ޚަބަރު
ކުޅުދުއްފުށީ ފްރީ ޒޯނާއެކު ރީއެކްސްޕޯޓް ވިޔަފާރިއަށް ފުޅާ ދޮރުތަކެއް ހުޅުވިގެންދާނެ : ވަޒީރު ސައީދު

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ކުޅުދުއްފުށީ ސިޓީގެ ވިޔަފާރި ބަނދަރުގައި ޤާއިމްކުރެވުނު ފްރީ ޒޯނާއެކު ރާއްޖޭގެ ރީއެކްސްޕޯޓް ވިޔަފާރިއަށް ފުޅާ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުން ހިންގާ ކުޅުދުއްފުށީ ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް ފުޅާކުރުމަށް ބޭއްވި ރަސްމީއްޔާތަށް ފަހު މީޑިއާތަކާ ވާހަކަފުޅުދައްކަވަމުންނެވެ.
ކުޅުދުއްފުށީ ސިޓީގެ ވިޔަފާރި ބަނދަރަކީ މީގެ 20 ވަރަކަށް އަހަރު ކުރިން ތަރައްޤީކޮށްފައިވާ ސަރަހައްދީ ބަނދަރެކެވެ. ބޭރުން ގެންނަ މުދާ އެތެރެކުރުމަށް ހާއްސަކޮށްގެން ތަރައްޤީކޮށްފައި ވިޔަސް، ބަނދަރުގެ ޚިދުމަތްތައް ދިނުމުގައި ގޮންޖެހުންތަކެއް ހުރެ، އެންމެ އެކަށީގެންވާ ގޮތަށް ބޭނުންކުރެވޭ ގޮތް ކުރިން ވެފައި ނުވެއެވެ. ނަމަވެސް، މިހާރު މިބަނދަރުން އިތުރު ހަތަރު ޚިދުމަތެއް ދިނުމަށް ނިންމާ ޚިދުމަތްތައް ވަނީ ފުޅާކޮށްފައެވެ.
ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ތާޢަރަފް ކުރެވުނު ޚިދުމަތްތަކަކީ:
- ޑިއުޓީ ނުނަގާ މުދާ ބެހެއްޓުމުގެ ޚިދުމަތް ނުވަތަ ބޮންޑެޑް ޒޯނުގެ ޚިދުމަތް.
- ރިސޯޓުތަކަށް ޙާއްސަކޮށްގެން ބޮންޑެޑް ވެއަރ ހައުސް ޚިދުމަތް.
- އަތޮޅުތެރޭގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން މުދާ ބާލަން ޑޮމެސްޓިކް ބަނދަރުގެ ޚިދުމަތް.
- އިމާރާތްކުރުމުގެ ސިނާޢަތަށް ބޭނުންވާ ބަލްކް ކާގޯ ބެހެއްޓުމުގެ ޚިދުމަތް.
މި ޚިދުމަތްތައް ތަޢާރަފްކުރުމަށް ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި ބޭއްވި ރަސްމީއްޔާތަށް ފަހު މީޑިއާތަކާއި ވާހަކަދައްކަވަމުން އިޤްތިޞާދީ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ، ކުޅުދުއްފުށީގައި ފެށިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް ކަނޑައެޅުނު ރާއްޖޭގެ ފުރަތަމަ ފްރީޒޯން ކަމަށެވެ.
މި ސަރަހައްދު ކަނޑައެޅުމާއި ގުޅިގެން ކުޅުދުއްފުށީ ބަނދަރަށް އެތެރޭ ކުރާ މުދަލުގެ ތެރެއިން އެ ސަރަހައްދުގައި ޑިއުޓީ ދެއްކުމަކާއި ނުލާ މުދާ ބެހެއްޓޭނެއެވެ. ޑިއުޓީ ނަގާނީ ކަސްޓަމްސް ޤަވާއިދުތަކާއި އެއްގޮތަށް މުދާ ކްލިއަރ ކުރާ ހިސާބުންނެވެ. މި ސަރަހައްދުގައި ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ މުދަލާއި، ޑްރައި ގުޑްސް އަދި ބަލްކް ކާގޯ ބެހެއްޓޭނެއެވެ. މީގެ ސަބަބުން ބަނދަރަށް ގެންނަ ހިސާބުން ވިޔަފާރިތަކަށް ޑިއުޓީ ދައްކަން ނުޖެހި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ފްރީޒޯން ތަރައްޤީވުމުން ރީއެކްސްޕޯޓް ކުރުމަށް ފަހި މަގެއް ފަހިވެގެންދާނެ ކަމަށެވެ.
މިސާލަކަށް މިތަނަށް ވަކި ކަހަލަ މުދަލެއް ގެންނަނީ. ގެނެސް ޑިއުޓީ ފްރީ ޒޯނުގައި ބަހައްޓަންވީ. ބަހައްޓާފައި ވިޔަފާރިވެރިން ބޭނުންވަނީ އަގުއެއްކޮށްފައި ރީ އެކްސްޕޯޓް ކުރަން. އެހެންވީމަ ރީއެކްސްޕޯޓް ކުރެވޭނެ އިންތިޒާމު މިދިޔައީ ފަހިވެގެން. އެގޮތަށް ވިޔަފާރީގެ ކަންކަން މިދިޔައީ ފަހިވެގެން ބޯޑަރ ލެވެލްގައި .
ވަޒީރު
އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ރީއެކްސްޕޯޓް ވިޔަފާރި ފުޅާކުރުން ކަމަށާއި، ފުރަތަމަ ޒޯން ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި ކަނޑައެޅިގެން ދިޔަނަމަވެސް، ދެކުނާއި މެދުރާއްޖެތެރޭގައިވެސް މި ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެމަނިކުފާނުގެ ވިސްނުންފުޅެއް ކަމަށެވެ.
މީގެ އިތުރަށް، ރީއެކްސްޕޯޓް ވިޔަފާރިއަށް މަގުފަހިކުރުމަށްޓަކައި، މުދާ ބެހެއްޓުމުގެ އިތުރަށް މިސަރަހައްދުގައި އަގު އެއްކުރެވޭނެ ވަސީލަތްތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ޤާއިމްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު ރާއްޖެއަށް މުދާ އެތެރެކޮށް ޑިއުޓީ ދެއްކުމަކާއި ނުލައި އެ ސަރަހައްދުގައި އަގު އެއްކުރުމަށް ފަހު އެހެން ޤައުމުތަކަށް މުދާ ބޭރުކުރުމުގެ މަގުފަހިވެގެންދާނެއެވެ. ސަރުކާރުގެ ޢަމާޒަކީ ކުރިއަށް އޮތްތަނުގައި ޑިމާންޑް އުފެދޭ މިންވަރަށް ބަލައި ބޮންޑެޑް ސްޓޯރޭޖުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުޅުދުއްފުށީ ޕޯޓަށް މިހާރު ހަމަޖައްސާފައިވާ ބިމުގެ ސަރަޙައްދު ފުޅާކޮށް އިތުރަށް ތަރައްޤީކުރުމެވެ.