ޚަބަރު
މެންބަރުން ހަމަނުވާތީ އަދީބުގެ އެމްޓީޑީ އުވާލައިފި

އެމްޓީޑީގެ އެންމެ ފުރަތަމަ މެންބަރުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެންބަރޝިޕް ފޯމް ހަވާލުކުރަނީ---
ސިޔާސީ ޕާޓީތަކުގައި މަދުވެގެން މެންބަރުން ތިބެން ޖެހޭ އަދަދަށް މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް ޕާޓީގައި މެންބަރުން ނެތުމުން، އެ ޕާޓީ އުވާލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ އިއްޔެކުރި އިޢުލާނުގައި ބުނީ، ސިޔާސީ ޕާޓީގެ ތަކުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން އެމްޓީޑީ އުވާލާފައިވާ ކަމަށެވެ. އެއީ، ޕާޓީގައި 3،000 މެންބަރުން ހަމަނުވާނަމަ އެ އަދަދަށް މީހުން އިތުރުކުރަން ތިން މަސް ދިނުމަށްފަހު، އަދަދު ހަމަނުވާނަމަ އެ ޕާޓިއެއް އުވާލުމުގެ ބާރު ކޮމިޝަނަށް ދީފައިވާ މާއްދާގެ ދަށުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ފެންނަ ގޮތުގައި އެ ޕާޓީ އުވާލިއިރު ތިބީ 2،272 މެންބަރުންނެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގައި މަދުވެގެން 3،000 މީހުން ތިބެންޖެހޭނެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ އިޢުލާނުގައި އިތުރަށް ބުނީ، އެ ޕާޓީއިން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، މި މަހުގެ ނިޔަލަށް އެކަން އެ ޕާޓީއަށް އަންގައިގެން ކުރިޔަށް ގެންދިއުމަށެވެ.
މެންބަރުން ހަމަނުވުމުގެ ސަބަބުން މި އަހަރުގެ ޖެނުއަރީ މަހު ވަނީ ރައީސް މަޢުމޫން ނިސްބަތްވެވަޑައިގެންނެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް ވެސް އުވާލާފައެވެ.
އެމްޓީޑީ ރެޖިސްޓްރީ ކުރީ 27 ޑިސެންބަރު 2018ގައެވެ.