ދުނިޔެ
އައިއޭއީއޭގެ އިންސްޕެކްޓަރުން އިރާނަށް އައުމުގެ މާނައަކީ އެމީހުނަށް ފުރިހަމަ އަށް އެއްބާރުލުން ދިނުމެއްނޫން: އިިރާން

އިންޓަނޭޝަނަލް އެޓޮމިކް އެނާރޖީ އޭޖެންސީ

ފަރުދުން
27 އޯގަސްޓު 2025، 09:27
27 އޯގަސްޓު 2025، 09:27
އިންޓަނޭޝަނަލް އެޓޮމިކް އެނާރޖީ އޭޖެންސީ (އައިއޭއީއޭ)ގެ އިންސްޕެކްޓަރުން އިރާނަށް އައުމަކީ އދ. ގެ ނިއުކްލިއަރ ވޮޗްޑޮގާއެކު ފުރިހަމަ އެއްބާރުލުން އަލުން ފެށުން ނޫންކަމަށް އިރާނުން ބުނެފިއެވެ.
އިރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ހުއްދައާއެކު އައިއޭއީއޭގެ އިންސްޕެކްޓަރުން އިރާނަށް ވަދެފައިވާކަމަށް އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ބުދަ ދުވަހު ވަނީ ވިދާޅުވެފައެވެ.އަދި އައިއޭއީއޭއާއެކު އައު އެއްބާރުލުމުގެ އޮނިގަނޑެއްގެ އެއްވެސް ފައިނަލް ލިޔުމެއް އަދި ފާސްކޮށްފައި ނުވާކަމަށާއި، މިކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
ޖޫން މަހު އިސްރާއީލާއެކު ހިނގި 12 ދުވަހުގެ ހަނގުރާމައަށްފަހު، އިރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް އިސްރާއީލާއި އެމެރިކާއިން ދިން ހަމަލާތައް ކުށްވެރިނުކުރުމާ ގުޅިގެން އައިއޭއީއޭއާއެކު އޮތް އެއްބާރުލުން އިރާނުން ހުއްޓާލާފައިވެއެވެ. ނަމަވެސް މި ހަމަލާތަކުގައި ބުޝެހުރު ނިއުކްލިއަރ ރިއެކްޓަރަށް އަމާޒުކޮށްފައެއް ނުވެއެވެ.
އިރާނުން ޔޫރަޕްގެ ބާރުތަކާއެކު ޖެނީވާގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމާއެކު، 2015 ވަނަ އަހަރުގެ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ނިއުކްލިއަރ އެއްބަސްވުމުގެ ދަށުން އަނބުރާ ތަންފީޒުކުރަން އެކަށީގެންވާ ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައިވާ "ސްނެޕްބެކް" ސެންކްޝަންތައް ތަންފީޒުކުރުން ހުއްޓުވުމަށް އިރާނުން މަސައްކަތްކުރަމުންދެއެވެ.
އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ހަމައެކަނި ސިވިލް ބޭނުންތަކަށް، އެގޮތުން ހަކަތަ އުފެއްދުމަށް ހިންގާ ޕްރޮގްރާމެއްކަމަށް އިރާނުން ބުނަމުންދާއިރު، އިސްރާއީލުން ބުނަނީ އިރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާކަމަށެވެ.
ޖޭސީޕީއޯއޭގެ ދަށުން އިރާނުގެ ނިއުކްލިއަރ އެނަރޖީ ޕްރޮގްރާމް ޤަވާއިދުން ބަލާ ފާސްކުރުމަށް އެއްބަސްވެފައިވާއިރު، 2018 ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އެއްބަސްވުމުން ވަކިވެ، އިރާނުގެ މައްޗަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެއެވެ.