ދުނިޔެ
އިސްރާއީލުގެ ހަމަލާއެއްގައި ސީރިއާގެ 6 ސިފައިން ޝަހީދުވެއްޖެ: ސަރުކާރުގެ މީޑިއާ

ސީރިއާގެ ސަރަހައްދެެއް
ސީރިއާގެ ވެރިރަށް ދިމިޝްގުގެ ދެކުނުގައި އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ސީރިއާގެ 6 އޮފިސަރުން ޝަހީދުވެއްޖެ ސީރިއާގެ ސަރުކާރު މީޑިއާ އެލް އިޚްބާރިއްޔާއިން ބުދަ ދުވަހު ހެނދުނު ރިޕޯޓުކޮށްފިއެވެ.
މިއީ ވެރިރަށް ދިމިޝްގު ސަރަހައްދުގައި އިސްރާއީލުން ހިންގި އަސްކަރީ ހަރަކާތްތަކާ ގުޅިގެން ސީރިއާއިން ކުށްވެރިކުރިތާ ދެވަނައަށްވީ ދުވަހު ދިން ހަމަލާއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
މި ހަމަލާ އަމާޒުކުރެވިފައިވަނީ އަލް-ކިސްވާ ސިޓީ ކައިރީގައި ހުރި ސީރިއާ އަސްކަރިއްޔާގެ މަރުކަޒުތަކަށެވެ. ބަޝާރު އަލް-އަސަދުގެ ވެރިކަން ނިމުމަށްފަހު، އިސްރާއީލުން ވަނީ ސީރިއާގެ އެކި ސަރަހައްދުތަކުގައި ހުރި އަސްކަރީ ތަންތަނަށް ސެތޭކައިގެ އަދަދަކަށް ހަމަލާ ދީފައެވެ.
މީގެ އިތުރުން، އިސްރާއީލުން ވަނީ 1974 ގެ އެއްބަސްވުމާ ޚިލާފަށް ސީރިއާގެ ގޯލަން އުސްބިމުގެ ހިސާބުތަކުގެ ބަފަރ ޒޯން ބައެއް ހިސާބުތައް އަތުލައިގެން ބިން ފޭރުން ފުޅާކޮށްފައެވެ. ސީރިއާގެ ބޯޑަރު ސަރަހައްދުގައިވާ މައުންޓް ހަރމޯން ސަރަހައްދުގައި އިސްރާއީލުގެ 60 ސިފައިން މިހާރު ތިބިކަމަށް ސީރިއާގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބުނެފައިވެއެވެ.
ސީރިއާގެ ފޮރިން މިނިސްޓަރު އަސަދު އަލް-ޝައިބާނީ ވިދާޅުވެފައިވަނީ އިސްރާއީލުން މިހާރު ވަނީ އިންޓެލިޖެންސް ފެސިލިޓީތަކާއި އަސްކަރީ މަރުކަޒުތައް ޑީމިލިޓަރައިޒްޑް ސަރަހައްދުތަކުގައި ގާއިމުކޮށް، އެ ސަރަހައްދުތައް ފުޅާކުރުމުގެ ރޭވުންތައް ކުރިއަށް ގެންދާ ކަމަށެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "ބޮޑު އިސްރާއީލު" އެއް އުފެއްދުމުގެ ވިސްނުން ހާމަކޮށްފައެވެ.
މި ހަމަލާތައް އަންނަނީ ސީރިއާގެ ސުވައިދާ ސަރަހައްދުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކަށްފަހުގައެވެ. ޖުލައި މަހު ހިނގި މި ހަމަނުޖެހުންތަކުގައި 1،400 މީހުން މަރުވެފައިވާއިރު، އެ ހަމަނުޖެހުންތައް ހުއްޓުވުމަށް ހަދާފައިވާ ހުއްޓުމަކަށް އައުމުގެ އެއްބަސްވުމަކަށްފަހު މިހާރު ވަނީ އެ ސަރަހައްދު ހަމަޖެހިފައެވެ.