ޚަބަރު
ސަރުކާރު ސްކޫލްތަކާ ޕްރައިވެޓް ސްކޫލްތަކުގައި ވެސް ކިޔަވައިދެނީ އެއް ކަރިކިއުލަމަކަށް: ވަޒީރު

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ސަފީޢު/ފޮޓޯ: ތަޢުލީމީ ވުޒާރާ
ރާއްޖޭގެ ސަރުކާރު ސްކޫލްތަކާ ޕްރައިވެޓް ސްކޫލްތަކުގައި ވެސް ކިޔަވައިދެނީ އެއް ކަރިކުލަމަކަށް ކަމަށާއި ކުދިން ހަދަނީ އެއް އިމްތިހާނެއްކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ސަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އޭލެވެލްގެ ފީ ކަނޑާލުމަކީ މާލީ ބުރައެއް ކަމަށާއި އަވަސް އަރުވާލައިގެން ދަރިވަރުންގެ ކުރި މަރާލަނީ ދިރާސާއެއް ވެސް ނުކޮށްކަމަށް ބުނެ "ސަން އޮންލައިން" އިން ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެންނެވެ.
މި ޚަބަރާ ގުޅިގެން ވަޒީރު ވިދާޅުވީ، އެއީ އެއްވެސް ވަރަކަށް ކަމުގެ ވާނުވާ އެނގުމަކާ ނުލައި ލިޔެފައިވާ ޚަބަރެއް ކަމަށެވެ. ހަމަ އެހެންމެ، އެ ޚަބަރުގައި މަޢުލޫމާތުތައް ލިޔެފައިވާ ގޮތުން ހާމަވަނީ، އެ އާޓިކަލް ލިޔެފައިވަނީ އެކަމާ ގުޅޭ އުޞޫލުވެސް ރަނގަޅަށް ކިޔުމަކާ ނުލާ، ނުވަތަ ގަސްތުގައި އޮޅުވާލުމާއި ފިތުނަ އުފެއްދުމުގެ ބޭނުމުގައިކަން ހާމަވާކަމަށެވެ. ހަމަ އެހެންމެ، އެއީ ވަރަށް "ވާނުވާ ނޭނގި" ލިޔެފައިވާ ޚަބަރެއްކަން ވަޒީރު ސިފަކުރެއްވިއެވެ.
ޕްރައިވެޓް ސްކޫލްތަކުގައި އޭލެވެލްގެ ފީ ކަނޑާލުމާ ގުޅިގެން ތަޢުލީމީ ވަޒީރު ވިދާޅުވީ، ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔެވޭނެ ކަމަށެވެ. އަދި އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަކަށްދާ ކުއްޖާގެ ފީ ދެއްކުމަކީ ދައުލަތުގެ ޒިންމާއެއް ނޫންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މިކަމަށް އިތުރަށް އަލިއަޅުއްވާލާ ވަޒީރު ވިދާޅުވީ، ގްރޭޑް 11 އަދި 12 އަށް ވަކި ގޮތެއް ހެދުމަކީ އިންސާފުވެރިގޮތެއް ނޫންކަމަށެވެ. އަދި އެގޮތަށް އެކަން ކުރާނަމަ ގްރޭޑް 1 އިން ފެށިގެން 10އަށް ސަރުކާރުގެ ސްކޫލަކަށް ވަންނަން ނޭދި އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަށް ވައްދާ ކުއްޖާއަށްވެސް ފީދައްކަން ވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިކަން މިގޮތަށް ކުރުމުގެ ނަތީޖާއަކަށް ވާނީ އަމިއްލަ ސްކޫލްތަކުގެ ބޭނުން ކެނޑުން ކަމަށެވެ. އަދި ސަރުކާރުގެ ސްކޫލަކަށް ކުއްޖާ ވަންނަން އެދި، އެ ރަށެއްގައި ހުންނަ ސަރުކާރުގެ ސްކޫލަކުން ޖާގަ ނުދެވޭ ހާލަތުގައި ތަޢުލީމީ ވުޒާރާއިން ފީ ދައްކާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ދުނިޔޭގެ ބައެއް މަދު ގައުމުތަކުގައި ދީނީ ގޮތުންނާއި ސަޤާފީ ގޮތުން ހުންނަ ތަފާތުތަކަށް ރިޢާޔަތްކޮށް، ބައެއް ދަރިވަރުންނަށް އެހީދޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ރާއްޖޭގައި އެފަދަ ޙާލަތެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި އެފަދަ ޙާލަތެއް ނެތް. އެއް ދީނެއް. އެއް ސަޤާފަތެއް. ކިޔަވައިދެނީ އެއް ކަރިކުލަމަކަށް، ކުދިން ހަދާނީ އެއް އިމްތިހާނެއް. އަމީނިއްޔާ ދަރިވަރުން ހަދާ އިމްތިހާނު ބިލަބޮންގ ގައިވެސް ހަދާނީ. ވ. އަތޮޅު ތަޢުލީމީ މަރުކަޒު ދަރިވަރުން ހަދާ އިމްތިހާނު ޣިޔާޘުއްދީން ދަރިވަރުންވެސް ހަދާނީ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ސަފީޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ ބައެއް ސްކޫލްތައް އިންޓަރނޭޝަނަލް ލޭބަލްގައި ހިންގި ނަމަވެސް، ހަޤީގަތުގައި ރާއްޖޭގެ ނިޒާމު ޤާއިމުކޮށްފައިވާގޮތުން ސާނަވީ ފެންވަރު އިމްތިހާނު ހަދާ ހުރިހާ ސްކޫލްތަކަކީ ވެސް އިންޓަރނޭޝަލް ސްޓޭންޑަޑުގެ ސްކޫލްތަކެއް ކަމަށެވެ.