ދުނިޔެ
ޣައްޒާ ހަނގުރާމައިގައި އިސްރާއިލް ސިފައިންނާއިއެކު އެމެރިކާގެ ސިފައިންވެސް ބައިވެރިވޭ: ހިޔުމަން ރައިޓްސް ވޮޗް

ނަތަންޔާހޫ އަދި ޓްރަމްޕް
ޣައްޒާ ހަނގުރާމައިގައި އިސްރާއިލް ސިފައިންނާއެކު އެމެރިކާ ސިފައިންވެސް ޢަމަލީ ގޮތުން ބައިވެރިވަމުން ދާކަމަށް ހިޔުމަން ރައިޓްސް ވޮޗްއިން ބުނެފިއެވެ.
އެ ޖަމްޢިއްޔާއިން ބުނެފައިވަނީ، އެމެރިކާގެ ސިފައިން ހަނގުރާމައިގައި ޢަމަލީގޮތުން ބައިވެރިވުމަކީ ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް އެމެރިކާގެ ސިފައިން ޤާނޫނީ ގޮތުން ޖަވާބުދާރީ ކުރެވިދާނެ ކަމެއްކަމަށެވެ.
އެ ޖަމްޢިއްޔާއިން ހާމަކުރި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ ސިފައިންނަށް އިންޓެލިޖެންސް މަޢުލޫމާތު ފޯރުކޮށްދީ، ޕްލޭނިންގ އަދި ކޯޑިނޭޝަންގައި އެހީތެރިވެދިނުމުގެ ސަބަބުން، އެމެރިކާއަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އިސްރާއީލް އާއި ޙަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އެއް ފަރާތްކަމަށް ވާނެކަމަށެވެ.
މި އޮޕަރޭޝަންތަކުގައި ބައިވެރިވާ ނުވަތަ މަޢުލޫމާތު އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާގެ ސިފައިންނަށް މުސްތަޤްބަލުގައި ޣައްޒާގައި ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ދައުވާ ކުރެވިދާނެކަމަށް ހިއުމަން ރައިޓްސް ވޮޗުން އިންޒާރުދީފައިވެއެވެ.
އެ ޖަމްޢިއްޔާއިން ހާމަކުރި ގޮތުގައި، އިންސާނިއްޔަތާ ދެކޮޅު ބޮޑެތި ޖަރީމާތައް ހިންގަމުންދާކަން އެނގިހުރެވެސް، އެމެރިކާގެ ޑިމޮކްރެޓިކް އަދި ރިޕަބްލިކަން އިދާރާތަކުން އިސްރާއީލަށް ހަތިޔާރު ވިއްކައި، އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން ވަނީ އިތުރުކޮށްފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން، 2025 ވަނަ އަހަރުގެ މެއި މަހާ ހަމައަށް އިސްރާއީލަށް ވިއްކި ހަތިޔާރުގެ އަގު 39 ބިލިއަން ޑޮލަރަށްވުރެ އިތުރުވެފައިވާ ކަމަށާއި، މި ހަތިޔާރުތައް ބޭނުންކޮށްގެން ޣައްޒާގައި ހިންގި ހަމަލާތަކުގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އެތައްހާސް މީހުން ޝަހީދުވެފައިވެއެވެ.
ހިޔުމަން ރައިޓްސް ވޮޗުން އެމެރިކާއަށް ގޮވާލާފައިވަނީ އިސްރާއީލަށް ދޭ ހުރިހާ ހަތިޔާރާއި އަސްކަރީ އެހީތެރިކަމެއް ހުއްޓާލުމަށާއި، އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކުގައި ބައިވެރިވާ އިސްރާއީލީ އިސްވެރިންގެ މައްޗަށް ފިޔަވަޅު އެޅުމަށެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކޮށް، ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓާލަންދެން ވިޔަފާރީގެ އެއްބަސްވުންތައް ހިފެހެއްޓުމަށްވެސް ގޮވާލާފައިވެއެވެ.