ޚަބަރު
ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށްޓަކައި އެގްރޯނެޓް ބޯޓުތައް ހިންގުމަށް އެމްޓީސީސީ އާއެކު މަޝްވަރާކޮށްފި

އެގްރޯނެޓް ބޯޓު/ފޮޓޯ: ސަން އޮންލައިން
ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށްޓަކައި އެގްރޯނެޓް ބޯޓުތައް ހިންގުމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާއިން އެމްޓީސީސީ އާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި އެމްޓީސީސީއިން ވަނީ، ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށްޓަކައި އެގްރޯނެޓް ބޯޓުތައް އެ ކުންފުނީގެ އުޅަނދުތަކުގެ ތެރޭގައި ހިމަނައިގެން ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
އެމްޓީސީސީން ވިދާޅުވީ، މިކަމަށް ރައީސް އޮފީހުގެ އިސް ފަރާތްތަކުގެ ނިންމުމެއް ބޭނުންވާ ކަމަށެވެ. އަދި ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާގެ އިރުޝާދާއެކު، މި ނިންމުން ހަމަޖެހުމާއެކު، މިކަން ކުރިއަށް ގެންދިއުމަށް އެކުންފުނިން ތައްޔާރަށް ތިބިކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. މީގެ އިތުރުން، އެމްޓީސީސީން މިހާރުވެސް ފެރީ ޚިދުމަތްތަކުގެ ތެރެއިން ތާވަލުތަކެއް ހަދާފައިވުމުން، އެ ވުޒާރާއިން ތާވަލުތައް މުރާޖަޢާކޮށް، ލޮޖިސްޓިކްސްގެ ޕްލޭނެއް އެކުލަވާލުމަށްފަހު މި މަޢުލޫމާތު ދަނޑުވެރިންނަށް އަންގައިދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކޭނެ އިންތިޒާމްތައް ފަހިކޮށްދިނުމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާއިން އެކި ފަރާތްކާއެކު ދަނީ މަސައްކަތްކުރަމުންނެވެ.