ދުނިޔެ

އިސްރާއިލުން ހިފަހައްޓައިފައިވާ ފަލަސްޠީނުގެ ޝަހީދުންގެ ހަށިތައް ހޯދުމަށް ބާރުއަޅައިދިނުމަށް ޙަމާސްއިން ގޮޮވާލައިފި

އިސްރާއިލުން ހިފަހައްޓައިފައިވާ ފަލަސްޠީނުގެ ޝަހީދުންގެ ހަށިތައް ހޯދުމަށް ބާރުއަޅައިދިނުމަށް ޙަމާސްއިން ގޮޮވާލައިފި

ނާބުލުސްގެ މަގުތަކުގައި ބެހެއްޓުނު ފަލަސްޠީނުގެ ޝަހީދުންގެ ރަމްޒީ ސަންދޯއްތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2025، 02:43

27 އޯގަސްޓު 2025، 02:43

އިސްރާއިލުން ހިފަހައްޓައިފައިވާ ފަަލަސްޠީނުގެ ޝަހީދުންގެ ހަށިތައް އަނބުރާ ހޯދުމަށް އިސްރާއިލަށް ޕްރެޝަރ ކުރުމަށް ޙަމާސްއިން ބައިނަލްއަޤްވާމީ ބާރުތަކަށް ގޮވާލައިފިއެވެ. 

 ފަލަސްޠީނުގެ އިސްލާމިކް ރެސިސްޓަންސް މޫވްމަންޓް ޙަމާސްއިން މިއަދު ވިދާޅުވެފައިވަނީ، ފަލަސްޠީނު ޝަހީދުންގެ ހަށިތައް ހިފަހައްޓަމުން ގެންދިއުމަކީ އިސްރާއީލުން ކުރަމުންދާ "ނުރައްކާތެރި ޖަރީމާއެއް އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ސީދާ ޚިލާފު ޢަމަލެއް" ކަމުގައެވެ. އަދި މި ސިޔާސަތު ހުއްޓުވުމަށާއި ހަށިތައް އަނބުރާ ހޯދުމަށް އިސްރާއީލަށް ބާރުއެޅުމަށް ބައިނަލްއަޤްވާމީ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފައިވެއެވެ.

ހަނގުރާމަތަކުގައި މަރުވާ މީހުންގެ ހަށިތައް ހޯދުމުގެ ދުވަހުގެ ގޮތުގައި މިއަދު ފާހަގަ ކުރާއިރު މިދުވަހާ ގުޅިގެން ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލްގެ ޤަބުރުސްތާނުތަކާއި މޯޗަރީ ތަކުގައި ފަލަސްޠީނުގެ 726 ޝަހީދެއްގެ ހަށިގަނޑު ހިފަހައްޓާފައިވާ ކަމަށެވެ. މީގެ ތެރެއިން ބައެއް ހަށިތަކަކީ އެތައް އަހަރެއް ވަންދެން ހިފަހައްޓާފައިވާ ހަށިތަކެވެ.

ޙަމާސްއިން އިތުރަށް ފާހަގަކޮށްފައިވަނީ، މި ޢަމަލުތަކަކީ "މަރުވެފައިވާ މީހުންގެ ޙައްޤުތައް ކަށަވަރުކޮށްދޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ސާފު ޚިލާފު" ކަމެއް ކަމަށެވެ. އަދި މީގެ މަޤްޞަދަކީ "ފަލަސްޠީނު ޢާއިލާތަކަށް އަދަބު ދިނުމާއި، އެމީހުންގެ ދަރިން ޢިއްޒަތްތެރިކަމާއެކު ވަޅުލުމުގެ ޙައްޤުން މަޙްރޫމްކުރުން" ކަމަށް ބުނެފައިވެއެވެ.

ފަހުގެ އަސީރުން ބަދަލުކުރުމުގެ މުޢާމަލާތްތަކުގައި އިސްރާއީލް ސިފައިންގެ ހަށިތަކާމެދު އިންސާނީ އުސޫލުތަކާ އެއްގޮތަށް ޢަމަލުކޮށްފައިވާކަން ފަލަސްޠީނު މުޤާވަމަތުން ސާބިތުކޮށްދީފައިވާ ކަމަށް ޙަމާސްއިން ބުނެފައިވެއެވެ. އެހެންނަމަވެސް އިސްރާއީލު ސަރުކާރުން ގެންގުޅެނީ "އަނިޔާވެރި އަދި ފެސިސްޓް" އުސޫލެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

އެކި ދުވަސްވަރު އިސްރާއީލުން ވަނީ އެތައް ސަތޭކަ ފަލަސްޠީނު ރައްޔިތުންގެ ހަށިތަައް އިސްރާއިލްގެ  ޤަބުރުސްތާނުތަކާއި މޯޗަރީ ތަކުގައި ބަހައްޓާފައެވެ. 

އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާތަކުން މިއީ "ލާއިންސާނީ" އަދި ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ދެކެއެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާގެ މައްޗަށް އިސްރާއީލުން ކުރަމުންދާ ޢުދުވާނާ ގުޅިގެން މި ޢަމަލުތައް އިތުރުވެފައިވާ ކަމަށް ޙަމާސްއިން ފާހަގަކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން