ޚަބަރު
ކައުންސިލާއި ޑަބްލިޔުޑީސީ ބައި-އިލެކްޝަނަށް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި
އިންތިހާބެއްގައި ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ---
މި މަހުގެ 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިޔުޑީސީ) ބައި-އިލެކްޝަންގައި، ވޯޓުލުމަށް މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން 2026 ނޮވެންބަރު 5 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.
މި މުއްދަތުގައި ރަޖިސްޓަރީވާން ހުށަހަޅަންޖެހޭނީ ނިމިދިޔަ ލޯކަލް ކައުންސިލްތަކާއި ޑަބްލިޔުޑީސީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން އެދޭ މީހުން އެކަންޏެވެ.
އެ ކޮމިޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، ވޭތުވެދިޔަ އިންތިޚާބުގައި މާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް މި ބައި-އިލެކްޝަންގައި ރަޖިސްޓަރީވެފައި އޮންނާނީ މާލެއަށެވެ. އަދި ހުޅުމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާނީ ހުޅުމާލެއަށެވެ.
ރިސޯޓެއްގައި ނުވަތަ ޖަލުގައި ނުވަތަ ރަށްވެހިވެފައިވާ ރަށްނޫން އެހެންރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް މިހާރު ރަޖިސްޓަރީވެފައި އޮންނާނީ އެ މީހެއްގެ ދާއިމީ އެޑްރެހަށެވެ.
ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ބެލޭނެ ގޮތްތައް:
- އެސްއެމްއެސް މެދުވެރިކޮށް: 1414 އަށް VR (space) ID Number ޖެހުމަށްފަހު އެސްއެމްއެސް ކޮށްގެން.
އޮންލައިންކޮށް: އިލެކްޝަންސް ކޮމިޝަނުގެ ރަޖިސްޓަރީ ޕޯޓަލް މެދުވެރިކޮށް.
ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅަންޖެހެނީ އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށެވެ. ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއާއި ފޮޓޯ ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް ވެރިފައިޑް އީފާސް އެކައުންޓް މެދުވެރިކޮށް 'މައި ޕޯޓަލް' އިން ހުށަހަޅާނަމަ، ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅާކަށް ނުޖެހޭނެއެވެ.
އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 1414 އަށް ގުޅުއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދެއެވެ.