ޚަބަރު
ދައުރުން ބޭރުން މިއަދަށް ތާވަލުކުރި ޖަލްސާގައި މީޑިއާތަކާ ގުޅޭ ބިލަށް ބަހުސްކުރާނެ

ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ދައުރުން ބޭރުން، މިއަދު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ތާވަލު ކުރި ޖަލްސާގައި މީޑިއާތަކާއި ނޫސްވެރިކަން ރެގިއުލޭޓުކުރުމާ ގުޅޭ ބިލަށް ބަހުސްކުރުމަށް އެޖެންޑާކޮށްފިއެވެ.
މިއީ 19 އޯގަސްޓުގައި ތުޅާދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ޢަބްދުލްޙަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލުގެ ފުރަތަމަ ކިއުން އިއްވައި، އިބްތިދާއީ ބަހުސް ވެސް އެ ދުވަހު ވަނީ ފަށާފައެވެ.
ނަމަވެސް، ބަހުސްގެ ތެރެއިން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، އެ ބިލަށް މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ބަހުސް ކުރައްވަން ބޭނުންވާކަން ފާހަގަކުރެއްވޭ ކަމަށާއި، އެހެންކަމުން އިބްތިދާއީ ބަހުސް އަލުން ތާވަލުކުރަން ނިންމެވިކަމަށް އިޢުލާންކުރެއްވިއެވެ.
އެގޮތުން އެ ބަހުސް މިއަދަށް ތާވަލުކުރި ސަބަބެއްކަމަށް ބެލެވެނީ، ފުރަތަމަ އިބްތިދާއީ ބަހުސް ކުރިޔަށް ގެންދިޔަ ޖަލްސާއަކީ މަޖިލީހުގެ އެ ދައުރުގެ ފަހު ޖަލްސާކަމަށް ވެފައި، ދައުރުން ބޭރުން ޖަލްސާއެއް ތާވަލުކުރި ވަގުތު މި ބިލުގެ ބަހުސް މުހިންމުވެފައި ވުމެވެ.
މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ފަށާނީ 1 އޮކްޓޫބަރުގައެވެ.
މީޑިއާތައް ރެގިއުލޭޓުކުރުމުގެ ބިލަކީ ޚިޔާލުތަފާތުވުންތައް ބޮޑު ބިލެކެވެ. އިދިކޮޅުން ބުނަމުން ދަނީ މިއީ މީޑިއާތަކުގެ ބާރު ކަނޑުވާލުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. ނަމަވެސް މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެއްވެސް ޝައުގެއް ހުންނަކަމެއް ނޫންކަމަށާއި، އެއީ އެއްވެސް އިރެއްގައި ކުރެއްވި، އަދި ކުރައްވާނެވެސް ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެ މަނިކުފާނު މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހޯމަ ދުވަހު ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ މަނިކުފާނަށް މީޑިއާތަކުގެ ކޮންޓްރޯލް އެއްވެސް ވަރަކަށް ލިބޭނެ ގޮތަކަށް އެކަން ނުކުރެއްވުމަށް މަޖިލީހުގައި ތިއްބަވާ ޕީއެންސީގެ މެންބަރުންނަށް ދަންނަވާފައިވާނެކަމަށެވެ. އަދި ބިލު ފާސްވެގެން އުފެދޭ ކޮމިޝަނުގެ ރައީސްކަމުގައި ހުންނަވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތެއްކަމުގައި ބަޔާންވެފައި އޮތްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ.
މީޑިއާތައް ރެގިއުލޭޓްކުރުމާ ގުޅޭ ބިލުގައި ބުނާގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ތިއްބަވާނީ 7 މެންބަރުންނެވެ. އޭގެތެރެއިން މަޖިލީހުގެ ރުހުމާއެކު ތިން މެމްބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮތް ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ.
މީގެއިތުރުން އެ ބިލު އޮތީ، މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލްކުރެވޭ ގޮތަށެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭއިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމުގެ ބާރު ލިބިގެންދާނެއެވެ.
މީގެއިތުރުން ނޫހަކާ ގުޅިގެން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރުމާއި، ނޫހެއްގެ ވެބްސައިޓް ބްލޮކްކުރުމާއި އަދި ބްރޯޑްކާސްޓުކުރުން ހުއްޓުވަން އެންގުމުގެ ބާރު، މި ބިލާއެކު މީޑިއާ ކޮމިޝަނަށް ލިބޭނެއެވެ.