ދުނިޔެ

އެމެރިކާގައި ބިދޭސީ ދަރިވަރުންނާއި ނޫސްވެރިންނަށް ދިގު މުއްދަތަށް މަޑުކުރެވޭ އުސޫލު ހަރުކަށިކޮށްފި

އެމެރިކާގައި ބިދޭސީ ދަރިވަރުންނާއި ނޫސްވެރިންނަށް ދިގު މުއްދަތަށް މަޑުކުރެވޭ އުސޫލު ހަރުކަށިކޮށްފި

އެމެރިކާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 އޯގަސްޓު 2025، 01:44

28 އޯގަސްޓު 2025، 01:44

އެމެރިކާގެ  ރައީސް ޑޮނަލްޑް ޓްރަންޕްގެ ސަރުކާރުން، ބިދޭސީ ދަރިވަރުންނާއި ނޫސްވެރިންނަށް އެގައުމުގައި މަޑުކުރެވޭނެ މުއްދަތު ހަރުކަށިކުރުމަށްޓަކައި އާ ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މިއީ އެގައުމަށް ޤާނޫނީ ހިޖުރަ ކުރުން ހަރުކަށިކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ ހުށައެޅުމެވެ.

ހުށަހަޅާފައިވާ ބަދަލުތަކުގެ ދަށުން، ބިދޭސީ ދަރިވަރުންނަށް އެމެރިކާގައި ހަތަރު އަހަރަށްވުރެ ގިނަ ދުވަހު މަޑުނުކުރެވޭނެއެވެ. މީގެ ކުރިން ބިދޭސީ ދަރިވަރުންނަށް އެމީހުންގެ ކިޔެވުމުގެ މުއްދަތަށް ވީސާ ދޫކުރެވޭއިރު، އެއްވެސް ނޮން-އިމިގްރަންޓް ވީސާއެއް 10 އަހަރަށްވުރެ ދިގު ނުވާނެއެވެ. ނޫސްވެރިންނަށް 240 ދުވަހަށް ވުރެ ގިނަ ދުވަހު މަޑެއްނުކުރެވޭނެއެވެ. ނަމަވެސް އިތުރު 240 ދުވަހަށް މުއްދަތު އިތުރުކުރުމަށް އެދެވިދާނެއެވެ.

މި ހުށަހެޅުން، އެމެރިކާގެ ސަރުކާރުގެ ގެޒެޓް، "ފެޑެރަލް ރެޖިސްޓަރ" ގައި ޝާއިޢުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިކަމަށް އާންމުންގެ ހިޔާލު ހޯދުމަށް ކުރު މުއްދަތެއް ދީފައިވާއިރު، އޭގެ ފަހުން މި ބަދަލުތަކަށް އަމަލުކުރަން ފެށޭނެއެވެ.
ޓްރަންޕްގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ބުނެފައިވަނީ، ބިދޭސީ ބައެއް ފަރާތްތަކުން އެމެރިކާގައި ދާއިމީކޮށް މަޑުކުރުމަށްޓަކައި އެމީހުންގެ ކިޔެވުން ދިގު މުއްދަތަށް ދިގުދައްމަމުންދާ ކަމަށެވެ. 

މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އެ ޑިޕާޓްމަންޓުން ބުނެފައިވަނީ:

ފާއިތުވީ ސަރުކާރުތަކުން ވަރަށް ދިގު މުއްދަތެއްގައި ބިދޭސީ ދަރިވަރުންނަށާއި އެހެނިހެން ވީސާ ލިބިފައިވާ ފަރާތްތަކަށް އެމެރިކާގައި ދާއިމީކޮށް މަޑުކުރެވުމުގެ ފުރުސަތު ދީފައިވޭ. މިއީ ސަލާމަތީ ގޮތުން ނުރައްކާތައް ކުރިމަތިކުރުވާ އަދި އެތައް ބިލިއަން ޑޮލަރުގެ ޓެކްސް ފައިސާ ހަރަދުކޮށް އެމެރިކާގެ ރައްޔިތުންނަށް ގެއްލުންވާ ކަމެއް.


ނަމަވެސް، ބައިނަލްއަޤްވާމީ ދަރިވަރުންގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް ގެއްލުން ވަނީ ކިހިނެއްކަމެއް އެ ޑިޕާޓްމަންޓުން  ސާފުކޮށް ބަޔާނެއް ނުކުރެއެވެ. ވިޔަފާރި ކޮމަރުސް ޑިޕާޓްމަންޓްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރު ބައިނަލްއަޤްވާމީ ދަރިވަރުން އެމެރިކާގެ އިޤްތިސާދަށް 50 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

2023-2024 ވަނަ އެކަޑަމިކް އަހަރު އެމެރިކާއިން ވަނީ 1.1 މިލިއަނަށްވުރެ ގިނަ ބައިނަލްއަޤްވާމީ ދަރިވަރުންނަށް މަރުޙަބާ ކިޔާފައެވެ. އެހެން އެއްވެސް ޤައުމަކަށްވުރެ ގިނަ ދަރިވަރުން އެމެރިކާއަށް ލިބޭއިރު، މިއީ އެގައުމުގެ ޔުނިވަރސިޓީތަކަށް މުހިންމު އާމްދަނީއެއް ލިބޭ މަސްދަރެކެވެ. ސަބަބަކީ ބިދޭސީ ދަރިވަރުން ކިޔެވުމުގެ ފީ ދައްކާތީއެވެ.

އެމެރިކާގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ އިސްވެރިން ތަމްސީލުކުރާ ޖަމާއަތަކުން މިފަހަރުގެ ބަދަލުތަކަށް ފާޑުކިޔާ ބުނެފައިވަނީ، މިއީ ހަމައެކަނި ބޭކާރު  މަސައްކަތެއް ކަމަށާއި، ކިޔެވުމާ ބެހޭ ގޮތުން ނިންމުންތައް ނެގުމަށް ހުރަސްއަޅާ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިރާސާތަކަށާއި ވަޒީފާ އުފެއްދުމަށް އެހީތެރިވާނެ ގިނަ ދަރިވަރުން އެމެރިކާއަށް ދިއުމަށް ނުރުހުންވާނެ ކަމަށެވެ.


"ޕްރެޒިޑެންޓްސް އެލަޔަންސް އޮން ހަޔަރ އެޑިޔުކޭޝަން އެންޑް އިމިގްރޭޝަން" ގެ ރައީސް އަދި ސީއީއޯ މީރިއަމް ފެލްޑްބްލަމް ވިދާޅުވީ، "މި ހުށަހަޅާފައިވާ ޤަވާއިދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މޮޅު ފަރާތްތަކަށް ދޭ މެސެޖަކީ އެމީހުންގެ މަސައްކަތްތަކަށް އެމެރިކާއިން އެއްވެސް އަގެއް ނުދޭ ކަމެވެ. މިއީ ބައިނަލްއަޤްވާމީ ދަރިވަރުންނަށް ގެއްލުންވާ ކަމަކަށް ވުމުގެ އިތުރުން، އެމެރިކާގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށް މޮޅު ދަރިވަރުންނަށް އަޅައިގަތުމުގެ ގާބިލުކަން ކުޑަވެ، ގްލޯބަލް މުބާރާތްތަކުގައި އެމެރިކާގެ މަގާމު ދަށްވާނެއެވެ."

މި އިއުލާނު މިކުރީ ޔުނިވަރސިޓީތަކުން އެމީހުންގެ އެކަޑަމިކް އަހަރު ފަށައިގަންނަމުންދަނިކޮށެވެ. ޓްރަންޕް ސަރުކާރުން ކުރިން އަޅާފައިވާ ފިޔަވަޅުތަކަށްފަހު ބައިނަލްއަޤްވާމީ ދަރިވަރުންގެ އަދަދު މަދުވެފައިވާ ކަމަށް ގިނަ ޔުނިވަރސިޓީތަކުން ރިޕޯޓްކުރެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން