ދުނިޔެ
ޔަމަންގެ މިސައިލް ހަމަލާއެއްގެ ސަބަބުން އިސްރާއިލްގެ ބެންގޫރިއަން އެއަރޕޯޓުގެ އޮޕަރޭޝަނަށް ބުުރޫއަރައިފި

ޔަމަނުގެ ހޫޘީން އިސްރާއިލަށް ފޮނުވާލި މިސައިލް
ޔަމަންގެ ހޫޘީން ދޫކޮށްލި މިސައިލެއްގެ ސަބަބުން ޔައްފާ(ތެލްއަވީވް) ގައި އޮންނަ ބެންގޫރިއަން އެއަރޕޯޓުގެ އޮޕަރޭޝަނަށް ބުރޫއަރައިފިކަމަށް އިސްރާއިލްގެ ބްރޮޑްކާސްޓިން އޮތޯރިޓީ އިން ބުނެފިއެވެ.
އިސްރާއީލުގެ ބްރޯޑްކާސްޓިންގ އޮތޯރިޓީން މިއަދު ހާމަކުރި ގޮތުގައި، ޔަމަނުން ދޫކޮށްލި މިސައިލަކާ ގުޅިގެން ޔައްފާ (ތެލްއަވީވް) ކައިރީގައި ހުންނަ ބެން ގޫރިއަން އެއަރޕޯޓުގެ އޮޕަރޭޝަންތައް ކުޑައިރުކޮޅަކަށް ހުއްޓާލަން ޖެހުނެވެ. ނަމަވެސް މިސައިލް އިންޓަރސެޕްޓް ކުރުމަށްފަހު އެއަރޕޯޓުގެ އޮޕަރޭޝަންތައް އަލުން ވަނީ ފަށައިފައެވެ.
އިސްރާއީލުގެ މެދުތެރޭގެ ސަރަހައްދުތަކާއި، ޔައްފާ އަދި ޖާރުއްސަލަމް އަދި ޑެޑް ސީ ސަރަހައްދުގައި ސައިރަން އިންޒާރު އިވިގެން ދިޔަކަމަށް އޮތޯރިޓީން ބުނެފައިވެއެވެ. އިސްރާއީލުގެ ޑިފެންސް ފޯސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއަރ ފޯސްއިން މިއަދު ހެނދުނު މިސައިލް އިންޓަރސެޕްޓް ކޮށްފައިވާ ކަމަށެވެ.
ޔަމަނުގެ ހޫޘީގްރޫޕްގެ އަލް-މަސީރާ ޓީވީން ދައްކާފައިވާ މަންޒަރުތަކުގައި މިސައިލް އިސްރާއީލުގެ އެއަރ ސްޕޭސްއަށް ވަދެފައިވާކަމަށް ބުނެފައިވެއެވެ. އަދި މިކަމާ ގުޅިގެން "އެތައް މިލިއަނުން އިސްރާއީލީން ޝެލްޓަރތަކަށް ވަދެ" އަދި ބެން ގޫރިއަން އެއަރޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލަން ޖެހުނު ކަމަށް ބުނެފައިވެއެވެ. މި އޮޕަރޭޝަނާ ގުޅޭ ގޮތުން އިތުރު ބަޔާނެއް ނެރޭނެ ކަމަށްވެސް ހޫޘީން ބުނެފައިވެއެވެ.
މިއީ ވޭތުވެދިޔަ އާދިއްތަ ދުވަހު އިސްރާއީލުން ޔަމަނުގެ ވެރިރަށް ސަންޢާގައި ހިންގި އެއަރ ސްޓްރައިކްތަކަށްފަހު ހޫޘީން އިސްރާއީލަށް ދޫކޮށްލި ފުރަތަމަ މިސައިލް ހަމަލާއެވެ. ހޫޘީންގެ ބަހުން އެ ހަމަލާގައި 10 މީހުން މަރުވެ، 92 މީހުން ޒަޚަމްވިއެވެ.
އަލް-މަސީރާ ޓީވީން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ އެއަރ ސްޓްރައިކްތައް އަމާޒުވެފައިވަނީ ސަންޢާގެ މެދުތެރޭގައި ހުންނަ ސިކްސްޓީ ސްޓްރީޓްގެ އޮއިލް ކުންފުންޏެއްގެ ސްޓޭޝަނަކަށާއި، އެ ސިޓީގެ ދެކުނުގައި ހުންނަ ހަޒީޒް ޕަވަރ ސްޓޭޝަނަށެވެ.
މިކަން ހިނގައިފައިމިވަނީ ހޫޘީން އިސްރާއީލަށް ދެމުންދާ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި މިސައިލްތަކާއި ޑްރޯން ހަމަލާތަކާއި، އިސްރާއީލާ ގުޅުން ހުރި ނުވަތަ އިސްރާއީލަށް ދަތުރުކުރާ އުޅަނދުފަހަރަށް ދޭ ހަމަލާތައް ހިމެނެއެވެ. ހޫޘީން މިފަދަ ހަމަލާތައް ދެމުންދަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް އެ ގްރޫޕުން ބުނެއެވެ.