ޚަބަރު
އިއްޔެގެ އިހުތިޖާޖުން އެއްވެސް ނޫސްވެރިއަކު ހައްޔަރެއް ނުކުރޭ: ފުލުހުން

ގްރީން ޒޯންގައި އިޙުތިޖާޖުކުރަން ތިބި ނޫސްވެރިންނާ ފުލުހުން މުޢާމަލާތް ކުރަނީ، ފޮޓޯ: މިހާރު

ފަރުދުން
28 އޯގަސްޓު 2025، 09:10
28 އޯގަސްޓު 2025، 09:10
ނޫސްވެރިކަން ރެގިއުލޭޓުކުރުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވުމާ ގުޅިގެން، އެ ބިލުގެ ސަބަބުން ނޫސްވެރިކަން ނުވަތަ ޚިޔާލުފާޅުކުރުން ހަނިވެގެންދާނެކަމަށް ބުނެ ބައެއް ނޫސްވެރިން އިއްޔެ ބޭއްވި އިޙުތިޖާޖުގައި އެއްވެސް ނޫސްވެރިއަކު ހައްޔަރު ނުކުރާކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.
ނޫސްވެރިކަން ރެގިއުލޭޓުކުރުމާ ގުޅޭ ބިލަކީ 19 އޯގަސްޓުގައި ތުޅާދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ޢަބްދުލްޙަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލުގެ ފުރަތަމަ ކިއުން އިއްވައި، އިބްތިދާއީ ބަހުސް ވެސް އެ ދުވަހު ވަނީ ފަށާފައެވެ. ނަމަވެސް އެ ބިލަށް ބަހުސްކުރުމަށް ގިނަ މެންބަރުންނަށް ފުރުޞަތު ދިނުމުގެ ގޮތުން، މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި އެ ބިލަށް ބަހުސްކުރުމަށްފަހު، މަޖިލީހުން ބަލައިގަތުމަށް ވަނީ ނިންމާފައެވެ.
މިކަމާ ގުޅިގެން އިއްޔެ ހެނދުނުން ފެށިގެން ނޫސްވެރިން އިޙުތިޖާޖުކުރަމުން ދިޔައީ "ގްރީން ޒޯން"ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރުޙައްދުގައެވެ. ފުލުހުން ހާމަކުރި ގޮތުގައި އެ ސަރަޙައްދަކީ ޤާނޫނީ ގޮތުން އިޙުތިޖާޖު ކުރުން މަނާ ސަރަޙައްދަކަށް ވުމުން، އެ ސަރަޙައްދު ދޫކޮށް ދިއުމަށް އަންގާފައިވާނެކަމަށެވެ. އަދި މިއީ އާންމު ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެންގި އެންގުމެއްކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
#MPSPressStatement: 171-A(C1)/PS/2025/16 - Maldives Police Service Clarifies Reports Related to Protest in Malé https://t.co/ZWrnQ8NKf1 #MPSNoosBayaan pic.twitter.com/6oquEYFakx
— Maldives Police (@PoliceMv) August 27, 2025
ފުލުހުން ބުނީ ޤާނޫނީ ގޮތުން ނޫސްވެރިންނަށް ލިބިދޭ ޙައްޤުތަކަށާއި އަދި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީއެއްގައި މުހިންމުކަމެއްކަމަށް ޤަބޫލުކޮށް އެކަމަށް ފުރިހަމައަށް އިޙްތިރާމްކުރާ ކަމަށެވެ. އެގޮތުން، ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ކުރިޔަށް ގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ.