޯނުގެ ޚިދުމަތާއި، ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތާއި، ހިލަ އަދި ހިލަވެލި ސްޓޯރޭޖްގެ ޚިދުމަތުގެ އިތުރުން ޑޮމެސްޓިކް ކީގެ ޚިދުމަތް ހިމެނެއެވެ.
ސަރުކާރުން މަޢުލޫމާތު ޚިއްސާކޮށްފައިވާ ގޮތުގައި، ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު އެމްޕީއެލްއާ ހަވާލުކުރެވުމަކީ ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން މުދާ އުފުލާނެ ނިޒާމެއް ޤާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ އަތޮޅުތަކުގެ ސަޕްލައި ޗެއިންގެ އެފިޝިއެންސީ އިތުރުކޮށް، މުދާ ގެނައުމުގައި ކުރަންޖެހޭ ޚަރަދު ކުޑަކޮށް ހެޔޮ އަގެއްގައި އަތޮޅުތަކަށް މުދާ އެތެރެކުރުމެވެ. މިކަމުން އިޤްތިޞާދު ކުރިއަރައިގެން ދިއުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.