ޚަބަރު
ސްކޭމްތަކުން ރައްކާތެރިވުމަށް ބ. ދޮންފަނު އިސްރަށްވެހީންނަށް ޚާއްޞަ ހަރަކާތެއް ބާއްވައިފި

ސްކޭމްތަކުން ރައްކާތެރިވުމަށް ބ. ދޮންފަނުގައި ކުރިޔަށް ގެންދިޔަ ހަރަކާތް، ފޮޓޯ: ފުލުހުން

ފަރުދުން
28 އޯގަސްޓު 2025، 08:19
28 އޯގަސްޓު 2025، 08:19
ބ. ދޮންފަނު އިސްރަށްވެހީންނަށް ޚާއްޞަކޮށްގެން ސްކޭމްތަކުން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ހަރަކާތެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިޔަށް ގެންގޮސްފިއެވެ.
މި ހަފްތާގެ ހޯމަ ދުވަހު މި ހަރަކާތް ކުރިޔަށް ގެންދިޔައީ ދޮންފަނު ޕޮލިސް ޕޯސްޓުންނެވެ. އެގޮތުން ފުލުހުން ވަނީ ރަށު ތެރެއިން އިސްރަށްވެހިންނާ ބައްދަލުކޮށް، ސްކޭމްތަކުން ރައްކާތެރިވުމަށް އަމަލުކުރަންވީ ގޮތްތަކާއި، ސްކޭމްކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ބުނެދީ ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން ކިޔައިދީފައެވެ. ވަކިން ޚާއްޞަކޮށް ނުދަންނަ މީހުންގެ ފޯނުކޯލުތަކަށް ޖަވާބުދާރީ ނުވުމަށާއި ފޯނަށް އަންނަ އޯޓީޕީ ކޯޑު ހިއްސާނުކުރުމަށް އިރުޝާދު ދީފައިވެއެވެ.
އަދި ސްކޭމްގެ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ލީފްލެޓެއް ވެސް ފުލުހުން ވަނީ އިސްރަށްވެހިންނަށް ދީފައެވެ. މި ލީފްލެޓުގައި ސްކޭމްގެ ބާވަތްތަކާއި، ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތަކުގެ މަޢުލޫމާތު ހިމެނެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤުސަދަކީ އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ޖިނާއީ ކުށްތައް މަދުކުރުމެވެ.
ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ލިބިދާނެ އިތުރު ގެއްލުމަކުން ސަލާމަތްވުމަށް ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން މުހިންމެވެ. އަދި އޮންލައިން ޓްރާންސެކްޝަނަކާ ގުޅުންހުރި ކަމެއްނަމަ،ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް އަވަހަށް ބްލޮކް ކުރަންވާނެއެވެ.
ސޯޝަލް މީޑިއާފަދަ ޕްލެޓްފޯމްތަކުގައި ބޭނުންކުރާ އެކައުންޓު ހެކްކޮށްފިނަމަ، އެންމެހައި މުޢާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެޓުފޯމަށް އަވަހަށް ރިޕޯޓުކުރުން މުހިންމެވެ.
މީގެ އިތުރުން، މިފަދަ ކަންކަމުގެ މަޢުލޫމާތު ފުލުހުންނަށް ޚިއްސާކުރުމާއި، އެހެންމީހުންގެ ސަމާލުކަމަށް ތިމާގެ ތަޖުރިބާ ޙިއްސާކުރުމަކީ ވެސް މިފަދަ ކުށްތައް މަދުކުރުމަށް ކުރެވިދާނެ ކަމެކެވެ.