ދުނިޔެ
ސްޕީޑްލިމިޓަށްވުރެން ބާރަށް ދުއްވައިގެން ތުރުކީގެ ދަތުރުފަތުރުގެ ވަޒީރު ޖޫރިމަނާކޮށްފި

ތުރުކީގެ ދަތުރުފަތުރުގެ ވަޒީރު އަބްދުލްޤާދިރު އުރަލޯގްލޫ
ތުރުކީގެ ދަތުރުފަތުރުގެ ވަޒީރު އަބްދުލްޤާދިރު އުރަލޯގްލޫ ސްޕީޑު ލިމިޓަށްވުރެ ބާރަށް ދުއްވި ވީޑިއޯއެއް ޕޯސްޓުކުރުމުން ޖޫރިމަނާކޮށްފިއެވެ. މިކަމާއި ގުޅިގެން އޭނާ ވަނީ ސްޕީޑަށް ހައްދު ކަނޑައަޅާފައިވާ ހުރިހާ ގަވާއިދަކަށް ކޮންމެ މީހަކުވެސް ތަބާވާންޖެހޭނެކަމަށް ބުނެފައެވެ.
އާދިއްތަ ދުވަހުގެ ހަވީރު ވަޒީރު އުރަލޯގްލޫ އޭނާގެ އެކްސް އެކައުންޓަށް ވަނީ އަންކާރާ ކައިރީގައިވާ ހައިވޭއެއްގައި ދުއްވަމުންދާ ވީޑިއޯއެއް ޕޯސްޓުކޮށްފައެވެ. މިވީޑިއޯގައި އޭނާ ދުއްވަމުން ދަނީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ބަސްފުޅުތަކާއި ފޯކު ލަވަތައް އަޑުއަހަމުންނެވެ. މި ވީޑިއޯ ޕޯސްޓުކޮށްފައިވަނީ "#TurkiyeAccelerates" މި ހެޝްޓެގް އާއެކުއެވެ.
ނަމަވެސް، ވީޑިއޯގެ ބައެއް ކްލިޕްތަކުން އޭނާގެ ކާރުގެ ސްޕީޑްމީޓަރ ފެނިފައިވެއެވެ. މިކްލިޕްތަކުން ދައްކާގޮތުން ވަޒީރު ދުއްވާފައިވަނީ 190 އާއި 225 ކިލޯމީޓަރ އާ ދެމެދުގެ ބާރު ސްޕީޑެއްގައެވެ. ތުރުކީގައި އެ ހައިވޭގައި ދުއްވުމަށް ކަނޑައަޅާފައިވާ ސްޕީޑު ލިމިޓަކީ 140 ކިލޯމީޓަރެވެ.
މި ވީޑިއޯ ޕޯސްޓުކުރިތާ ގަޑިއިރުކޮޅެއް ފަހުން، ވަޒީރު އުރަލޯގްލޫ ވަނީ އަލުން އެ ވީޑިއޯ ޕޯސްޓުކޮށް، ސްޕީޑު ލިމިޓަށްވުރެ ބާރަށް ދުއްވިކަމަށް ޖޫރިމަނާ ކުރެވިފައިވާކަން އެއްބަސްވެފައެވެ. އޭނާ އެވީޑިއޯ ޕޯސްޓްގައި ލިޔުއްވާފައިވަނީ ބޭއިޚްތިޔާރުގައި ކުޑަ ވަގުތުކޮޅަކަށް ސްޕީޑު ލިމިޓަށްވުރެ ބާރަށް ދުއްވުނުކަމަށާއި މި ވީޑިއޯއާއެކު ހަގީގަތުގައި ވެސް އަމިއްލަކުށް ދެނެގަނެވުނު ކަމަށެވެ.
އޭނާ ލިޔުނު ޕޯސްޓާއެކު ޖޫރިމަނާގެ ނޯޓިސްގެ ކޮޕީއެއްވެސް ހިމަނާފައިވެއެވެ. އެ ނޯޓިހުގައިވާގޮތުން އޭނާ ދުއްވާފައިވަނީ 225 ކިލޯމީޓަރ ސްޕީޑުގައެވެ. އަދި 9,267 ތުރުކީ ލީރާ (ގާތްގަނޑަކަށް 225 ޑޮލަރު) ގެ ޖޫރިމަނާއެއް ވަނީ ކުރެވިފައެވެ.
"މިހާރުން ފެށިގެން އިތުރަށް ސަމާލުވާނެކަމަށާއި ސްޕީޑު ލިމިޓަށް ތަބާވުން ކޮންމެ މީހަކަށް ވެސް މަޖުބޫރު ކަމަށް އޭނާ ލިޔުއްވިއެވެ.