Ads by Stelco

ޚަބަރު

އެމްސީޖީއެޗްގެ އައިިނު ފިހާރައެއް ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ހުޅުވައިފި

އެމްސީޖީއެޗްގެ އައިިނު ފިހާރައެއް ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ހުޅުވައިފި

ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވުން. ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2025، 09:30

27 އޯގަސްޓު 2025، 09:30

އައިނު ހެއްދުމަށް ރައްޔިތުން ކުރާ ބޮޑު ހޭދައަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އައިނު ފިހާރައެއް މިއަދު ހުޅުވައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ކަނބިލި ބިލްޑިންގުގެ ތިރީ ފަންގިފިލާގައި ހުޅުވި "އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ" ހުޅުވައިދެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކާ ގުޅިގެން ހުޅުވި ދެވަނަ އައިނު ފިހާރައެވެ.

މި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، "މި ޚިދުމަތް ފެށުމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ ނުގޮސް ޚިދުމަތް ހޯދަން ފަސޭހަވެގެންދާނެ" ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގައި ވެސް އައިނު ފިހާރަތައް ހުޅުވުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ފިހާރައިން އާސަންދައިގެ 2000 ރުފިޔާގެ ލިމިޓްގެ ތެރެއިން ދިވެހި ކޮންމެ ރައްޔިތަކަށް ހިލޭ އައިނު ހެއްދޭނެއެވެ. އަދި މި ފިހާރައަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކޮށްފައިވާ ފިހާރައެކެވެ. ފިހާރައިން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ޚިދުމަތް ދެމުންގެންދާނެއެވެ.

އައިޖީއެމްއެޗްގައި މިދިޔަ މަހު ހުޅުވި އައިނު ފިހާރައިން 28 ޖުލައި އިން 25 އޮގަސްޓާ ހަމައަށް 1161 އައިނު ހަދާފައިވާއިރު، ކޮންމެ ދުވަހަކު ވެސް 80-100 އަށްވުރެ ގިނަ ރައްޔިތުން އެ ފިހާރައަށް ޒިޔާރަތްކުރާ ކަމަށް ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން