ދުނިޔެ
އިންޑިއާގެ އުތުރުގައި ވިއްސާރައިގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް 30 މީހުން މަރުވެއްޖެ

އިންޑިއާގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔަ ސަރަހައްދެއް
އިންޑިއާގެ އުތުރުގައި ވިއްސާރައިގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް 30 މީހަކު މަރުވެއްޖެއެވެ.
މިހާދިސާ ހިނގައިފައިވަނީ އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސްގެނެވެ. މިހާދިސާގެ ސަބަބުން މަދުވެގެން 30 މީހުން މަރުވެ، އަދި ގިނަ ބަޔަކަށް އަނިޔާވެއްޖެ ކަމަށް އޮފިޝަލުންނާއި ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ. މިއީ އިންޑިއާ އަދި ޕާކިސްތާނުގައި ވިއްސާރަ މޫސުމުގައި ވެހުނު ބޯ ވާރޭގެ ސަބަބުން ދިމާވި އެންމެ ފަހުގެ ކާރިސާއެވެ.
ސީނިއަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޕަރަމްވީރް ސިންގް، އަނަދޯލު ނިއުސް އޭޖެންސީއަށް ވިދާޅުވި ގޮތުގައި ސެކިއުރިޓީ ފޯސްތަކާއި، ޑިޒާސްޓަރ ރިލީފް ޓީމްތަކާއި އަދި ލޯކަލް ވޮލަންޓިއަރުން ވަނީ ސަރަހައްދު ސާފުކޮށް، ދިރިހުރި މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވެއެވެ.
މި ކާރިސާއާ ގުޅިގެން ވައިޝްނޯ ދޭވީ މަހާދޭވީއަށް ކުރާ ޒިޔާރަތްތައް ވަނީ މެދުކަނޑާލެވިފައެވެ. އަދި ސަރަހައްދުގެ އިންފްރާސްޓްރަކްޗަރަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ބްރިޖްތަކާއި މަގުތައް ވަނީ ވާރޭގައި ދައްވާލާފައެވެ. އަދި ގޭގެ ވަނީ ފެންބޮޑުވެފައެވެ.
އިންޑިއާގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޖިތެންދްރަ ސިންގް ވިދާޅުވި ގޮތުގައި ކަރަންޓާއި، ފެނާއި އަދި މޯބައިލް ޚިދުމަތްތައް އަލުން ރަނގަޅުކުރުމަކީ މިވަގުތުގެ އެންމެ އިސް އަމާޒެވެ. މިކަމަށްޓަކައި އޮތޯރިޓީތަކުން ރޭ ވެސް ވަނީ މެދުކެނޑުމެއްނެތި މަސައްކަތްކޮށްފައެވެ.
ޖޫން މަހުން ފެށިގެން އިންޑިއާގައި ވިއްސާރަ މޫސުމާ ގުޅުންހުރި ހާދިސާތަކުގައި 1,200 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި ޕާކިސްތާނުގައި ޖޫން މަހުގެ ފަހުން 800 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ހާދިސާތައް އިތުރުވަމުންދާ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.