ޚަބަރު
އެލްޖީއޭ ބޯޑަށް އައްޔަނުކުރާ މެމްބަރުންގެ ދެ ގޮނޑި ކޮންގްރެސް ޕާޓީއިން ކާމިޔާބުކޮށްފި
ޕީއެންސީ އޮފީސް---
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަނުކުރާ މެމްބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގެ ދެ ގޮނޑި ވެސް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެކެވެ. މީގެ ތެރެއިން ސިޓީ ކައުންސިލްތަކުން އިންތިޚާބުކުރަންޖެހޭ މަޤާމަށް ކުރިމަތިލެއްވީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ކަމަށްވާތީ، އޭނާ ވަނީ އިންތިޚާބަކާ ނުލައި އެ މަޤާމަށް ހޮވިވަޑައިގެންފައެވެ.
އެހެންކަމުން މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކުރިއަށްދިޔައީ ރަށު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭ ބޯޑަށް އައްޔަނުކުރާ ދެ މެންބަރުން ހޮވުމުގެ ވޯޓުލުމެވެ. މިއަދުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 807 ފަރާތަކަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކުގެ 625 ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 182 ރައީސުންނެވެ.
މި އިންތިޚާބުގައި ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭ ބޯޑަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓް ޢަލީ އަޙްމަދެވެ. އޭނާ މި މަޤާމު ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޢަލީ ޒާފިރުއާ ވާދަކުރައްވައެވެ.
ރަށު ކައުންސިލަރުންގެ ގޮނޑީގެ ނަތީޖާ:
- ޢަލީ އަޙްމަދު (ޕީއެންސީ) - 314 ވޯޓު
- ޢަލީ ޒާފިރު (އެމްޑީޕީ) - 227 ވޯޓު
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭ ބޯޑަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓް މަރިޔަމް ޒީނާއެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ނީނާއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑީގެ ނަތީޖާ:
- މަރިޔަމް ޒީނާ (ޕީއެންސީ) - 93 ވޯޓު
- މަރިޔަމް ނީނާ (އެމްޑީޕީ) - 67 ވޯޓު
މިއަދުގެ މި ކާމިޔާބީއާއެކު، އެލްޖީއޭ ބޯޑުގައި ކައުންސިލްތަކާއި އ.ތ.މ ކޮމިޓީތައް ތަމްސީލުކުރުމަށް ވޯޓަކުން ހޮވަންޖެހޭ ދެ މަޤާމު ވެސް މިވަނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީން ކަށަވަރުކޮށްފައެވެ.