ޚަބަރު
އެލްޖީއޭ ބޯޑަށް އިންތިހާބުވި ޕީއެންސީގެ ކެނޑިޑޭޓުންނަށް ރައީސް މަރުހަބާ ދަންނަވައިފި
އެލްޖީއޭ ބޯޑަށް އިންތިހާބުވި ޕީއެންސީގެ މެންބަރުން---
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމަށް މިއަދު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ، ކައުންސިލަރންގެ ތެރެއިންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް މިއަދު ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވި، ފ. ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދަށާއި، ށ. ފުނަދޫ އ.ތ.މ ކޮމިޓީގެ ރައީސް މަރްޔަމް ޒީނާއަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާފައެވެ.
ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކޮށް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެކަމަށް ބާރުދެއްވައި ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ދެ ބޭފުޅުންނަށް ތާއީދުކުރައްވައި ވޯޓުދެއްވި ހުރިހާ ރަށު ކައުންސިލަރުންނަށާއި އ.ތ.މ. ކޮމިޓީތަކުގެ ރައީސުންނަށް ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ.
މީގެއިތުރުން، މި އިންތިޚާބު ކާމިޔާބު ކުރުމުގައި ޕާޓީގެ ލީޑަރޝިޕާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ހުރިހާ ދާއިރާތަކުގެ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން އެންމެހާ ފަރާތްތަކުން ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެކެވެ. މީގެ ތެރެއިން ސިޓީ ކައުންސިލްތަކުން އިންތިޚާބުކުރަންޖެހޭ މަޤާމަށް ކުރިމަތިލެއްވީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ކަމަށްވާތީ، އޭނާ ވަނީ އިންތިޚާބަކާ ނުލައި އެ މަޤާމަށް ހޮވިވަޑައިގެންފައެވެ.