ސައިންސް / ދުނިޔެ

އޭ.އައި.ގެ ނުރައްކާ ހުއްޓުވައި، ދުނިޔޭގެ ކުރިއެރުމަށް ބޭނުންކުރުމަށް އ.ދ. އިން ޚާއްސަ މަޖިލީހެއް އުފައްދައިފި

އޭ.އައި.ގެ ނުރައްކާ ހުއްޓުވައި، ދުނިޔޭގެ ކުރިއެރުމަށް ބޭނުންކުރުމަށް އ.ދ. އިން ޚާއްސަ މަޖިލީހެއް އުފައްދައިފި

އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 އޯގަސްޓު 2025، 12:28

27 އޯގަސްޓު 2025، 12:28

އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި.) ގެ ބާރުގަދަ ކުރިއެރުންތަކާ ގުޅިގެން މެންބަރު ޤައުމުތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގެ ގޮތުން، އ.ދ. ގެ އާންމު މަޖިލީހުން އޭ.އައި. އާ ބެހޭގޮތުން ލަފާދޭ ޚާއްސަ ބައެއް އުފައްދައިފިއެވެ. މި މަޖިލީސް އުފެއްދުމަށް ފާސްކުރި ޤަރާރު، އަންގާރަ ދުވަހު އ.ދ. ގެ އާންމު މަޖިލީހުން ވަނީ ބޮޑު ތާޢީދަކާ އެކު ފާސްކޮށްފައެވެ.

މި ގޮތުން އުފެއްދި ކޮމެޓީއަށް ދީފައިވާ ނަމަކީ "އިންޑިޕެންޑެންޓް އިންޓަނޭޝަނަލް ސައިންޓިފިކް ޕެނަލް އޮން އާޓިފިޝަލް އިންޓެލިޖެންސް" އެވެ. މީގެ މަޤްޞަދުތަކުގެ ތެރޭގައި އޭ.އައި.ގެ ފުރުޞަތުތަކާއި ނުރައްކާތަކާއި އަސަރުތަކާ ގުޅޭގޮތުން ހުރި ދިރާސާތައް އެއްކޮށް، ސައިންޓިފިކް ގޮތުންނާއި ދަލީލުތަކުގެ މައްޗަށް ބިނާކޮށް އިވެލުއޭޝަންތައް ހެދުން ހިމެނެއެވެ.

އ.ދ. ގެ މެންބަރު ޤައުމުތަކުން ވަނީ، އިންސާނީ ދިރިއުޅުމަށް ބޮޑެތި ބަދަލުތައް ގެނެސްދޭ މިފަދަ ޓެކްނޮލޮޖީގެ ބާރުގަދަ ކުރިއެރުންތަކުގެ ސަބަބުން ޑިމޮކްރަސީއަށާއި އިންސާނީ ޙައްޤުތަކަށް ނުރައްކާވެދާނެ ކަމަށް ބިރުވެރިކަން ފާޅުކޮށްފައެވެ. މި ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގެ ގޮތުން، މިދިޔަ ސެޕްޓެންބަރު މަހު އ.ދ. ގެ މެންބަރު ޤައުމުތަކުން ވަނީ އޭ.އައި.އާ ބެހޭގޮތުން ސަރުކާރުތަކުގެ މެދުގައި މަޝްވަރާތައް ބާއްވަން އެހީތެރިވެދިނުމަށް ސައިންސްވެރިންގެ ފެންވަރުގެ މާހިރުންގެ ޕެނަލެއް އެކުލަވާލުމަށް އެއްބަސްވެފައެވެ.

މި ޤަރާރާ އެކު އުފެއްދި 40 މެމްބަރުންގެ މި ކޮމިޓީއަށް މެމްބަރުން ހޯދުމުގެ މަސައްކަތް އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ފައްޓަވާނެއެވެ. މި މެންބަރުން ތިން އަހަރުގެ ދައުރަކަށް ޚިދުމަތް ކުރައްވާނެއެވެ.

މީގެ އިތުރުން، މި ޤަރާރުގައި އޭ.އައި.ގެ ގަވަރނެންސްއާ ބެހޭގޮތުން ސަރުކާރުތަކާއި އެހެނިހެން ހިއްސާދާރުންނާ އެކު އަހަރަަކު އެއްފަހަރު  ދުނިޔޭގެ ފެންވަރުގައި މަޝްވަރާތައް ބޭއްވުމަށް ވެސް ވަނީ ހިމަނާފައެވެ. މި މަޝްވަރާތަކުގައި ބައިނަލްއަޤްވާމީ ގުޅުންތަކާއި، ބެސްޓް ޕްރެކްޓިސްތައް ހިއްސާކުރުމާއި، އޭ.އައި. ގަވަރނެންސްއާ ބެހޭގޮތުން މަޝްވަރާކޮށް، އ.ދ. ގެ ދުނިޔޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް އެހީތެރިވުން ހިމެނެއެވެ.

މިފަދަ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން އަންނަ އަހަރު ޖެނީވާގައި ބާއްވާ އޭ.އައި.އާ ބެހޭ ދުނިޔޭގެ ސަމިޓެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޤަރާރު އުފެއްދުމަށް އިސްކޮށް މަސައްކަތް ކުރެއްވި ކޮސްޓާ ރިކާގެ ސަފީރު މަރިޓްޒާ ޗަން ވާލްވާޑޭ ވިދާޅުވީ، "އާޓިފިޝަލް އިންޓެލިޖެންސް ކުރިއަރަމުންދާ ދުވެއްޔާއި މިހާރު އޭގެ ދާއިރާ ބޮޑުކަމުން، ދުނިޔޭގެ ހުރިހާ ޤައުމުތަކަށް އޭގެ އަސަރު ފޯރައެވެ. މި ޤަރާރާއެކު، އ.ދ. އިން އޭ.އައި. އިންސާނިއްޔަތަށް ޚިދުމަތް ދިނުން ކަށަވަރުކުރުމުގައި އޭގެ މުހިންމު ދައުރު އަލުން ބާރުގަދަކޮށްފި" ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން