ޚަބަރު
ކުމުންދޫގައި ޤާއިމްކުރި ޕޮލިސް ޕޯސްޓް ހުޅުވައި ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފި

ކުމުންދޫގައި ޤާއިމްކުރި ޕޮލިސް ޕޯސްޓް ހުޅުވުން/ފޮޓޯ: ފުލުހުން
ހދ. ކުމުންދޫގައި ޤާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
މި ޕޮލިސް ޕޯސްޓަކީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް، ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުވި ޕޯސްޓެކެވެ.
ކުމުންދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި ކުމުންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަމީންއެވެ. މި ރަސްމއްޔާތުގައި، ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ކުމުންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަމީންއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ، ޕޮލިސް ޕޯސްޓް ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި އަޕަރ ނޯތު ޕޮލިސްގެ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީ ބައިވެރިވެވަޑައިގެންނެވިއެވެ. ހަމަ އެހެންމެ، ކުޅުއްފުށި ސިޓީ ކޮމާންޑަރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހުމާ ސަޢީދު އާއި ކުމުންދޫ ކައުންސިލް މެމްބަރުންނާއި އެރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
ކުމުންދޫގައި ޕޮލިސް ޕޯސްޓް ހުޅުވައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ދޭންފަށާފައިވާއިރު، އެރަށުގައި ފުލުހުންގެ އައު މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްވެސް އިއްޔެ ވަނީ ފަށާފައެވެ.